ދުނިޔޭގެ ވިޔަފާރި

އެމިރޭޓްސްގެ ބައެއް ޕައިލެޓުން 1 އަހަރުގެ ނޯޕޭ ލީވްއަކަށް ފޮނުވާލަނީ


ކޯވިޑްގެ ގެއްލުން ބޮޑުވެ އެމިރޭޓްސްގެ ބައެއް ޕައިލެޓުން މުސާރަ ނުހިނގާގޮތަށް 1 އަހަރުގެ ޗުއްޓީއަކަށް ފޮނުވާލަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

ކޯވިޑްގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ސިނާއަތަކީ ވައިގެ ދަތުރުފަތުރުކުރުމުގެ ދާއިރާކަމަށްވާއިރު، ގިނަ އެއަރލައިންތަކަކަށް ވަނީ މާލީ ދަތިކަން ކުރިމަތިވެ، މުވައްޒަފުން މަދުކުރަން މަޖުބޫރުވެފައެވެ.

ދުބާއީގެ އެމިރޭޓްސް އެއަރލައިނުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރާ އަޅާބަލާއިރު އެ އެއަރލައިންގެ ފައިދާ ވަނީ 28 އިންސައްތަ ދަށަށް ގޮސްފައެވެ. އެމިރޭޓްސްގެ ފަރާތުން ވާހަކަދެއްކި ތަރުޖަމާނަކު ވިދާޅުވީ ވިޔަފާރިއަށް ލިބުނު ގެއްލުން ކުޑަކުރުމަށް ވޭތުވެ ދިޔަ ދުވަސްތަކުގައި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު މުއައްޒަފުންގެ މުސާރަ ކުޑަކުރުމަށްފަހު އޮކްޓޫބަރުމަހުން ފެށިގެން އެ އެއަރލައިންގެ މުވައްޒަފުންނަށް ކުރިން ލިބެމުންދިޔަ މުސާރަ ދިނުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އަދިވެސް އެއަރލައިންގެ ބައެއް މުވައްޒަފުންނަށް ދޭ އެލަވަންސްތައް ކުޑަވާނޭކަމަށް އެ ކުންފުނިން ބުނެއެވެ.

އެމިރޭޓްސްއިން މުވައްޒަފުންގެ މުސާރަ އިއާދަކޮށްފައިވާއިރު، ކޯވިޑްގެ ސަބަބުން މެދުކަނޑާލާފައި އޮތް ދަތުރުތައް އަލުން ފަށާ، އިތުރު މަންޒިލްތަކަށް އެއަރލައިނުން ދަނީ ދަތުރުތައް ބާއްވަމުންނެވެ. އެހެންނަމަވެސް ކޯވިޑްގެ ކުރިއާއި އަޅާބަލާއިރު ފްލައިޓްތަކުގެ އަދަދު އަދިވެސް އުޅެނީ 47 އިންސައްތަ ދަށުގައިކަމަށް އެމިރެޓްސްއިން ހާމަކުރެއެވެ. މި ސަބަބަށްޓަކައި ގިނަ އަދަދެއްގެ މުއައްޒަފުން، ވަކިން ޚާއްސަކޮށް ޕައިލެޓުންނަށް މަސައްކަތް ނުކޮށް މުސާރަ ދޭންޖެހޭކަމަށް އެމިރޭޓްސްއިން ވަނީ ބުނެފައެވެ.

އެމިރޭޓްސްގެ ގިނަ ޕައިލެޓުންނަކީ ޔޫއޭއީގެ ޕައިލެޓުންނަށް ނުވުމުން ސަރުކާރުގެ ރިކަވަރީ ޕްލޭނުންވެސް މި މުވައްޒަފުންނަށް މުސާރަ ނުދެވޭކަން އެމިރޭޓްސްއިން ވަނީ ފާހަގަކޮށްފައެވެ. ޚަރަދުކުޑަކުރުމަށް އެމިރޭޓްސްގެ ބައެއް ޕައިލެޓުން މުސާރަ ނުހިނގާގޮތަށް 1 އަހަރުގެ ޗުއްޓީއަކަށް ފޮނުވާލަން ނިންމާފައިވާކަމަށް އެމިރޭޓްސްގެ ފަރާތުން ވާހަކަދެއްކި ތަރުޖަމާނު ވަނީ މަޢުލޫމާތު ދީފައެވެ. މިގޮތަށް ފޮނުވާލާ މުއައްޒަފުންނަށް މަހު މުސާރަ ނުދިންކަމުގައި ވިޔަސް އެ މުއައްޒަފުންނަށް އެކޮމޮޑޭޝަންއާއި، މެޑިކަލް ޚަރަދުތައް ހަމަޖައްސައިދޭނެކަމަށް އެމިރޭޓްސްއިން ބުނެއެވެ.

ތަޖުރިބާކާރުން ބުނާގޮތުން އެމިރޭޓްސްގެ ވިޔަފާރި އަންނަނީ މަޑުމަޑުން ހަމައަކަށް އެޅެމުންނެވެ. އަނެއްކޮޅުން އެމިރޭޓްސް ނިސްބަތްވާ ދުބާއީގެ ސަރުކާރުން ވަނީ 2 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމެއް އެއަރލައިންއަށް ފޯރުކޮށްދީފައެވެ.