ދުނިޔެ

މާސްއިން ސާންޕަލުތަކެއް ދުނިޔެއަށް ގެންނަނީ


މާސްއިން ނަގާފައިވާ ސާންޕަލުތަކެއް ދުނިޔެއަށް ގެނައުމަށް އެމެރިކާގެ ނޭޝަނަލް އެއޮރޯނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން، ނާސާއިން މަސައްކަތް ފަށައިފިއެވެ.

ނާސާއިން ނެރުނު ބަޔާނެއްގައި ބުނީ އެހެން ޕްލެނެޓެއް ނުވަތަ ގުރަހައަކުން ނަގާފައިވާ ސާންޕަލެއް ދުނިޔެއަށް ގެނައުމަށް މަސައްކަތް ފެށުމަށް "މާސް ސާމްޕަލް ރިޓާން" (އެމްއެސްއާރު)ގެ ނަމުގައި ޔޫރަޕިއަން ސްޕޭސް އޭޖެންސީއާއި ގުޅިގެން މަސައްކަތް ފަށައިފައިވާކަމަށެވެ.

ނޮވެމްބަރު މަހުގެ 10ވަނަ ދުވަހުގައި ނާސާއިންވަނީ އެހެން ގުރަހައެއްގެ ސާންޕަލެއް ދުނިޔެއަށް ގެނައުމަށް އެ އިދާރާއިން ތައްޔާރުވެފައިވާކަމަށް އިޝާރާތްކޮށް އެ މަޝްރޫޢު ދިރާސާކޮށް މިނިވަން އިދާރާއަކުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ނެރެފައެވެ. އެ ބަޔާނުގައި ބުނީ އެ މަޝްރޫޢު ދިރާސާކުރުމަށް އެމްއެސްއާރު އިންޑަޕެންޑެންޓް ރިވިއު ބޯޑު، އައިއާރުބީއާއި ޙަވާލުކުރިކަމަށާއި އައިއާރުބީއިންވަނީ އެ މަޝްރޫޢު ކުރިޔަށް ގެންދިޔުމުގެ ފެހި ސިގުނަލު ދީފައިކަމަށެވެ.

އައިއާރުބީއިން ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި އަހަރުތަކުގައި ނާސާއިން ރާވާފައިވާ ރޭވުންތައް ކައިރިން ދިރާސާކުރުމަށްފަހު އެ މަޝްރޫޢު ފެށުމަށް އެ އިދާރާއިން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް އެ ބޯޑުން ޤަބޫލުކުރާކަމަށެވެ.

ސާންޕަލުތައް ދުނިޔެއަށް ފޯރާނީ ކޮން އިރަކުން؟

ނާސާއިން މާސް 2020 ޕާސެވެރަންސް ކިޔާ ޖައްވުގައި ބޭނުންކުރާ ރޯވާ އުޅަނދެއް ޖައްވަށް ފޮނުވާފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އެ އުޅަނދު މާސްއަށް ކުރަމުންދާ ރާސްތާގެ ދެބައި ކުޅަ އެއްބައި މިހާރުވަނީ ހުރަސްކޮށްފައެވެ. ޕާސެވެރެންސް ރޯވާއިން މާސްގައި ހުންނަ ގަލުގެ ސާންޕަލު ނެގުމުގެ އިތުރުން އެ އުޅަނދުގައި ހަރުކޮށްފައިވާ ބުރުމާއެއް ބޭނުންކޮށްގެން ބިމަށް ކޮނެ ވެލީގެ ސާންޕަލުވެސް ނަގާނެއެވެ. ޕާސެވެރެންސް ރޯވާ މާސްއަށް ފޯރުމުން ބޭނުންވާ ސާންޕަލުތައް ނަގައި ތައްޔާރުކުރުމުން ޔޫރަޕިއަން ސްޕޭސް އޭޖެންސީއިން ފޮނުވާ ޚާއްޞަ ރޯވާއަކުން އެ ސާންޕަލުތައް ނާސާގެ މާސް އެސެންޓް ވެހިކަލް ކިޔާ އުޅަނދަކަށް ފޯރުކޮށްދޭނެއެވެ. އެއަށްފަހު އެ އުޅަނދުން މާސްގެ އޯބިޓަށް އެ ސާންޕަލުތައް ފޮނުވާނެއެވެ. ޔޫރަޕިއަން ސްޕޭސް އޭޖެންސީން ފޯރުކޮށްދޭ "އާތު ރިޓާން އޯބިޓާ" އިން އެ ސާންޕަލުތައް ރައްކާތެރިކަމާއިއެކު ދުނިޔެއަށް ފޮނުވާނެއެވެ. ސާންޕަލު ނެގުމުގެ މި ނިޒާމަށް ކިޔަނީ "ސާންޕަލް ކެޗިން"އެވެ. އެ ސާންޕަލުތައް ދުނިޔެއަށް ފޯރާނީ 2030ގެ އަހަރުތަކުގެ ތެރޭގައެވެ.

މާސްއިން ނަގާ ސާންޕަލުތައް ދިރާސާކޮށްގެން ވާނީ ކޮން ފައިދާއެއް؟

ސައިންސްވެރިން ބުނީ މާސްގައި ހުންނަ ގައު ދިރާސާކޮށްގެން "އެސްޓްރޯބަޔޮލޮޖީ"އާއި ބެހޭ މުހިންމު ގިނަ ސުވާލުތަކެއްގެ ޖަވާބު ލިބިގެންދާނެކަމަށެވެ. އެ ދިރާސާއިން މާސްގައި އެއްވެސް ޒަމާނެއްގައި ދިރުމެއް ހުރިކަން ނުވަތަ ނެތްކަން ޔަޤީންކުރުމަށް އެހީތެރިވެދޭނެއެވެ.