މުނިފޫހިފިލުވުން

"ދެސްޕަސީތޯ" ފަހަތަށް ޖައްސާލާ "ބޭބީ ޝާކު" ޔޫޓިއުބްގެ އެންމެ ކުރިޔަށް


ޔޫޓިއުބުން މިހާތަނަށް އެންމެ ގިނަ މީހުން ބެލި ވީޑިއޯއަށް ކުޑަކުދިންގެ މެދުގައި މަގުބޫލު 'ބޭބީ ޝާކް' ލަވަ ވެއްޖެއެވެ.

ދެކުނު ކޮރެއާގެ ޕިންކްފޮންގު ކުންފުނިން ރެކޯޑުކޮށްފައިވާ އެ ލަވަ މިހާތަނަށް 7.04 ބިލިއަން ފަހަރު ޔޫޓިއުބު މެދުވެރިކޮށްވަނީ ބަލާފައެވެ. ޔޫޓިއުބު މެދުވެރިކޮށް އެ ވީޑިއޯ ބެލުމުން މިހާތަނަށް ޕިންކުފޮންގަށް 5.2 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ޢަދަދަކަށް ފައިސާ ލިބިފައިވާނެކަމަށް ބެލެވެއެވެ. ދެ މިނެޓާޢި ސޯޅަ ސިކުންތުގެ މި ވީޑިއޯ 7 ބިލިއަން ފަހަރު ބެލުމަށް ހޭދަވާ ވަގުތަކީ ޖެހިޖެހިގެން 30،187 އަހަރު ވަންދެން އެ ވީޑިއޯ ޖަހާފައި ބެހެއްޓުމާ އެއްވަރުގެ ވަގުތެކެވެ.

ޔޫޓިއުބު މެދުވެރިކޮށް އެންމެ ގިނަ ޢަދަދެއްގެ މީހުން ބެލި ވީޑިއޯގެ ލަޤަބު ބޭބީ ޝާކު އެ ލަވަ ލިބިފައި މިވަނީ ލަވަ ނެރުނުތާ ނެރުނުތާ ހަތަރު އަހަރު ފަހުންނެވެ. ނަމަވެސް އެ ލަވަޔަކީ އެއަށްވުރެވެސް ދުވަސްވީ ލަވައެކެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި ބޭބީ ޝާކު ލަވަ ވުޖޫދަށް އައީ 1970ގެ އަހަރުތަކުގައި ހޫނު މޫސުމުގައި އެމެރިކާގައި ބާއްވާފައިވާ ކޭމްޕުތަކުންނެވެ.

އެ ލަވަޔަކީ 1975ވަނަ އަހަރު ނިކުތް ސްޓީވަން ސްޕީލްބާގުގެ މަޝްހޫރު ފިލްމު 'ޖޯސް' ނިކުތް ފަހުން އެ ފިލްމާ ގުޅުވައިގެން ހެދި ލަވައެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. އެ ލަވަ އެހެން ބަސްބަހުންވެސްވަނީ ކިޔާފައެވެ. އެގޮތުން ފަރަންސޭސިވިލާތުގެ "ބެބެ ރެންކުއިން" އާއި ޖަރުމަނުވިލާތުގެ "ކްލެއިނާ ހައި" ވަނީ 2007ވަނަ އަހަރުގެ ތެރޭގައި ވިލާތުގައި ކޮންމެވެސް ވަރެއްގެ މަޝްހޫރުކަމެއް ހޯދާފައެވެ. ނަމަވެސް އެއިން އެއްވެސް ލަވައެއް ޕިންކްފޮންގުގެ އުފެއްދުމުން ހޯދި މަޝްހޫރުކަމާއި ގާތްވެސް ނުކުރެއެވެ.

އުމުރުން އެންމެ ދިހަ އަހަރުގެ ކޮރެއަން-އެމެރިކަން ކުއްޖެއްކަމަށްވާ ހޯޕް ސެގޮއިން ކިޔާފައިވާ ލަވަ ޕިންކްފޮންގުން އެންމެ ފުރަތަމަ އިންޓަނެޓަށް ދޫކޮށްލީ 2015ވަނަ އަހަރުގައެވެ. 2017ވަނަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން އެންމެ ގިނައިން ބަލާފައިވާ ޔޫޓިއުބު ވީޑިއޯގެ ގޮތުގައި އޮތް މަޝްހޫރު ލަވަ "ދެސްޕަސީތޯ" ފަހަތަށް ޖައްސާލުމަށްފަހު އެ މަޤާމަށް އެއްވަނައަށް އެރުމަށް ބޭބީ ޝާކަށް ނެގީ ހަތަރު އަހަރެވެ.

ދެކުނު ކޮރެއާގައި އެ ލަވަ ފުރަތަމަ މަޝްހޫރުވެ، އެ ޤައުމުގެ މަގުބޫލު ބޭންޑުތަކުންވަނީ އެ ބޭންޑުތަކުގެ ކޮންސެޓުތަކުގައިވެސް އެ ލަވަ ބޭނުން
ކުރަން ފަށައިފައެވެ.

ޖެހިގެންއައި އަހަރުގެ ޖޫން މަހުގެ ތެރޭގައި ޕޮންގުފޮންގުންވަނީ "ބޭބީ ޝާކު" ލަވައާއި ގުޅޭ ދެވަނަ ވީޑިއޯއެއް އާންމުކޮށްފައެވެ. ބޭބީ ޝާކު ޑާންސުގެ ނަމުން ނަންދީފައިވާ އެ ވީޑިއޯގައި ދައްކުވައިދެނީ ކުޑަ ދެކުދިން ބޭބީ ޝާކު ލަވައަށް ނަށާ މަންޒަރެވެ. އެ ވީޑިއޯ ކޮޅާއެކު "ބޭބީ ޝާކު ޗެލެންގު" ގެ ނަމުގައި ހޭޝްޓެގެއް އުފަންވެ، ދުނިޔޭގެ ހުރިހާ ސަރަޙައްދުތަކުން އެ ޗެލެންޖުގައި މީހުން ބައިވެރިވާން ފެށިއެވެ. އިންޑިނޭޝިޔާގެ ދަނޑުތަކުގައި މަސައްކަތްކުރާ މީހުންނާއި ނަން މަޝްހޫރު ޝަހުސިއްޔަތުތަކުންވެސް އެ ޗެލެންޖުގައި ބައިވެރިވިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގައި ލުބުނާނުގައި ބޭއްވި މުޒާހަރާތަކުގެ މެދަށް އެ ޤައުމުގެ ރައްޔިތެއްކަމަށްވާ އެލިއަން ޖައްބޫރަށް އޭނާގެ ކާރުގައި ދެވުނީ ނޭނގުމެއްގެ ތެރޭގައެވެ. 15 މަހުގެ ކުޑަ ދަރިފުޅުވެސް އޭނާއާއިއެކު ކާރުގައި އެވަގުތު އިނެވެެ. އަޑުގަދަވުމުގެ ސަބަބުން ދަރިފުޅު ބިރުގަނެފާނެތީ އެލިއަން ހުރީ ވަރަށް ކަންބޮޑުވެފައެވެ. ނަމަވެސް ކަންތައްވީ މުޅިން ތަފާތު ގޮތަކަށެވެ. މުޒާހަރާގެ ބައިވެރިން އޭނާގެ ކާރު ވަށާލައި ކިޔަން ފެށީ ބޭބީ ޝާކެވެ. އެ ތުއްތު ކުއްޖާއަށް ބިރުވެރި ވަގުތެއްގައި ހިނިތުންވުން ގެނެސްދިނުމަށް ބޭނުންކުރީ ޕިންގުފޮންގުގެ ލަވައިގައި ފެންނަ ޙަރަކާތްތަކެވެ. އެ ހާދިޘާގެ ވީޑިއޯއެއްވަނީ މީސްމީޑިޔާގައި ދައުރުވެފައެވެ. އެ ވީޑިއޯ ވެގެން ދިޔައީ ލުބުނާނުގައި ހިންގަމުން ދިޔަ މުޒާހަރާތަކުގައި އުންމީދު ގެނެސްދިން މަންޒަރަކަށެވެ.