ކުޅިވަރު

ޢަލީ އަޝްފާގް (ދަގަނޑޭ) ކުލަބް ވެލެންސިޔާއަށް


ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާގް (ދަގަނޑޭ) ކުލަބް ވެލެންސިޔާއަށް ބަދަލުވެއްޖެއެވެ.

ކުލަބް ވެލެންސިޔާއަކީ އަޝްފާގް އޭނާގެ ކެރިއަކު ފެށި ކުލަބުކަން ފާހަގަކޮށްލެވޭ. މިއަހަރުގެ ސީޒަންގައި ކުލަބް ވެލެންސިޔާއަށް ދަގަނޑޭ ބަދަލުވީއިރު، މިއީ 15 އަހަރުފަހުން ކުލަބް ވެލެންސިޔާގެ ޖޯޒީގައި ދަގަނޑޭ ފެނިގެންދާ ފުރަތަމަ ފަހަރެވެ. އުމުރުން 16 އަހަރުގައި ކުލަބް ވެެލެންސިޔާއިން ފުޓުބޯޅަކެރިއަރު ފެށި ދަގަނޑޭވަނީ ކްލަބު ވެލެންސިޔާގައި މޮޅު ކުޅުމެއްދައްކައި، ސަޕޯޓަރުންގެ މެދުގައި މަގުބޫލުކަން ހޯދާފައެވެ. 2001ވަނަ އަހަރު ކުލަބް ވެލެންސިޔާއާއި ގުޅުމަށްފަހު ދަގަނޑޭވަނީ ވެލެންސިޔާއާއި އެކު 4ފަހަރު ދިވެހި ލީގް، އެފްއޭ ކަޕް އަދި 2 ފަހަރު ކަޕްވިނާސް ކަޕް ކާމިޔާބުކޮށްފައެވެ.

ކުލަބް ވެލެންސިޔާއަށްފަހު ދަގަނޑޭވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް، ވީބީ އައްޑޫ އެފްސީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށްވެސް ކުޅެފައެވެ. ރާއްޖެއިން ބޭރުން ބުރުނާއީގެ ޑީޕީއެމްއެމްގެ އިތުރުން މެލޭޝިޔާގެ ޕީޑީއާރްއެމްއަށް ދަގަނޑޭ ކުޅެފައިވެއެވެ. 2014ވަނަ އަހަރު ފީޑީއާރްއެމްއާއެކު އެގައުމްގެ ދެވަނަ ޑިވިޝަންގެ ޕްރިމިއަރ ލީގް ކާމިޔާބުކޮށްދީ، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށް ދިނުމުގައި އަޝްފާގްގެ ހިއްސާ ބޮޑުކަން ފާހަގަކޮށްލެވެއެވެ. އަދި އެއަހަރު އެގައުމުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމުވެސް ދަގަނޑޭ ހޯދާާފައިވެއެވެ. ފުރަތަމަ ޑިވިޝަންގައި ޑީޕީއާރްއެމް އާއެކު ދަގަނޑޭވަނީ މޮޅު ކުޅުމެއްދައްކާފައެވެ. ނަމަވެސް 2016ވަނަ އަހަރު ޕީޑީއާރްއެމްއާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލީ އަނިޔާގެ ސަބަބުންނެވެ.

ދާދި ފަހުން ދަގަނޑޭވަނީ އޭއެފްސީ ކަޕްގައި ޖަހާފައިވާ މޮޅު ގޯލު ހޮވުމަށް އޭއެފްސީއިން ކުރިއަށްގެންދިޔަ އޭއެފްސީ ބްރެކެޓް ޗެލެންޖު ކާމިޔާބުކޮށްފައެވެ. 2013ވަނަ އަހަރު އިންޑޮނޭޝިޔާގެ ޕާސިބޯ ކޮޅަށް ޖެހި މިގޯލްވަނީ އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަށްވެސް ހޮވާފައެވެ. ދެވަނަ ޑިވިޝަންގެ ޗެންޕިއަން ޓީމްގެ ގޮތުގައި މިއަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ކުލަބު ވެލެންސިޔާއިންވަނީ އެޓީމް ވަރުގަދަ ކުރުމުގެ ގޮތުން ގައުމީ ޓީމްގެ ކެޕްޓަން އަކްރަމް އަބްދުލް ޢަނީ އާއި ހުސެއިން ނިޔާޒު، މުޙައްމަދު ސާމިރު، އަޙުމަދު އިމާޒް، ޢަލީ ސަމްދޫހުގެ އިތުރުން ޢަލީ ފާސިރުވެސްވަނީ ކުލަބް ވެލެންސިޔާއާ ގުޅިފަ. ވެލެންސިޔާގެ ކޯޗަކަށް ހަމަޖައްސާފައިވަނީ މުޙައްމަދު އާޠިފެވެ. މިއަހަރުގެ ސީޒަންގައި ކުލަބް ވެލެންސިޔާ ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ މި މަހުގެ 14ވަނަ ދުވަހު ކުލަބް ގްރީން ސްޓްރީޓްއާއެވެ.