ޚަބަރު

ރުޤްޔާގެ ނަމުގައި ޖިންސީ ގޯނާކުރިމިހާ ޝަރީއަތް ނިމެންދެން ބަންދަށް


ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކާއި އޭނަގެ 3 ދަރިންނަށް ޖިންސީ ގޯނާކުރި މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އިއްޔެ ނިންމާފައިވަނީ މި މައްސަލާގައި ހައްޔަރުކުރި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނާއެވެ. އޭނާއަކީ ރުޤްޔާ ކުރުމުގެ ނަމުގައި ތިންމައިންނަށް ޖިސްމާނީ އަނިޔާދީ ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މީހާއެވެ. މިމިހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައި މިވަނީ އެނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުންނެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ މީގެކުރިން އަމުރުކޮށްފައެވެ. އެ މީހާއަކީ މި ހާދިސާގައި އަނިޔާ ލިބުނު އަންހެން މީހާ ކައިވެނިކޮށްގެން އުޅޭ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އެކުދިންނަކީ މި މީހާގެ ދޮންދަރިންނެވެ.

މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން އަންނަނީ ތަހްގީގުކުރަމުންނެވެ.

އުތުރުގެ ރަށެއްގައި އަންހެނަކަށް ރުޤްޔާ ކުރުމުގެ ނަމުގައި ރަހީނުކޮށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް އެ އަންހެންމީހާ ވަނީ ކިޔާދީފައެވެ. އަދި ރުޤްޔާކުރުމުގެ ނަމުގައި އައި މީހާ މި އަންހެންމީހާގެ 3 ދަރިންނަށްވެސް ޖިންސީ ގޯނާކޮށްފައެވެ.

ފުލުހުން ވިދާޅުވީ މިފަދަ މައްލަތަކަކީ ސީރިއަސް މައްސަލަތަކަކަށްވުމާއެކު މިފަދަ މައްސަލަތަކަށް ރައްޔިތުން ސަމާލުވާންޖެހޭކަމަށެވެ. އަދި ކުޑަކުދިންނާގުޅޭ މިފަދަ މައްސަލަތަކުގެ އެއްވެސް މައުލޫމާތެއް އެނގިވަޑައިގަންނަވާނަމަ ފުލުހުންނަށް ނުވަތަ ކަމާގުޅޭ އިދާރާތަކަށް ރިޕޯޓްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.