ޚަބަރު

ފަންނުވެރިންނަށް ފުރުސަތު ހޯދާދިނުމަށް ލޯކަލް ޓުއަރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރަންޖެހޭ


ފަންނުވެރިންނަށް ފުރުސަތު ހޯދާދިނުމަށް ލޯކަލް ޓުއަރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމަށް މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. އަބްދުﷲ މަޢުސޫމް ގޮވާލައްވައިފިއެވެ. ޓުއަރިޒަމް މިނިސްޓަރ މިކަމަށް ގޮވާލެއްވީ އދ. މަންދޫގައި ފިޔަވަޅު މޯލްޑިވްސްގެ ނަމުގައި އައު ހޮޓެލެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. އަބްދުﷲ މަޢުސޫމް ވަނީ ރަށުގެ ތަރައްޤީގައި ގެސްޓްހައުސްތަކާއި، ސިޓީ ހޮޓާތައް މުހިންމު ދައުރެއް އަދާކުރާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ރަށްރަށުގައި ތިބި ފަންނުވެރިންނަށް ފުރުސަތު ހޯދާދިނުމުގައި ލޯކަލް ޓުއަރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމަށް މިނިސްޓަރ ގޮވާލެއްވިއެެވެ. އެގޮތުން ސުވެނިއަރ ފިހާރަތަކުގައި ދިވެހިންގެ އުފެއްދުންތައް ގިނަކޮށް، ދިވެހި ފަންނާނުންގެ ހުނަރު ދައްކާލުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

މިނިސްޓަރ މައުސޫމް ވަނީ ދިވެހި ފަންނުވެރިންނަށް ފަހި މާކެޓެއް ހޯދައިދިނުމަށް އުސޫލުތަކަށް ގެންނަންޖެހޭ ބަދަލެއް ވާނަމަ އެ ބަދަލެއް ދެނެގަނެ ބަދަލުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. ރާއްޖޭގައި ފަތުރުވެރިކަން ކުރިއަރައިގެންދާއިރު، މިދާއިރާގެ އިސްސަފުގައި ދިވެހި މުވައްޒަފުން ތިބޭ އަދަދު އިތުުރުކުރުމަށް މިނިސްޓަރ މައުސޫމް ގޮވާލައްވާ ގޮވާލެއްވުން އަނެއްކާވެސް ތަކުރާރުކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އެތައް ފަންނުވެރިން އެބަ ތިބި. ހޮޓާތަކާއި ގެސްޓްހައުސްތަކުގެ ވިޔަފާރިން މިފަދަ ފަންނުވެރިންގެ ބޭނުން ހިފަންޖެހޭ. އެފަރާތްތަކަށް ފަހި ފުރުސަތުތައް ދޭންޖެހޭ. އަޅުގަނޑުމެން އެކަމަށް މަގު ފަހިކޮށްދޭނަން. އެކަމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ" މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމް ވަނީ ފިޔަވަޅު މޯލްޑިވްސްއަށް އެންމެ ފުރަތަމަ އައި ފަތުރުވެރިންނަށް މަރުޙަބާ ދަންނަވާފައެވެ.

ފިޔަވަޅު މޯލްޑިވްސް އަކީ އެންމެ ފަހުގެ ވަސީލަތްތަކާއެކު ހިންގާ 100 ކޮޓަރީގެ ހޮޓަލެކެވެ. އެގޮތުން އެކި ފެންވަރުގެ ވިލާތަކާއި، ސްޕާ، ސުވެނިއަރ ފިހާރަތަކާއި، ވޯޓަރ ސްޕޯޓްސްގެ ޚިދުމަތް މި ހޮޓެލްގައި ވަނީ ޤާއިމުކޮށްފައެވެ.