މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ ޖަޖުން އިޢުލާންކޮށްފި


ފްރެންޗައިންޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ޖަޖުންގެ ގޮތުގައި، މަރިޔަމް އުނޫޝާ، އިބްރާހިމް ޒައިދު އަލީ އަދި އަހުމަދު އިބްރާހިމް ފްރިމެންޓަލް މީޑިއާއިން ހޮވައިފިއެވެ. ޖަޖުންގެ ގޮތުގައި މި 3 ފަރާތް ހޮވާފައިވާކަން އިޢުލާންކޮށްފައި ވަނީ މިރޭ އެކަމަށްޓަކައި، ޓީވީއެމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި 3 ފަންނާނުން މޯލްޑިވިއަން އައިޑަލްގެ ޖަޖުންގެ ގޮތުގައި ކަނޑައަޅާފައިވަނީ ޕީ.އެސް.އެމުން ކުރިއަށްގެންދިޔަ އޮޑިޝަންތަކުން ފްރެމެންޓަލް މީޑިއާއިން ބަލަންޖެހޭ ބެލުންތަކަށް ބެލުމަށްފަހުއެވެ. މި 3 ފަރާތަށް ޖަޖުންގެ ގޮތުގައި ހޮވުނުކަމުގެ ރަސްމީ އެގްރީމެންޓް ހަވާލުކޮށްދެއްވީ ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އައިމިނަތު ޝާޔަން ޝާހިދެވެ. މޯލްޑިވިއަން އައިޑަލްގެ ޖަޖުންގެ ގޮތުގައި ހޮވުނު ފަރާތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާޔަން ވިދާޅުވީ، މި 3 ޖަޖުންނަކީވެސް މިކަމަށް އެންމެ ޤާބިލު ތިން ފަރާތްކަމާމެދު ޕީ.އެސް.އެމުން ޝައްކުނުކުރައްވާކަމަށެވެ. އަދި ހުނަރުވެރި ޒުވާނުންތަކެއް އުފައްދާ، އާއްމުންގެ ތެރެއަށް ނެރެދިނުން ވެގެންދާނީ މި ތިން ޖަޖުންގެވެސް އެންމެ ބޮޑު މަސްއޫލިއްޔަތުގެ ގޮތުގައިކަން ޝާޔަން ފާހަގަކުރެއްވިއެވެ. މޯލްޑިވިއަން އައިޑަލްގެ ޖަޖުންނާއި ޕްރެޒެންޓަރު އިޢުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އިންޑިއަން އައިޑަލް ޖޫނިއަރގެ ކްރިއޭޓިވް ޑައިރެކްޓަރ ސަތިޝް ދަތު ބުނީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި އާއްމުންގެ ތަރުހީބާއި، މަޤުބޫލުކަން ހޯދާފައިވާ އައިޑަލް ޝޯވ ރާއްޖޭގައި ބޭއްވިގެންދާތީ އެކަމާއި އުފާކުރާކަމަށެވެ. އަދި މި ޝޯވގެ ހުރިހާކަމެއްވެސް ބިނާވެގެންދާނީ އާއްމުން މުނިފޫހިފިލުވައިދިނުމަށް ކަމަށާއި، ޝޯވގެ ކޮލެޓީއާއި ސްޓޭންޑަޑް ހިފެހެއްޓުމުގައި ފްރެމެންޓަލް މީޑިއާގެ ފަރާތުން ހުރިހާ އެހީތެރިކަމެއް ލިބިގެންދާނެކަމަށެވެ. ޖަޖުންގެ ގޮތުގައި ހޮވުނު ތިން ފަރާތުންވެސް ދެކެނީ މިފުރުސަތަކީ މިއުޒިކީ ދާއިރާގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައެވެ. އަދި ފްރެމެންޓަލް މީޑިއާއިން ދިން މިފުރުސަތުގެ ބޭނުން ހިފާ، ވީހާވެސް ކާމިޔާބު ޝޯވއަކަށް މޯލްޑިވިއަން އައިޑަލް ހެދުމަށް މަސައްކަތް ކުރާނެކަމަށް މި ތިން ޖަޖުންވެސް ބުނެފައިވެއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ޕްރައިޒެއްގެގޮތުގައި ކަނޑައަޅާފައިވާ އިނާމްވެސް އިޢުލާންކޮށްފައެވެ. ގްރޭންޑް ޕްރައިޒް އިޢުލާންކޮށްދެއްވީ ޕީ.އެސް.އެމްގެ ޗެއަރމަން އިބްރާހިމް އުމަރު މަނިކެވެ. މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ހަމަޖައްސާފައިވަނީ ދެ ލައްކަ ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމެކެވެ.