ކުޅިވަރު

މަރަޑޯނާގެ މަރާ ގުޅިގެން އޭނާގެ ޑޮކްޓަރުންގެ ކްލިނިކް ބަލައި ފާސްކޮށްފި


ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އަދި ލެޖެންޑް ޑިއެގޯ މަރަޑޯނާ މަރުވުމާއި ގުޅިގެން އޭނާގެ ޑޮކްޓަރުންގެ ކްލިނިކް އާޖެންޓީނާގެ ފުލުހުން ބަލާފާސްކޮށްފިއެވެ.

އުމުރުން 60 އަހަރުގައި ޑިއެގޯ މަރަޑޯނާ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އާޖެންޓީނާގެ ފުލުހުން މަރަޑޯނާގެ ޑޮކްޓަރުންގެ ކްލިނިކް ބާލާފާސްކުރަނީ މަރަޑޯނާއަށް ހާޓް އެޓޭކެއް ޖެހުމުގެ އިތުރުން އޭނާގެ ފަރުވާގައި އެއްވެސް ވަރެއްގެ ފަރުވާކުޑަކަމެއް ހިގާފައިވޭތޯ ބެލުމަށެވެ. މަރަޑޯނާގެ އަންހެން ދަރިފުޅު ބުނީ މަރަޑޯނާގެ މެޑިކަލް ރިޕޯޓްތަކާއި އޭނާ ބޭނުން ކުރަމުންދިޔަ ބޭސްތަކުގެ ތަފްސީލް ހޯދުމަށް މިހާރު އެދިފައިވާނެކަމަށެވެ.

މިމަހުގެ ކުރީކޮޅުގައި މަރަޑޯނާވަނީ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެފައި ހުރުމުގެ ސަބަބުން ވަނީ ކުއްލި އޮޕަރޭޝަނެއް ކޮށްފައެވެ. އޮޕަރޭޝަނަށްފަހު މަރަޑޯނާ ހޮސްޕިޓަލުން ދޫކޮށްލިތާ ވީ ދެ ހަފްތާއެވެ.

ދުނިޔޭގެ އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓްއިން ޖާގަހޯދާފައިވާ މަރަޑޯނާވަނީ 1986ވަނަ އަހަރު އާޖެންޓީނާއަށް ވޯލްޑްކަޕް ކާމިޔާބުކޮށްދީފައެވެ.


60 އަހަރުގެ ފުޓުބޯޅަ ލެޖެންޑް މަރަޑޯނާވަނީ މީގެ ކުރިންވެސް ސިއްހީ ހާލަތު ގޯސްވެގެން އެކިފަހަރު މަތިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ. އެ ގޮތުން ދެ ފަހަރެއްގެ މަތިން ހާޓްއެޓޭކެއް ޖެހުނުއިރު، ހެޕަޓައިޓިސް އަށް ވަނީ ފަރުވާ ހޯދައިފައެވެ. އަދި މީގެ އަހަރުތަކެއް ކުރިން އޭނާ ވަނީ ގޭސްޓްރިކް މައްސަލަތަކުގެ ސަބަބުން ބައިޕާސް ސާޖަރީއެއްވެސް ހަދާފައެވެ.
މަރަޑޯނާގެ ކެރިއަރުގައި މަނާބޭސް ބޭނުންކުރުމުގެ ސަބަބުން އޭނާއަށް ވަނީ ގިނަ ފަހަރުތަކެއްގައި ފިޔަވަޅު ވެސް އަޅައިފައެވެ.