ޚަބަރު

ޓުޓިކޮރިންއިން ރާއްޖޭގެ ދެކުނަށް އައި ފުރަތަަމަ ކާގޯ ފެރީ އައްޑޫ ސިޓީގައި ބަނދަރުކޮށްފި


އިންޑިއާގެ ޓުޓިކޮރިންއިން ރާއްޖޭގެ ދެކުނަށް އައި ފުރަތަަމަ ކާގޯ ފެރީ އައްޑޫގެ ސައުތް އިންޓަރނޭޝަނަލް ޕޯޓްގައި ބަނދަރުކޮށްފިއެވެ.

ޓުޓިކޮރިންއިން އައްޑޫ ސިޓީއަށް އައި ފުރަތަަމަ ކާގޯ ފެރީ ސައުތް އިންޓަރނޭޝަނަލް ޕޯޓްއަށް އައިސްފައިވަނީ މިއަދު ހަވީރު 4:15 އެހާކެއް ހާއިރުއެވެ. މިދިޔަ ހޯމަ ދުވަހު އިންޑިއާއިން ފުރައިގެން އައި "އެމްވީ ބޮންތި 2" ސައުތް އިންޓަރނޭޝަނަލް ޕޯޓްއަށް ވަނުމާއެކު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ވަނީ ވޯޓަރ ސެލިއުޓެއް އަރުވާފައެވެ. މޯލްޑިވްސް ޝިޕިންގް އިން ބުނީ، ޓުޓިކޮރިން އިން ރާއްޖޭގެ ދެކުނަށް އައި ފުރަތަމަ ކާގޯ ފެރީގައި، 2713.34 މެޓްރިކް ޓަނުގެ މުދާ ގެނެސްފައިވާކަމަށެވެ.

އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫ ސިޓީއަށް އައި ފުރަތަަމަ ކާގޯ ފެރީއަށް މަރުޙަބާކިޔުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްއެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރުއާއި މޯލްޑިވްސް ސްޓޭޓް ޝިޕިންގްގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުﷲ ސައީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވީ، މިއީ މިމަހުގެ 6 ވަނަ ދުވަހު އަންނަން އޮތް ބޯޓެއް ނަމަވެސް، މޫސުން ގޯސްވުމާއި ގުޅިގެން ޓުޓިކޮރިން ބަނދަރުން މުދާ އެރުވުމުގައި ދަތިތަކެއް ދިމާވެ ދަތުރު ލަސްވީކަމަށެވެ. މިއީ އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ އަދި ހުވަދޫ ގުޅާލުމުގެ ގޮތުން ބާއްވާ ކާގޯ ފެރީއެކެވެ. މި ކާގޯ ފެރީން ކޮންމެ 20 ދުވަހަކުން ދަތުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރީން އިންޑިއާގެ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާއި ދެމެދުވެސް ވަނީ ކާގޯ ފެރީގެ ޙިދުމަތުން ގުޅާލާފައެވެ. އެގޮތުން ކުޅުދުއްފުއްޓާއި ކޮޗިން އާއި ދެމެދު ކާގޯ ފެރީގެ ޙިދުމަތް ފަށާފައިވަނީ މިއަހަރު ސެޕްޓެމްބަރުމަހުއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ބޭރު ޤައުމުތަކުން މުދާ ގެންނަ ބޯޓުތައް އަންނަން ފަށާފައިވާއިރު، ރާއްޖެއިން ބޭރުން ރާއްޖޭގެ އެކި އަތޮޅުތަކަށް ސީދާ މުދާ ގެނެއުމަގެ މަސައްކަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ މުހިއްމު ވައުދުފުޅެކެވެ.