ޚަބަރު

ކަރަންޓީންވާނެ ތަނެއްނެތި ރަށަށް ނުދެވި ތިބި މީހުންނަށް އެހީވާނަން: ޖެންޑަރ މިނިސްޓްރީ


ކޯވިޑް-19އާއެކު ފުރަބަންދަށް ދެމުންއައި ލުއިތަކަށްފަހު މަގުމަތީގައި ޙާލުގައި ޖެހި ސަލާން ޖަހަމުން އަންނަ ބިދޭސީން ފެނެއެވެ. ވަޒީފާ ގެއްލި އެތައް ބަޔަކު ބިކަވެފައިވެފައިވާ ތަން ފެނިގެންދިޔައީ މީޑިއާތަކުގެ ލެންސްތަކަށް މަންޒަރުތައް އަރަންފެށި ހިސާބުންނެވެ. އެކި ބޭނުންތަކަށް މާލެއައިސް އަނބުރާ ދެވޭނެ ގޮތް ނެތި މާލޭގައި ތާށިވެފައި ތިބި އެތައް ބަޔަކު އަދިވެސް މާލޭގެ އެކި ތަންތަނުގައި ތިބިކަން މިވަނީ ހާމަވެފައެވެ.

މީޑިޔާތައް ހިމަނައިގެން ފުލުހުން ކުރިއަށްގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަންގައި މިވަބާގައި ޖެހި މާލޭގެ އެކި ސަރަޙައްދުތަކުގައި ބިކަވެފައިތިބި މީހުންނާއި އެނޫން ވެސް ހާލަތްތައް މެދުވެރިވެ ޙާލުގައި ޖެހިފައިވާ މީހުންވަނީ ފެނިގެން ގޮސްފައެވެ.

މީގެ ތެރޭގައި ވަޒީފާއަށް މާލެއަށް އައިސް ކޯވިޑްގެ ސަބަބުން އަނބުރާ ރަށަށް ދެވޭނެ ގޮތް ނެތިގެން މަގުމަތިވެފައިވާ މީހުންވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. މީގެތެރެއިން ބައެއް މީހުން ބުނި ގޮތުގައި ވަޒީފާއަށް މާލެއައިސް އަނބުރާ ރަށަށް ދެވެން ނެތީ ރަށުގައި ކަރަންޓީން ވާނެ ގޮތެއް ނެތިގެންނެވެ. އަދި ކަރަންޓީންވާނެ ތަނެއް ނެތް ފަރާތްތަކަށް ރަށަށް ދާން ހުއްދަ އެޗްޕީއޭއިން ނުދޭތީ މިފަރާތްތަކުންވަނީ މާލެއަށް މިހާރު ގިނަވެފައެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ވިދާޅުވީ ރަށަށް ގޮސް ކަރަންޓީންވާނެ ތަނެއް ނެތިގެން އެއްވެސް ފަރާތުން މިނިސްޓްރީގައި އެހީއަށް އެދިފައި ނުވާކަމަށެވެ. ޖެންޑަރ މިނިސްޓްރީން ވިދާޅުވީ އަމިއްލަ ރަށަށް ގޮސް ކަރަންޓީން ވާނެ ތަނެއް ނެތް ފަރާތްތަކުން އެކަން މިނިސްޓްރީއަށް ލިޔުމުން އެންގުމުން އެރަށްރަށާއި ގުޅައިގެން ރަށުގައި ކަރަންޓީން ވެވޭނެ ގޮތް ހަމަޖައްސާ މާލީ ގޮތުން އެހީ ބޭނުންވާނަމަ އެކަންވެސް ކުރައްވާނެކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއްލިބި، އެކަމުގެ ނޭދެވޭ އަސަރު އާންމުންގެ ދިރިއުޅުމަށް ދަނީ ކުރަމުންނެވެ. މާލީ ގޮންޖެހުންތަކާއި، ވަޒީފާތައް ގެއްލުންފަދަ ކަންކަން ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް ދަނީ ކުރިމަތިވަމުންނެވެ. އެހެންކަމުން ވަޒީފާ ހޯދުމުގެ ބޭނުމުގައި ނުވަތަ ކަށަވަރު ނުވާ ވަޒީފާތަކަށް އެދިގެން އަމިއްލަ ރަށްނޫން އެހެންތަނަކަށް ދިއުމަކީ މިދުވަސްވަރު އެހާ ބުއްދިވެރިކަމެއްނޫނެވެ. ވަކިން ޚާއްސަކޮށް މާލެފަދަ ދިރިއުޅުމުގެ ޚަރަދުތައް ބޮޑު ތަނަކަށް އަންނައިރު، ހުންނާނެތަނަކާއި، ކެއުންބުއިމުގެ އިންތިޒާމްތައް ހުރީ ހަމަޖެހިފައިތޯ ކަށަވަރުކުރުމަކީ މިފަދަ ދަނޑިވަޅެއްގައި ވަކިން ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.

ކޯވިޑް-19ގެ ސަބަބުން ޢިއުލާންކުރި ފުރަބަންދުގެ ސަބަބުން އެކި ސަބަބުތަކާހެދި މާލެ އައުމަށްފަހު އެނބުރި ރަށަށް ނުދެވި ތިބި މީހުންނާއި ވަޒީފާ ގެއްލުމާއި އެނޫންވެސް ސަބަބުތަކާހެދި ކުލި ދެއްކޭނެ ގޮތެއް ނެތި މަގުމަތިވި އެތައް ބަޔަކަށް ޖެންޑަރ މިނިސްޓްރީން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އެފަދަ ހާލަތްތައް މެދުވެރިވެފައިވާ މީހުންނަށް ކަމާއި ގުޅުންހުރި ފަރާތްތަކާއި ގުޅިގެން އެފަރާތްތަކަށް އެހީތެރިކަން ފޯރުވައިދިނުމުގެ މަސައްކަތް އެ މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ.

އެގޮތުން އެހީއަށް ބޭނުންވާ ފަރާތްތަކުން 1421 މެދުވެރިކޮށް އެހީއަށް އެދެވޭނެ ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. ކޯވިޑް-19އާއި ގުޅިގެން ރަށްރަށަށް ދާއިރު 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަންޖެހެއެވެ. މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19އިގެ ނުރައްކާ ކުޑަކޮށް ރާއްޖޭގައި ކޯވިޑް ކޮންޓްރޯލް ކުރުމަށެވެ.