ވިޔަފާރި

އަންނަ އަހަރުގެ ޓްރެވެލް ޓްރޭޑް މޯލްޑިވްސް މެއި މަހު ބާއްވަނީ


ކޯވިޑް19 އާއި ގުޅިގެން މިއަހަރުގެ ޓްރެވެލް ޓްރޭޑް މޯލްޑިވްސް ފެއަރ ވަރޗުއަލްކޮށް ބޭއްވި ނަމަވެސް އަންނަ އަހަރުގެ ފެއަރ އޮންނާނީ އެހެން އަހަރުތަކެކޭ އެއްގޮތަށް ކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނެފިއެވެ.

އަންނަ އަހަރުގެ ބާއްވާ ޓީޓީއެމް މޯލްޑިވްސް 5 ވަނަ އެޑިޝަން އޮންނާނީ މެއި މަހުގެ 22 އިން 24 އަށެވެ. މިއަހަރުގެ އިވެންޓް ވަރޗުއަލްކޮށް ބޭއްވިނަމަވެސް އަންނަ އަހަރުގެ ފެއަރގައި ފިޒިކަލްކޮށް ބާއްވާ ބައްދަލުވުންތަކާއި ވަރޗުއަލް މީޓިންތައްވެސް އޮންނާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޓީޓީއެމްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވެލް އެޖެންޓުންނާއި ގުޅުވާލުމަށް ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ހަރަކާތެވެ.

މިއަހަރުގެ ޓީޓީއެމް މޯލްޑިވްސްގައި ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މަޢުޞޫމްއާއި، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދާއި ދާއިރާގެ ބައެއް ތަޖުރިބާކާރުން ވަނީ ވާރޗުއަލްކޮށް ބައިވެރިވެވަޑައިގެންފައެވެ.

ޓީޓީއެމް ކަނެކްޓް މެދުވެރިކޮށް މިފަހަރު ކުރިއަށް ގެންދިޔަ ޓީޓީއެމް މޯލްޑިވްސްގައި މިދާއިރާގައި ހަރަކާތްތެރިވާ 150 ހޮޓަލާއި ރިސޯޓު އަދި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ 30 ޤައުމަކުން 200 އޮޕަރޭޓަރުން ބައިވެރިވިއެވެ.