ވިޔަފާރި

ކޯވިޑް ވެކްސިނާއެކު ފަތުރުވެރިންގެ ދަތުރުތަކަށް ލުއިތަކެއް ލިބިގެންދާނެ: މިނިސްޓަރ މަޢުސޫމް


ކޯވިޑް-19އާ ދެކޮޅަށް ތައްޔާރުކުރަމުންދާ ވެކްސިންތަކާއެކު ރާއްޖެ އަންނަ ފަތުރުވެރިން ދަތުރުކުރުމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަޢުސޫމް މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްޢިއްޔާގެ ފަރާތުން އިންތިޒާމުކުރެއްވި "ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީ"ގެ 7 ވަނަ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ކޯވިޑް-19 ވެކްސިން ތަޢާރަފުކުރެވި ބޭނުންކުރެވެން ފެށުމާއެކު ފަތުރުވެރިންނަށް ޕީ.ސީ.އާރު ޓެސްޓުތައް ހެދުމުގައި ދިމާވާ ދަތިތައް ހައްލުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކޯވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަ ފާހަގަކުރައްވާ، މިނިސްޓަރ ވިދާޅުވީ 2021 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެންދާނެ އަހަރެއްކަމަށް ލަފާކުރައްވާކަމަށެވެ.

"ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީ" އަކީ ދުނިޔޭގެ އެކި ޤައުމުތަކަށް ފަތުރުވެރިކަމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތައް ހިއްސާކޮށް އެކަންކަމަށް ހައްލެއް ގެނައުމަށްޓަކައި ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްޢިއްޔާއިން އެކުލަވާލެއްވި ކޮމެޓީއެކެވެ.

މި ބައްދަލުވުމުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނަރަލް ޒޫރަބް ޕޮލޮލިކަޝްވިލީގެ އިތުރުން މި ޖަމްޢިއްޔާގެ މެންބަރު ޤައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.