ޚަބަރު

"ޖަންޕް އިން މޯލްޑިވްސް" - ދިވެހިންނަށާއި ފަތުރުވެރިންނަށް ސްކައިޑައިވް ކުރުމަށް ފުރުޞަތެއް


"ޖަންޕް އިން މޯލްޑިވްސް"ގެ ނަމުގައި ދިވެހިންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚާއްސަކޮށްގެން ސްކައި ޑައިވިންގ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ތައްޔާރުވެއްޖެއެވެ.

މި ސްކައި ޑައިވިންގ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މަންޓާ އެއަރ އާއި ސްކައި ޑައިވް މޯލްޑިވްސް އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް ގުޅިގެންނެވެ. އަދި އެންމެ ފުރިހަމަ ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްޓަކައި ސްކައި ޑައިވް ގަތަރާއި ރެއޯލޯ ޓްރެވަލްސްއިން ވެސް މި ޕްރޮގްރާމް ހިންގުމުގައި ޙަރަކާތްތެރިވާނެއެވެ.

މި ޙަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި މަންޓާ އެއަރ އިން ވަނީ "ސެސްނާ 208" މަރުކާގެ މަތިންދާބޯޓެއް ވެސް ރާއްޖެ ގެނެސްފައެވެ. މި ބޯޓު މިހާރު އޮތީ ކުޑަހުވަދޫގައި ތަރައްޤީކޮށްފައިވާ ދާލު އެއަރޕޯޓުގައެވެ. މަންޓާ އެއަރލައިނުން ބުނީ މި މަތިންދާބޯޓާއެކު ރާއްޖޭގައި ސްކައި ޑައިވިންގއަށް ޚާއްސަ ޑްރޮޕް ޒޯންތަކެއް ކަނޑައެޅިގެންދާނެއެވެ.

އެގޮތުން އެންމެ ފުރަތަމަ ޑްރޮޕް ޒޯނެއްގެ ގޮތުގައި ކަނޑައަޅާނީ ދާލު އަތޮޅުގެ ސަރަޙައްދެއްކަމަށް މަންޓާ އެއަރ އިން ބުނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އިތުރު ސަރަޙައްދުތަކެއްގައިވެސް ޑްރޮޕް ޒޯންތަކެއް ކަނޑައެޅިގެންދާނެ ކަމަށް އެ އެއަރލައިނުން ބުނެއެވެ.

މި ސްކައި ޑައިވިން ޕްރޮގްރާމުގައި ލައިސަންސް ލިބިފައިވާ ޕްރޮފެޝަނަލް ސްކައި ޑައިވަރުންނަށް ބައިވެރިވެވޭނެއެވެ. އަދި އިންސްޓްރަކްޓަރަކާއި އެއްކޮށް ސްކައިޑައިވް ކުރުމުގެ ފުރުސަތު ދިވެހިންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބިގެންދާނެކަމަށް މަންޓާ އެއަރއިން ބުނެއެވެ.

މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އަދި މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ކުރިއަށް އޮތްތަނުގައި ހާމަކުރަމުންދާނެ ކަމަށް އެ އެއަރލައިނުން ބުނެއެވެ.

ސްކައި ޑައިވިންގ އަކީ ފަހަކަށް އައިސް މީހުންގެ ތެރޭގައި ވަރަށް ބޮޑަށް މަޤުބޫލުވަމުން އަންނަ ޙަރަކާތެކެވެ. ރާއްޖެއިން ބޭރުންވެސް ބައެއް ފަތުރުވެރިން ސްކައި ޑައިވިންގ ކުރުމަށް ރާއްޖެއަށް އަންނަކަން ފާހަގަކުރެވެއެވެ.