ޚަބަރު

"މަސްތުގެ އަނދިރި ދުނިޔެ، ފިތްކަނޑައިގެންދާހައި ބިރުވެރި"


މަސްތުވާކެތީގެ ވަބާއަކީ ދިވެހި މުޖުތަމައަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާއެވެ. މި ވަބާގެ އަސަރު ސީދާގޮތުން ނުވަތަ ނުސީދާގޮތުންވެސް ނުކުރާ އާއިލާއެއް މަދެވެ. މަސްތުވާތަކެތީގެ ސަބަބުން އިތުރު އިޖުތިމާޢީ މައްސަލަތަކެއް ކުރިމަތިވަމުން ދާއިރު، މި ވަބާގައި ޖެހިފައިވާ ގިނަ ބަޔަކީ މިއަދުގެ މުޖުތަމަޢުގައި އަޅައިލާނެ ބަލައިލާނެ މީހަކު ނެތި މަގުމައްޗަށް ގިނަވެފައިވާ ބައެކެވެ. ގެދޮރުނެތި މާލޭގެ މަގުމަތީގައި އެތައް ބަޔަކު ދިރިއުޅެމުންދާއިރު މީގެތެރެއިން ގިނަ މީހުންނަކީ، މަސްތުވުމަށްޓަކައި، ދިރިއުޅުމުގެ އެހެން ހުރިހާކަމެއް ދޫކޮށްލާފައިވާ މީހުންނެވެ. އެމީހުންގެ ދިރިއުޅުމުގައި މަސްތުވުން ނޫން ބޭނުމެއް ނެތެވެ.

މި ދެންނެވި މީހުންގެ ޙާލަތު ބަލާލުމަށް ނޫސްވެރިންނަށް ހުޅުވާލި ފުރުސަތުގައި އަޅުގަނޑަށްވެސް އެމީހުން ދިރިއުޅެމުންދާ ތަންތަނަށް ދިއުމުގެ ފުރުސަތު ފަހިވިއެވެ. ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއިއެކު މީޑިއާތަކުން ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ތެރެއިން މިތަންތަނަށް ދިއުމުން ފެނިގެން ދިޔައީ ހިތް ދަތި މަންޒަރުތަކެކެވެ. މަސްތުގެ އަނދިރި ދުނިޔޭގައި އެމީހުން ދިރިއުޅޭ ނިކަމެތި ހާލެވެ.

ދަންވަރު 2 ޖަހާ އެހާއިރު އަޅުގަނޑުމެން މިސްރާބުޖެހީ މަގުމަތިވެފައިވާ ގިނަ ބަޔަކު ދިރިއުޅޭ ނުވަތަ ނިދުމަށް ވަންނަ ތަންތަނާއި ދިމާލަށެވެ. އެގޮތުން އެންމެ ފުރަތަމަ މިސްރާބު ޖެހީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ބިއްދަށުގައި ކުރިން ސައި ހޮޓަލެއް ހިންގި އިމާރާތަށެވެ. 4 ފަންގިފިލާގެ މި އިމާރާތް ބޭރުން ބަލާލުމުން ފެނިގެން ދަނީ ވީރާނާވެ ތަޅާލަން ޖެހިފައިވާ ތަނެއްގެ ގޮތުގައެވެ. އޭރު އަޅުގަނޑަށް މިތަނަކީ ގިނަ އަދަދެއްގެ ބަޔަކު ބިކަވެ ހިޔާވަހިކަން ހޯދަމުންދާ ތަނެއްކަމެއް ނޭނގެއެވެ. އެ ތަނަށް ވަތް އިރު މުޅިތަނުގައި ހުރީ ނަޖިސްވަހެވެ. ކަރަންޓްގެ އަލިކަމެއްވެސް ނެތް އެތަނުގެ ތަޅުންމަތީގެ އެކި ދިމަ ދިމާގައި ނަޖިސްތަކުގެ ތެރޭގައި ނިދާފައިވާ މީހުން ފޯނާއި ކެމެރާގެ ލައިޓުތަކުން އަލި އަޅުވާލުމުން ފެންނަށް ފެށިއެވެ. ކާޑު ބޯޑުގަނޑެއްގެ މަތީގައި ނިދާފައި ތިބި މިމީހުންގެ ތެރެއިން ގިނަ މީހުންގެ ކައިރީގައި މަސްތުވާތަކެތި ބޭނުންކުރަން ބޭނުންކުރާ ސާމާނުތައް ހުރުމުން އެތަނުން އެއްބަޔަކީ މި ވަބާގައި ޖެހި މަސްތުގެ ހާލަތުގައި އެތާގައި ތިބި ބައެއްކަން އިނގެއެވެ. ފުލުހުންނާއި މީޑިއާ ޓީމު އެތަނަށް ވަނުމުން، އޭގެ ތެރެއިން ބައެއް މީހުން ތެދުވި އިރު އަނެއްބައި މީހުންގެ ލޯހުޅުވައި ބަލާލާނެހައި ހިއްވަރުވެސް ނެތެވެ.

މަގުމަތިވެފައިވާ ބައެއް މީހުންނާއި ސުވާލުކޮށްލުމުން އޭގެ ތެރެއިން ބައެއް މީހުން ބުނީ، އެމީހުން މާލެއައީ ކޯޓަށް ހާޟިރުވާން ކަމަށެވެ. އެމީހުންނަށް މާލެއިން ފަސޭހައިން މަސްްތުވާތަކެތި ހޯދޭއިރު، ކިތަންމެ ދަތިހާލެއްގައި ކިތަންމެ ނިކަމެތިކޮށް އުޅެން ޖެހުނަސް އެމީހުންގެ ހަމައެކަނި ބޭނުމަކަށް ވެފައި އޮތީ މަސްތުވުމެވެ.

ކޯވިޑް-19 އާއި ގުޅިގެން ބޯހިޔާވަހިކަން ދިން މީހުންގެ ތެރޭގައިވެސް މީގެ ތެރެއިން ގިނަ މީހުން ހިމެނުނެވެ. ފުރަ ބަންދު ނިމި، ވަގުތީ ހިޔާތައް ބަންދު ކުރުމުން، މަސްތުވާތަކެތީގެ އަނދިރި ދުނިޔެއަށް ގެއްލިފައި ތިބި ޒުވާނުން މަގުމަތިވީއެވެ.

އެމީހުންވެސް ޤަބޫލުކުރާ ގޮތުގައި އެމީހުންގެ ހާލަށް އަޅާލާނެ، ބަލައިލާނެ، އަދި މަސްތުގެ އަނދިރި ދުނިޔެއިން އެމީހުން ނެރެދޭނެ ބައެއް ނުވަތަ މުއައްސަސާއެއް ނެތެވެ. މި ފަދަ މަންޒަރެއް ހަމައެކަނި ފެނުނީ ކުރިން ދެންނެވި ހޮޓާ ހިންގި އިމާރަތުން އެކަންޏެއް ނޫނެވެ. އެގޮތުން މި މަންޒަރު ވަޅޯ މަސްމާރުކޭޓު ސަރަހައްދާއި މާލޭގެ ނެރުމަތިން ވަނީ ފެނިފައެވެ. އެންމެ ހިތްދަތިކަމަކީ މި ޙާލަތުގައި ޤައުމުގެ އެކި އުމުރުފުރާގެ މީހުންވެސް ދިރިއުޅެމުންދާކަމެވެ.

މަގުމަތީގައި ދިރިއުޅެމުންދާ މީހުންގެ ވާހަކަތައް މިދުވަސްވަރު އިތުރުވެފައި ވާއިރު، ހިއްސާކުރުމުން ޖެންޑަރ މިނިސްޓްރީން ވަނީ މާލޭގައި މަގުމަތިވެފައިވާ މީހުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމުގައި ވިދާޅުވެފައެވެ. ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ރަޝީދު ވަނީ ކޯޓުތަކުން މާލެއަށް މީހަކު ގެންނާނީ ހަވާލުވާނެ މީހަކު މާލޭގައި ހުރުމުން އެކަނިކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެކި ސަބަބުތަކާއި ހުރެ އެމީހުން ގެއިން ބޭރުކޮށްލުމުން ހާލުގައި ޖެހި މަގުމަތި ވަނީކަމަށް އޭނާ ވިދާޅުވިއެވެ.

" ކޯވިޑްގެ ތެރޭގައި ބޯހިޔާވަހިކަން ދިނުމަށް ފަހު އެއްވެސް ގޮތެއް ހޯދާ ނުދީ މުޖުތަމަޢަށް ދޫކޮށްލާފައެއް ނުވާނެ. ކޯޓުތަކުން މާލެ މީހަކު ގެންނާނީ ހަވާލުވާނެ މީހަކު ހުރުމުން އެކަނި. އެހެންނަމަވެސް މި މައްސަލަ ހައްލެއްވެފައެއް ނުވޭ. މިކަން ހައްލުކުރުމަށް ޑިޓޮކްސް ކޭމްޕެއް ގުޅީފަޅުގައި މިހާރު ދަނީ އޮޕަރޭޓްކޮށްފައި. މި ކޭމްޕަށް ގެންދާ މީހުންގެ ތެރެއިން މަސްތުވާތަކެތީގެ އަސަރު ބޮޑަށްކޮށް ސިވިއަރ ކޭސްތަކުގެ ގޮތުގައި ފާހަގަކުރެވޭ މީހުން ފަރުކޮޅު ފުށީގައި ޤާއިމުކޮށްފައިވާ ފެސިލިޓީއަށް އިތުރު ފަރުވާއަށް ގެންދިއުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފަ" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

100 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭ މިންވަރަށް ތަރައްޤީކޮށްފައިވާ ޑިޓޮކްސް ކޭމްޕްގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ މީހުންގެ ޙާލަތު ބަލައި ދޭންޖެހޭ އިތުރު ފަރުވާ އާއި ފަހިކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުމަށް އެސެސްމެންޓް ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

ހަސަންބެ

މަސްތުވާ ތަކެތި ބޭނުން ކުރާމީހުން އަނބުރާ މުޖުތަމައުއަށް ރަނގަޅު މީހެއްގެ ގޮތުގައި ނެރުމަކީ ކުރެވުމަށް ވުރެ ނުކުރެވުން ގާތް ކަމެއް، އަދި އަމުދުން ރިހިބަށް މީހަކު ގެންގޮސް ފަރުވާ ދީފައި ދޫކޮށްލުމުން އިހުނަށް ވުރެ މާވަރުގަދަޔަށް މަސްތުވާ އެކި ޒާތުގެ ތަކެތި އެމީހަކު ބޭނުން ކުރާކަން އަޅުގަނޑަށް ފާހަގަ ކުރެވޭ

އިބްރާހިމް

މަސްތުގެ ދުނިއެއިންނާޢި ﷲ އެންގެވިހައި ނުބައި އަމަލުތަކުން އިންސާނާ ސަލާމަމަތް ވެގަތު މުގެ ދޮރުވަނީ ކޮން މެ އިންސާނަކު މެ ދުނިޔެއަށް ފުނުއްވާއިރު ހުޅުވިފައި މުައްސަސާއެއް ނެތިގެން ކަ މަށް ބުނަނީ ބަހަނާޢެއް

ޢައިޒާ

ހަ މަ ވީ ހަރުކަށި އަދަބު ދޭން... މަރާ ހުސްކުރަން ވީ ތި ކަހަލަ މީހުން....

ހަސީން

ރަނގަޅުވާން ބޭނުންވާ މީހާ ރަނގަޅުވާނީ،. ބޯން ބޭނުންވާ މީހާ ބޯނީ، މަގޭ ބޭބެ އެންދީއޭ އިން ފަރުވާ ހޯދާފި ހައެއްކަފަހަރު،. ފަރުވާ ނިން މާފާ މާލެއައިސްފަވެސް އައްޑާތަކާ ދި މާލަށް ދުވަނީ،. ކިހިނެއް އެންޑީއޭގެ މުވައްޒަފުން މިވަރުން މަގޭ ބޭބެ ގެންގުޅޭނީ