ޚަބަރު

ދޮންދައްތަގެ ވާހަކަ: މަސްތުވާތަކެތީގެ ދަލުން މިންޖުނުވެވިގެން އުޅޭތާ 21 އަަހަރު


މަސްތުވާތަކެތީގެ މައްސަލައަކީ މިހާރު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާޢީ މައްސަލައެވެ. މިވަބާގައި ޒުވާން ޖީލު ހަލާކުވެ އެތައް ޢާއިލާއެއް ވަނީ ބިކަވެފައެވެ. ރާއްޖެފަދަ ފަތުރުވެރިކަމަށް މަޝްހޫރު ޤައުމެއްގައި މަސްތުވާތަކެތީގެ އަނދިރިކަމުގެ ވާހަކަދެއްކުމަށް ފަސްޖެހެއެވެ. މިވަބާގައި ޖެހި ދިރިއުޅުން ހަލާކުވެފައިވާ މީހުންނާއި، މި ވަބާގެ ކެކުޅުމުގައި އުޅެމުންދާ އެތައް ބަޔަކާއި ބައްދަލުވެ ވާހަކަދައްކާލުމުގެ ފުރުސަތު އަޅުގަނޑަށް ލިބިގެންދިޔައެވެ.

އެގޮތުން އެންމެ ފާހަގަވެގެންދިޔަ އެއްފަރާތަކީ ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ވަތް ގެއަކުން ދިމާވި އަންހެނެއްގެ ވާހަކައެވެ. އުމުރުން 50 އަހަރަށްވުރެ މަތިވެފައިވާ މި އަންހެން މީހާއަކީ މަސްތުވާތަކެތީގެ ވަބާގައި އޭނާގެ ޒުވާން އުމުރާއި އެތަކެއް ފައިސާ ބޭކާރުކޮށްލި މީހެއްކަމަށް އޭނާ އިއުތިރާފުވެއެވެ.

57 އަހަރުގެ މި އަންހެން މީހާއަކީ މަސްތުވާތަކެތީގެ ނެޓްވޯކްތައް ހިންގާ ވިޔަފާރިކުރާ ފަރާތްތަކަށް އެހީވެ މިތަކެތި ފޮރުވުމަށް އެހީވާ މީހެއްކަމަށް ފުލުހުން ހާމަކުރެއެވެ. ޅަ ދުވަސްވަރު މަސްތުވާތަކެތީގެ ވަބާއަށް ތަޢާރަފްވި މި އަންހެންމީހާ ވަނީ އޭނާއަށް މިކަން ފެށުނުގޮތް ފުލުހުންގެ އޮޕަރޭޝަންގައި ބައިވެރިވި ނޫސްވެރިންނާއި ހިއްސާކޮށްފައެވެ. އެމްޕީއެލްގައި ހަރުދަނާ ވަޒީފާއެއް އަދާކުރަމުން ދަނިކޮށް އުމުރުން 3 އަހަރުގެ ތުއްތު ދަރިއެއް އޮއްވާ ފިރިމީހާ ނިޔާވުން ވެގެންދިޔައީ ލިބުނު އެންމެ ބޮޑު ހިތާމައިގެ ގޮތުގައި އޭނާ ސިފަކުރިއެވެ. މި ނާޒުކު ޙާލަތުގައި ހުއްޓާ އެކުވެރިއަކު ދިއްކޮށްލި ސިނގިރޭޓަކީ މަސްތުވާތަކެތީގެ މި ނުރައްކާތެރި ދަލުގައި ޖެހުނު ގޮތްކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުގެ ދަރިފުޅު އުމުރުން 3 އަހަރުގައި ފިރިމީހާ ނިޔާވީ. ދެން މި ހިތާމައިގައި ހުއްޓާ ރައްޓެއްސަކު ބުނީ ތިހެން ހާސްވާން ނީނދެ ނިކަން އައިސްބަލާށޭ. އޭނަ ދިނީ ސިނގިރޭޓެއް. އެ ބޮއިގެން ވަރަށް ލުއިވި ބޮލަށް. މިކިޔާ ހައި އެއް އެވީ. އޭރު ނޭނގެ މިބޭނުންކުރެވުނީ މަސްތުވާއެއްޗެއްކަމެއް. މި ސިނގިރޭޓު ބޯލުމަށް ފަހު އެކަނި ގެޔަށްވެސް ނުދެވުނު. އެކުވެރިޔާ ޓެކްސީގައި ގެޔަށް ލައި ދިނީވެސް. އަޅުގަނޑަށް މާފަހުން އެނގުނީ އެޔަށް އަޅާފައި ހުރީ ހަޝިޝް އޮއިލްކަން" މި އަންހެން މީހާ ކިޔާދިނެވެ.

މި ނުރައްކާތެރި ވަބާގައި ޖެހި މަސްތުވާތަކެއްޗަށް އަޅުދާސްތުވެފައިވާ މި އަންހެންމީހާ ބުނީ އެންމެ ފުރަތަމަ ބޭނުންކުރުމަށްފަހު އަނެއް ދުވަހުވެސް ގަޑި ހަމަވާއިރަށް މަސްތުވުމަށް ބޭނުންވިކަމަށެވެ. މިކަން އާދައަކަށްވެ މަސްތުވުމަށް ބޭނުންކުރާ އެކި ތަކެއްޗަށް ތަޢާރަފްވަމުންގޮސް ދިރިއުޅުމުގެ އެންމެ މުހިންމު ދުވަސްތައް މިވަބާގެ ޝިކާރައަކަށްވެގެން ދިޔައީކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު އެގެއަށް ދެން ދާން ފެށީ. ގޮސްފައި ރައްޓެހި ،މީހާ އަތުން ރުފިޔާ ދީގެން ބައެއް ފަހަރު ސަތޭކަ ނޫނީ ފަންސާސް ރުފިޔާ ދީގެން މަސްތުވާން އެއްޗެހި ގަންނަން ފެށީ. ރައްޓެހި މީހާ ނުފެނިއްޖެއްޔާ އޭނަގެ ފިރިމީހާކައިރިންވެސް އަހާ ހޯދަން. އެހާ ބޮޑަށް އަޅުދާސްތުވި އަޅުގަނޑު" އަންހެން މީހާ ކިޔާދިނެވެ.

1990ގެ ކުރީކޮޅު މަސްތުވާތަކެތި ބޭނުންކުރަން ފަށާ ދެހާހުގެ އަހަރުތަކާއި ހަމައަށް ދިޔައިރު މީހާވަރަށް ބޮޑަށް ބަލިވިކަމަށް "ދޮންދައްތަ"ގެ ނަމުން މަޝްހޫރުވެފައިވާ އަންހެންމީހާ ކިޔާދިނެވެ. އޭރު ބަލިބޮޑުވެ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރަށް ދާންޖެހުމުން މަސްތުވާތަކެއްޗާއި ދުރުވެ ކޮންމެވެސް ވަރެއްގެ އަލިކަމެއް ލިބުނުކަމަށް ދޮންދައްތަ ކިޔާދިނެވެ. އެހެންނަމަވެސް، އެނބުރި ރާއްޖެއައިސް ކުށުގެ މާހައުލަކަށް އަންނަން ޖެހުމަކީ އަލުން އޭގެތެރެއަށް ވަދެވުނު ސަބަބެއް ކަމަށް އޭނާ ބުންޏެވެ.

ދޮންދައްތައާއެކު އޭނާގެ ކޮއްކޮއެއްވެސް އެގެޔަށް ގޮސް މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅިފައިވުމަކީ އޭނާ އެންމެ ހިތާމަކުރާ ކަންތައް ކަމަށް އަންހެން މީހާ ކިޔާދިނެވެ. މިހާރު އުމުރުން 53 އަހަރު ވެފައިވާ އަންހެން ކޮއްކޮވެސްވަނީ އޭނާގެ ދައްތައާއެކު މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން ދިއުމަކީ ދިރިއުޅުމުގެ ހަލާކުގެ ގޮތުގައި ސިފަކޮށްފައެވެ.

"ވަރަށް ދެރަވޭ އަޅުގަނޑު. މިއީ އަޅުގަނޑުގެ ދިރިއުޅުމުގެ ހަލާކު. އެތައް ފައިސާއެއް ޒުވާން އުމުރެއް މިދިޔައީ ބޭކާރު ވެގެން. އެކަމު މިހާރު މިދަނީ މިކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުން" އަންހެން ކޮއްކޮ ކިޔާދިނެވެ.

އުމުރުގެ އެންމެ މުހިންމު ދުވަސްތައް މަސްތުވާތަކެތީގެ ޝިކާރައަކަށްވި މި ދެ އަންހެނުންވެސް މިއަދު ބޭނުންވަނީ މި ކަމުން ސަލާމަތް ވުމަށެވެ. އެގޮތުން އަމިއްލައަށް އެދިގެން ދޮންދައްތަ މިހާރު ދަނީ ރިހެބަށް ދިއުމަށް މަސައްކަތްކުރަމުންނެވެ. ދޮންދައްތަ ވަނީ މި ވަބާއަކީ ދިރިއުޅުން ހަފުސްކޮށްލާ ދިރިއުޅުން ކިލަނބުކޮއްލާ ވިހައެއްކަމަށް ސިފަކޮށް މިކަމާއި ދުރަށް ދިއުމަށް ދިވެހި މުޖުތަމަޢުއަށް ގޮވާލާފައެވެ.

"މި ވަބާގެ ސަބަބުން އަޅުގަނޑުގެ މުޅި ދިރިއުޅުން ބަރުބާދު މިވީ. އަޅުގަނޑުގެ ދަރިފުޅުގެ ދިރިއުޅުންވެސް މިވަނީ ކިލަނބުކަމެއްގެ ތެރޭގައި. ދޮންދައްތަ ބުނާނެ ވާހަކައެއްނެތް މިކަމާ އެންމެންވެސް ދުރައްދާންވީ" ފެންކަޅިވެފައި ހުރެ ދޮންދައްތަ ކިޔާދިނެވެ.

މި ކިޔާދެވުނީ ދޮންދައްތަގެ ވާހަކައެވެ. ދޮންދައްތަ މި ވަބާއަށް ހުށަހެޅުމުން އޭނަގެ ގެވަނީ ބިރުވެރިކަމުގެ ހާއްޔަކަށް ވެފައެވެ. މިއީ ހަމައެކަނި ދޮންދައްތައަށް އެކަނި ކުރިމަތިވެފައިވާ ޙާލަތެއް ނޫނެވެ. މިދަތި ޙާލަތުގައި ދޮންދައްތަގެ އުމުރުގެ އެތައް އަންހެނުންނެއް މިއަދު މި މުޖުތަމަޢުގައި ތިބިކަމީ އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ހިތި ހަޤީޤަތެކެވެ.

ހަސަންބެ

އިންސާނާ އޭނާގެ ނަފްސައް އިތުބާރު ކުރަން ނޭންގޭ ކޮންމެ މީހަކީ އަޤީދާ އެއްނެތް މީހެއް، އެފަދަ އެއްވެސް މީހަކީ އެއްވެސް ކަމަކުން އަރައިގަނެވޭނެ މީހެއްނޫން. މަސްތުވާ އެއްޗެއް ބޭނުން ކޮށްފި މީހާ އޭގެން އަރައިގަނެވޭނެ ގޮތަކީ އެއީ ނެތް ގޮތެއް، ރިހިބިލިޓޭޓް ކުރުމަކީ ހައްލެއްނޫން ހޮނޑިވުމެއް.

މީމު

ތީ ހުސް ފޭކު! ތި ހުރިހާ މީހުން ވެސް ކުޅޭނީ ހަމަ ތި ޑުރާމާ! ތީ އެއްވެސް އަގީ ދާއެއް ހުރި ބައެއް ނޫން! ރާ ހަރާމް ކުރެއްވި ދުވަހު މަ ދީނާގެ މަގުތައްމަތި އޮތީ ކިހިނެއްތޯ؟