ކުޅިވަރު

"ރާރާ ޕްރޯ" ގެ އެއްވަނަ ހަސަން މާހިރަށް


އައިކޯނިކް އިވެންޓްސްއިން އިންތިޒާމުކޮށްގެން ކ. ދިއްފުށީގައި ކުރިއަށްގެންދިޔަ "ރާރާ ޕްރޯ 2025 - މޯލްޑިވްސް ކައިޓް ބޯޑިން އެކްސްޓްރާވެގެންޒާ" ގެ އެއްވަނަ ރާއްޖޭގެ އެއްވަނަ ކައިޓްބޯޑަރު ހަސަން މާހިރު (ހަންޓޭ) ހޯދައިފިއެވެ.

މިމަހުގެ 10އިން 12 އަށް ކުރިއަށް ދިޔަ މި އިވެންޓުން ދެވަނަ ހޯދާފައިވަނީ މިމުބާރާތުގެ އެމްބެސަޑަރުކަމަށްވާ އަރަމުން އަންނަ އުންމީދީ ކައިޓް ބޯޑަރ މުހަންމަދު ރާއިފް ޝަނީޒް (ރާއިއްޕެ) އެވެ، އަދި ތިންވަނަ ހޯދާފައިވާނީ ހދ. ވައިކަރަދޫއަށް ނިސްބަތްވާ ވިސާމް މުހަންމަދުއެވެ.

ކާމިޔާބުކަމާއެކު ނިމިގެން ދިޔަ އައިކޯނިކް އިވެންޓްގެ ފުރަތަމަ މުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން މުބާރާތް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވި އެއް ފަރާތްކަމަށްވާ ހަސަން ރަޝީދު (ރަޝް) ބުނީ މުބާރާތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭކަމަށެވެ. މުބާރާތަށް ކުޑަތަންވެފައިވަނިކޮށް ވައިވެސް ބޭނުންވާ ކޮންޑިޝަނަށް އައިކަމަށާ އެކަމުގެ ސަބަބުން މުބާރާތް ކުރިއަށް ގެންދަން ފަސޭހަވިކަމަށް އޭނާ ބުންޏެވެ.

"އައިކޯނިކް އިވެންޓްސްގެ ފަރާތުން ފުރަތަމަ މުބާރާތް "ރާރާ ޕްރޯ" ވަރަށް ސަކްސެސްފުލްކަމާއެކު ނިންމާލެވުނީ. ވަރަށް ޗެލެންޖެސް އެބަހުރި ބެކްހޭންޑުގަ. އެކަމަކުވެސް އެތުލީޓުން ވަރަށް ހެޕީވެފަ ތިބީ. މިދިޔަ ހަފްތާގައި ވައި ވަރަށް މަޑުވެފަ އޮވެފަ ހަމަ ކުއްލިއަކަށް މުބާރާތުގައި ރަނގަޅު ވައި ލިބުން. މުބާރާތުގައި ވައި މިބޭނުންވަނީ. މި ކޮންޑިޝަން، މިރޭހަށް. ކޮންޑިޝަން ލިބުނީމަ ވަރަށް އުފަލުން ތިބީ" ހަސަން ބުންޏެވެ.

ހަސަން ބުނީ މިފަދަ މުބާރާތެއް ކާމިޔާބުކަމާއެކު ނިންމާލެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކުކަމަށެވެ. އަދި މުބާރާތަށް ޖުމްލަ ތިން ދުވަސް ހޭދަވިކަމަށާ، އެގޮތުން ފުރަތަމަ ދުވަސް ޚާއްސަކުރީ މުބާރާތުގެ އޯޕަނިންއަށްކަމަށް އޭނާ ބުންޏެވެ. ދެވަނަ ދުވަހު ޕްރެކްޓިސް ރޭސް ބާއްވާފަކަމަށާ، އެދުވަހު މެންދުރުފަހު ތިން ރޭހެއް ކުރިއަށްދިޔަކަމަށް އޭނާ ފާހަގަކުރިއެވެ. އަދި މުބާރާތުގެ ތިންވަނަ ދުވަހުވެސް ތިން ރޭހެއްޖެހިކަމަށް ހަސަން ބުނެފަވެއެވެ.

"ސޯ ޓޯޓަލް ހަ ރޭސް ބާއްވާފަ އޭގެ ތެރެއިން ކޮންމެ އެތުލީޓެއްގެވެސް ބެސްޓު ފޯ ރޭސް އޭނަގެ ޓޯޓަލްއަށް ކައުންޓުކޮށްގެން. ދެން "ރާރާ ޕްރޯ" ސީރީޒްގެ ފުރަތަމަ ވިނާރސް މިހޮވީ. ހަންޓޭ އެއްވަނަ ހޯދައިގެން ފުރަތަމަ ޓައިޓަލް މި ސީރީޒްގެ މިކާމިޔާބުކުރީ" މުބާރާތުގައި ޕޮއިންޓު ދެވުނުގޮތާ ގުޅޭގޮތުން ހަސަން ބުންޏެވެ.

23 އެތުލީޓުންނާއެކު މިމުބާރާތް ބާއްވާފަވާއިރު ސްރީލަންކާ އަދި ޔޫކްރެއިންގެ ދެ އެތުލީޓަކުވެސް މިމުބާރާތުގައި ރެޖިސްޓްރީވިކަމަށާ އެހެން ނަމަވެސް ވިންޑު ކޮންޑިޝަން ލަފާކުރިގޮތުން މުބާރާތުގައި ވާދަކޮށްފައިނުވާކަމަށް ހަސަން ބުނެފަވެއެވެ. "ރާރާ ޕްރޯ ބޭއްވީ ދިއްފުއްޓަކީ މިފަދަ މުބާރާތެއް ބޭއްވުމަށް ވަރަށް އެކަށޭނަ މަންޒިލެއްކަމަށާ މިމުބާރާތުގެ ސަބަބުން ރަށުގައި ކުރިއަރަމުން އަންނަ ލޯކަލް ޓޫރިޒަމްއަށް ފައިދާކުރާނެކަމަށް އޭނާ ފާހަގަކުރިއެވެ.