ޚަބަރު

ލޯންޗްކޮޅުގައި ހިނގި ހާދިސާ ތަޙުޤީޤުކުރަން އައިޓީމްތައް ފުރައިފި


ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ލޯންޗްކޮޅުގައި މިދިޔަ ހޯމަ ދުވަހު އެއްޗެއް ގޮވި ޙާދިސާއާއި ގުޅިގެން ފުލުހުންނާއި ސިފައިން ފަށާފައިވާ ތަޙްޤީޤަށް އެއްބާރުލުން ދިނުމުގެ ގޮތުން ރާއްޖޭން ބޭރުން އައި ފޮރެންސިކް ޓީމްތައް ރާއްޖޭގައި އެމީހުން ބަލަންޖެހޭ ބެލުންތައް ފުރިހަމަކުރުމަށްފަހު މިހާރު ފުރާފައިވާކަމަށް ފުލުހުން ބުނެފިއެވެ.ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލަ ތަޙްޤީޤުކުރުމަށް ބޭރުންއައި ފޮރެންސިކް ޓީމުތަކުގެ ތެރެއިން އެންމެ ފަހު ޓީމް ރޭ ފުރާފައިވާކަމަށެވެ. އަދި އެ ފަރާތްތަކުން ދިޔައީ ފޮރެންސިކް ތަހުލީލުތައް ކުރުމަށް ބޭނުންވާ ސާމްޕަލްތައް ހިފައިގެން ކަމަށާއި، ޓީމްތައް ރާއްޖެއިން ދިޔަ ނަމަވެސް، ފުލުހުންނާއި ސިފައިން ގުޅިގެން ފަށާފައިވާ ތަޙްޤީޤަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން އެފަރާތްތަކުން ދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ. ރިޔާސީ ލޯންޗްކޮޅުގައި ހިނގި ހާދިސާގެ ތަޙްޤީޤުގައި ބައިވެރިވުމަށް ރާއްޖޭން ބޭރުގެ 4 ޤައުމަކުން 22 މެމްބަރުންގެ މައްޗަށް އެކުލެވޭ ފޮރެންސިކް ތަޖުރިބާކާރުންގެ ޓީމެއް ހަރަކާތްތެރިވެފައިވެއެވެ. މީގެ ތެރޭގައި ސައުދީ އަރަބިއްޔާގެ 9 ބޭފުޅަކާއި، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން، އެފް.ބީ.އައިގެ 6 ބޭފުޅަކާއި، އިންޑިޔާގެ 3 ބޭފުޅެއްގެ އިތުރުން ލަންކާގެ 4 ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. މިމައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ، ރައީސްގެ ދެކަނބަލުން ދަތުރުފުޅު ކުރެއްވި ލޯންޗްކޮޅުގައި ހިނގި ހާދިސާއާއި ގުޅިގެން، އެވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވި ފަރާތްތައް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ތަހުޤީޤަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ގޮތުން އެފަރާތްތަކުގެ ބަޔާން ނެގުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށެވެ.މި މައްސަލައާއި ގުޅިގެން ބައެއް ފަރާތްތަކުގެ ޕާސްޓްޕޯޓް ހިފަހައްޓާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ނަމަވެސް، އިމިގްރޭޝަނުން ވަނީ އެކަން ދޮގުކުރައްވާފައެވެ. ސަރުކާރުން މިހާރު ވަނީ ކުރިއަށް އޮތް ތަނުގައި އެފަދަ ނުރައްކާތެރި ޙާދިސާއެއް މެދުވެރިނުވާނެ ފަދަ ގޮތަށް އަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް، ފުލުހުންނާއި ސިފައިން ހިމެނޭ ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ.