ޚަބަރު

ބޭނުންނެތް ގޮތުގައި އެއަރޕޯޓަށް ނުދިއުމަށް އަނެއްކާވެސް އިލްތިމާސްކޮށްފި


ބޭނުންނެތް ގޮތުގައި އެއަރޕޯޓަށް ނުދިއުމަށް އެމްއޭސީއެލްއިން އަނެއްކާވެސް އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން މިކަމަށް އިލްތިމާސްކޮށްފައިވަނީ މިދުވަސްވަރު ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަމުންދާތީ އާއި ރާއްޖޭގެ އެކި ރަށްރަށަށްކުރާ ޑޮމެސްޓިކް ދަތުރުތައް ވެސް އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރ ޙަސަން އަރީފް ވިދާޅުވީ ކޯވިޑް-19ގެ ހާލަތަށްފަހު އަބަދުވެސް ބޭނުންނެތް ކަންކަމުގައި ކޮންމެހެން ދާން ޖެހިގެން ނޫނީ އެއަރޕޯޓަށް ނުދިއުމަށް ރައްޔިތުންނަށް އިލްތިމާސް ކުރާކަމަށެވެ.

އެކުންފުނިން މީގެ ކުރިންވެސް ވަނީ މިކަމަށް އިލްތިމާސް ކޮށްފައެވެ. އެމްއޭސީއެލްއިން ބުނީ އަނެއްކާވެސް މިކަމަށް އިލްތިމާސްކުރަން ޖެހުނީ ދަތުރުފަތުރުތައް ގިނަވެ ފުރާމީހުންނާއި އަންނަ މީހުން ގިނަވާތީކަމަށެވެ. އަދި ފުރާ މީހުންނާއެކު ކޮންމެހެން އަންނަން ނުޖެހޭ މީހުން އަންނަ މިންވަރު ގިނަވެފަވާކަންވެސް އެމްއޭސީއެލްއިން ވަނީ ފާހަގަކޮށްފައެވެ.

މިއީ ރައްކާތެރިނޫން އަދި ގިނަ ބަޔަކަށް ނުރައްކާވެދާނެ ކަމެއްކަމުން މިގޮތަށް އެއަރޕޯޓަށް އައިސް ގޮސް ހަދާ މީހުންނަށް އެންމެ ފުރަތަމަ ނަސޭހަތްތެރި ވާނެ ކަމަށާއި، އަދި އެއަރޕޯޓްގައި ހަދާފައިވާ ޕްރޮޓޮކޯލްގެ ދަށުން ނުކިޔަމަންތެރިވާ މީހުންނަށް ފުލުހުން ފިޔަވަޅު އަޅާނެ ކަމަށްވެސް އަރީފް ވިދާޅުވިއެވެ.