ޚަބަރު

ރާއްޖޭގެ އެންމެ ފުރަތަމަ ވަރޗުއަލް ރިއަލިޓީ ކެފޭ ގައުކޮށީގައި ހުޅުވައިފި


ރާއްޖޭގެ އެންމެ ފުރަތަމަ ވަރޗުއަލް ރިއަލިޓީ ކެފޭގެ ގޮތުގައި "ވީއާރް ކެފޭ" ގައުކޮށީގައި ހުޅުވައިފިއެވެ.

ހާފް ޓޯން މޯލްޑިވްސްއިން ހިންގާ މި "ވީއާރް ކެފޭ" ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހުމަދު މަޚުލޫފެވެ.

"ވީއާރް ކެފޭ" ހުޅުއްވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަޚުލޫފް ވަނީ ރާއްޖޭގައި ވަރޗުއަލް ރިއަލިޓީގެ ދާއިރާ ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައި ލައްވާފައެވެ. އެގޮތުން ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާގެ ކުރިއެރުން މި ޓެކްނޮލޮޖީ އާއި ގުޅިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މަސްތުވާތަކެތީގެ ބަދަލުގައި މިފަދަ ޒަމާނީ އީޖާދުތަކަށް ޒުވާނުން އަހުލުވެރިވެ ތަރައްޤީއަށް ލޯ ހުޅުވާލުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

"އަޅުގަނޑަށް މި ލިބުނީ ވަރަށް ބޮޑު ޝަރަފެއް. މިކަމަކީ ރާއްޖެ ތަރައްޤީވާކަމުގެ ހެއްކެއް. ވަރޗުއަލް ރިއަލިޓީގެ ދާއިރާ ފުޅާކުރުން ވަރަށް މުހިންމު. ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާގެ ކުރިއެރުމާއިވެސް މިކަން ވަނީ ގުޅިފަ" މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

"ވީއާރް ކެފޭ" ހުޅުއްވައި ދެއްވުމަށް ފަހު މިނިސްޓަރ މަހުލޫފް ވަނީ ވީއާރް ކެފޭ ބައްލަވާލައްވައި ބައެއް ގޭމްތައްވެސް ކުޅުއްވާފައެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ވަރޗުއަލް ރިއަލިޓީ ކެފޭގެ ގޮތުގައި "ވީއާރް ކެފޭ" ހުޅުވާފައިވާއިރު، އެކި އުމުރުފުރާއާއި ގުޅޭ ވީއާރް ގޭމްތައް ކުޅުމަށް ކެފޭގެ އެތެރެ ވަނީ ޚާއްސަކޮށްފައެވެ. އަދި ކެފޭގެ ބޭރު ބައި ޚާއްސަކޮށްފައި ވަނީ ޑައިނިންގްއަށެވެ. މި ރަސްމިއްޔާތުގައި ވީއާރް ކެފޭގެ ޕާޓްނަރެއްގެ ގޮތުގައި މިނި މޮންސްޓާ އަދި ޑިޖިޓަލް ޕާޓްނަރގެ ގޮތުގައި އުރީދޫ މޯލްޑިވްސް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ކެފޭގެ ބްރޭންޑް އެމްބެސެޑަރގެ ގޮތުގައި ފިލްމީ ތަރި މަރިޔަމް އައްޒަ ހަމަޖައްސައި އެކަން ވަނީ އިއުލާނުކޮށްފައެވެ.