ދުނިޔޭގެ ވިޔަފާރި

ޒަމާނީ ތަރައްޤީ ގެނައުމަށް ދުބާއީން 2 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢެއް އިއުލާންކޮށްފި


ޒަމާނީ ތަރައްޤީ ގެނައުމަށް ދުބާއީން 2 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުތަކެއް އިއުލާންކޮށްފިއެވެ.

ދުބާއީން އިއުލާންކުރި ބިޔަ މަޝްރޫޢުގެ ތެރެއިން ޖުމުލަ 29 ތަރައްޤީގެ މަޝްރޫޢުއެއް ހިންގާނެކަމަށް ދުބާއީގެ ވެރިޔާ މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވިދާޅުވިއެވެ.

ޔޫއޭއީގެ ނައިބު ރައީސްކަމާއި، ބޮޑު ވަޒީރުކަން އަދި ދުބާއިގެ ވެރިޔާ ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ޓުވީޓްގައި ވަނީ ޒަމާނީ ތަރައްޤީ ގެނައުމަށް އިއުލާންކުރި މި މަޝްރޫޢުތަކަކީ ދާއިރާގެ ތަޖުރިބާކާރުންގެ ދިގު މަޝްވަރާތަކަކަށްފަހު ދުބާއިއަކީ އެންމެ ޒަމާނީ ސިޓީއަށް ހެދުމަށް އިއުލާންކުރި ޕްރޮޖެކްޓްތަކެއްކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޔޫއޭއީގެ ތަރައްޤީއަށް އިއުލާންކުރި މި ޕްރޮޖެކްޓްތަކުގެ ތެރޭގައި ފަތުރުވެރިކަމަށް ޚާއްސަ ޕްރޮޖެކްޓްތަކާއި، އިޔާދަކުރަނިވި ހަކަތައިގެ ބިޔަ މަޝްރޫއުތަކުގެ އިތުރުން ކާރޫބާރޫ ކުޑަކުރުމަށް ހިންގާ ޕްރޮޖެކްޓްތައް ހިމެނޭކަމަށް ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ހާމަކުރެއްވިއެވެ. އެގޮތުން ކާބަން ނިއުޓްރަލިޓީއާއި ދިމާލަށް ދުބާއި ދަތުރުކޮށް އެ ސިޓީއަކީ ކާބަން ނިއުޓްރަލް ސިޓީއަކަށް ހެދުމަކީ އެންމެ ބޮޑު އަމާޒުކަމަށް މުހައްމަދު ބިން ރާޝިދު ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ކުނި މެނޭޖްކުރުމުގެ ސިސްޓަމް

ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް އިއުލާންކުރެއްވި ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވި އެއް ޕރޮޖެކްޓަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް އެކުލަވާލާފައިވާ ޕްލޭންތަކެވެ.

ދުބާއިއަކީ ސާފުތާހިރު ސިޓީއަކަށް ހެދުމުގެ އަމާޒުގެ ދަށުން މި ޕްރޮޖެކްޓް ނިމޭއިރު ދުބާއީގެ ސަތޭކަ ތިރީސް ފަސް ހާސް ގޭބިސީން ކުނި ނެގުމަށް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ އެއްހާސް ކުނި ޓްރަކް ބޭނުންކުރާނެއެވެ. މީގެ އިތުރުން ދުބާއިގެ ވާރސަން ސަރަހައްދުގައި "ދުބާއި ސެންޓަރ ފޯރ ވޭސްޓް ޕްރޮސެސިންގ"ގެ ނަމުގައި ކުނި މެނޭޖްކުރާ މެގަ ޕްލާންޓެއް ހުޅުވުމަށް ވަނީ ނިންމާފައެވެ. މި ޕްލާންޓުން ދުވާލެއްގެ މައްޗަށް ފަސް ހާސް ހަސަތޭކަ ފަސްދޮޅަސް ހަ ޓަނުގެ ކުނި ނުވަތަ އަހަރެއްގެ މައްޗަށް 1.9 މިލިއަން ޓަނުގެ ކުނި މެނޭޖްކުރެވޭނެކަމަށް ޔޫއޭއީ ސަރުކާރުން ހާމަކުރައްވައެވެ. ކުނިން ހަކަތަ އުފައްދާ މި ޕްލާންޓުން ދުބާއިގެ ގޭބިސީތަކަށް އަހަރެއްގެ މައްޗަށް 200 މެގަވޯޓުގެ ކަރަންޓު ފޯރުކޮށްދޭނެއެވެ.

ދުބާއި އިންޓަގްރޭޓެޑް ބީޗް

ޒަމާނީ ތަރައްޤީގެ މި ޕްލޭންގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ވަނީ އިސްކަމެއް ދެއްވާފައެވެ. އެގޮތުން ޕަބްލިކް ބީޗްތަކާއި ފަތުރުވެރިންގެ ބީޗްތައް ތަރައްޤީކުރުމަށް 500 މިލިއަން ދިރްޙަމް ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.

1 މިލިއަން އަކަ މީޓަރުގެ ބޮޑު ސަރަހައްދަކަށް ދެމިގެންދާ ސަރަހައްދެއްގައި ތަރައްޤީކުރާ މި ބީޗްތައް ތަރައްޤީކުރަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ދުބާއިގެ އެކި ސަރަހައްދުތަކުގައި މިހާރު ވަކި ވަކިން ތަރައްޤީކޮށްފައިވާ ބީޗްތައް ގުޅުވާލާ ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ފެތުމަށް ޚާއްސަ ތަންތަނާއި، ވޯޓަރ ސްޕޯޓްސް، ޖޮގިންގް އަދި ބައިސްކަލު ދުއްވުމަށް ޚާއްސަ ސަރަހައްދުތައް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.

ރަސްއަލް ޚޯރް ވައިލްޑް ލައިފް ސެންޗުއަރީ

100 މިލިއަން ދިރްހަމްގެ މި ޕްރޮޖެކްޓަކީ ޤުދުރަތީ ރީތިކަމާއި، ވަސީލަތްތައް އަދި ޖަނަވާރުތައް ހިމާޔަތްކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ދަށުން ދުބާއިގެ ވެޓް ލޭންޑްގެ ބޮޑުމިން 20 ހެކްޓަރު އުތުރުކޮށް ކަނޑޫގަހާއި ނެތެމުންދާ ބައެއް އިތުރު ގަސްތައް އާލާކުރުމަށް 100 ހެކްޓަރުގެ ސަރަހައްދެއް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ޒޫތަކާއި ތިމާވެއްޓާއި ގުޅޭ މަޢުލޫމާތު ދިނުމަށް ޚާއްސަ އިންސްޓިޓިއުޝަންތައް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުންވެސް ދުބާއިއަށް ޚާއްސަ ގްރީން ދުބާއި ޕްރޮޖެކްޓާކާއި، ވޯޓަރ ތީމް ޕާކްތައް އަދި މިނޫނަސް އިތުރު ގިނަ ޕްރޮޖެކްޓްތަކެއް ހުރިކަން މުހައްމަދު ބިން ރާޝިދު ހާމަކުރެއްވިއެވެ.