ދުނިޔެ

ކޯވިޑް ފެތުރުން ހުއްޓުމުން އިންތިޚާބު ބާއްވާނަން - މެލޭޝިޔާގެ ބޮޑުވަޒީރު


ކޯވިޑް-19 ފެތުރުން ހުއްޓުމުން މެލޭޝިޔާގެ އާންމު އިންތިޚާބު ބާއްވާނެކަމަށް އެ ޤައުމުގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީން ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ އޭނާގެ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ލިބުމުގެ އިރުކޮޅެއްގެ ތެރޭގައެވެ.

މެލޭޝިޔާގައި މިހާތަނަށް 63،176 މީހުންނަށް ކޯވިޑް ޖެހިފައިވާއިރު 354 މީހުންވަނީ މަރުވެފައެވެ. މިދިޔަ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު ބަލިޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދު އެ ޤައުމުގައިވަނީ ހަތަރު ގުނައަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1،315 މީހުންނަށް ބަލިޖެހި 4 މީހުން އެ ޤައުމުގައިވަނީ މަރުވެފައެވެ.

އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމްއަށް ޤާނޫނު ހަދާ މަޖިލީހުގެ ތާއީދު އޮތްކަމަށް ބުނުމާއި ސަރުކާރުގެ އިއްތިޙާދުގެ އެންމެ ބޮޑު ބައިވެރިޔާކަމަށްވާ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަނާއި މެދު މައްސަލަތައް އުފެދި، ބޮޑުވަޒީރު މުޙްޔިއްދީންގެ 8 މަސް ދުވަސްވީ ސަރުކާރަށްވަނީ ހިޔަނި އެޅިފައެވެ.

މިހާތަނަށް މެލޭޝިޔާއިން ފާސްކޮށްފައިވާ އެންމެ ބޮޑު ބަޖެޓަށް ޤާނޫނު ހަދާ މަޖިލީހުން ރުހުން ދިނީ އިދިކޮޅު ފަރާތްތަކާއި ބޮޑުވަޒީރު މުޙްޔިއްދީން ޔާސީންގެ ބައެއް ވާގިވެރިން ބަޖެޓަށް ދެކޮޅު ހަދާ 2021ވަނަ އަހަރަށް ހުށަހަޅާފައިވާ މާލީ ރޭވުންތައް ފާސްވިޔަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދަނިކޮށެވެ. ބަޖެޓު ފާސްކުރުމުގައި ބޮޑުވަޒީރު މުޙްޔިއްދީން ނާކާމިޔާބުވެވަޑައިގެންނެވިނަމަ ސިޔާސީ މަޝްރަހަށް ބޮޑެތި ލޮޅުންތަކެއް އައުމުގެ ބިރު އޮތީ ބޮޑުވެފައެވެ.

ބޮޑުވަޒީރު މުޙްޔިއްދީންގެ ޕާޓީގެ އާންމު ބައްދަލުވުމުގައި އިންޓަނެޓު މެދުވެރިކޮށް ވާހަކަދައްދަވަމުން އޭނާ ވިދާޅުވީ ކޯވިޑް-19 ފެތުރުން ހުއްޓުމުން އިންތިޚާބު ބާއްވާނެކަމަށާއި ޤައުމުގެ ހިންގުން ޙަވާލުކުރަން ބޭނުންވަނީ ކޮން ސަރުކާރަކަށްކަން ނިންމުމުގެ ފުރުޞަތު ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލަށްވާނެކަމަށެވެ.

ޤައުމުގެ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ރައްޔިތުން މާޔޫސްވެ ފޫހިވެފައިވާކަން އެނގިލައްވާކަމަށާއި ރައްޔިތުން އެދެނީ ބާރު ހޯދުމުގެ ބޭނުމުގައި ސިޔާސީ ފަރާތްތަކުން ކޯޅުމުގެ ބަދަލުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަންގެ ރައީސް އަޙްމަދު ޒާހިދު ހަމީދީ އާއި މިހަފުތާގެ ތެރޭގައި ބައްދަލުކުރައްވާފައިވާކަމަށާއި ދެ ޕާޓީގެ މެދުގައި އުފެދިފައިވާ މައްސަލަތައް ހައްލުކޮށް އިންތިޚާބުގައި ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައިވާކަމަށެވެ.