ދުނިޔެ

ވައި ތަޣައްޔަރުވުމުގެ ސަބަބުން ކޯވިޑުން އަރައިގަތުމަށް އިންޑިއާއަށް ދަތިވެދާނެ

ވައި ތަޣައްތަރުވުމުގެ ސަބަބުން ދެވަނައަށް އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރެމުންދާ އިންޑިއާއަށް އެބަލިން އަރައިގަތުމަށް ދަތިވެދާނެކަމަށް ސައިންސްވެރިން ބުނެފިއެވެ. ސައިންސްވެރިން އެހެން ބުނެފައިވަނީ ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދާއި އެ ބަލީގައި މަރުވާ މީހުންގެ ޢަދަދާއި ވައިގެ ނުސާފުކަމާއި މެދު ގުޅުމެއް އޮވެދާނެކަމަށް ގިނަ ދިރާސާތަކަކުން ފާހަގަވެފައިވާ ދަނޑިވަޅެއްގައެވެ.

ވައިގެ ނުސާފުކަމާއި ކޯވިޑާއި ދެމެދު ހުރި ގުޅުން ޔަޤީންކުރުމަށް އަދި އިތުރު ދިރާސާތައް ކުރަންޖެހެއެވެ. ނަމަވެސް ތަޣައްޔަރުވެފައިވާ ވަޔަށް ގިނަ މުއްދަތަކަށް ހުށަހެޅިފައިވާ މީހުންނަށް ފުއްޕާމޭގެ އިންފެކްޝަންތައް ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ސައިންސްވެރިންވަނީ ޔަޤީންކޮށް ބުނެފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމެރިކާގެ ހާވާޑު ޔުނިވާސިޓީން ކުރި ދިރާސާއަކުން ދައްކާގޮތުގައި ވައިގައި ހުންނަ ނޭދެވޭ ކުދި މާއްދާތަކުގެ މިންވަރު ނުވަތަ ޕީއެމް2.5 ކިއުބިކު މީޓަރުގައި ހުންނަ ވިހަ މާއްދާގެ މިންވަރު އެންމެ މައިކުރޯގުރާމަކުން އިތުރުވިޔަސް ކޯވިޑް-19 ޖެހިގެން މަރުވާ މީހުންގެ ނިސްބަތް އަށެއް އިންސައްތައިން އިތުރުވެއެވެ. އެހެންކަމުން އިންޑިއާގެ ނިއު ދިއްލީގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދަނީ ވައި ތަޣައްޔަރުވުމުގެ ސަބަބުންކަމަށްވުން އެކަށީގެންވާކަމަށް ދިރާސާގައި އިސްކޮށް ޙަރަކާތްތެރިވި ސައިންސްވެރިންވަނީ ފާހަގަކޮށްފައެވެ.

އެ ފަރާތުން ބުނީ ދިގު މުއްދަތަށް ވައި ތަޣައްޔަރުވެފައި ހުރުމާއި ކޯވިޑް-19އާއި ދެމެދު ގުޅުމެއް ވާކަމަށް ގިނަ ދިރާސާތަކަކުން ފާހަގަވެފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ވައި ތަޣައްޔަރު ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް އެކި ކަހަލަ އިންފެކްޝަން ފަސޭހައިން ޖެހި، އަދި އިންފެކްޝަންގެ ސަބަބުން ޙާލު ދެރަވާކަމަށެވެ.

ކޯވިޑް-19އަކީ ނެވާލާ ނިޒާމަށް ޖެހޭ ބައްޔަކަށް ވެފައި އެ ބަލީގެ ސަބަބުން ވައިރަލް ނިއުމޯނިއާއާއި އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް، އަދި ނާރުގެ ނިޒާމާއި ހިތުގެ ނިޒާމު ވަރަށް ބޮޑަށް ދުޅަވުމަށް މަގުފަހި ވުމަކީވެސް އެ ހޯދުމަށް ބާރުދޭކަމެއްކަމަށް ސައިންސްވެރިން ބުންޏެވެ.

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ހަވާޑު ޔުނިވަސިޓީން ކުރި ދިރާސާއަކުން ވަނީ އިނގިރޭސިވިލާތުގެ ވައި ތަޣައްވަރުވެފައިވާ ސަރަޙައްދުތަކުގައި ދިރިއުޅުމާއި ކޯވިޑް-19ގެ ސަބަބުން ޙާލުދެރަވުމާއި ދެމެދު ގުޅުމެއްވާކަން ފާހަގަވެފައެވެ. އެ ދިރާސާކުރުމުގައި ބައިވެރިވި މާކޯ ޓްރަވެގްލޮއީ ވިދާޅުވީ އެ ދިރާސާގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އިނގިރޭސިވިލާތެކޭ އެއްގޮތަށް ކުރިއަށް އޮތް ފިނި މޫސުމުގައި އިންޑިއާގައިވެސް ވައި ތަޣައްޔަރުވާ މިންވަރު އިތުރުވެ، ބަލީގައި ޙާލު ދެރަވާ މީހުންގެ ޢަދަދު އިތުރުވާނެކަމަށް ބެލެވޭކަމަށެވެ. އެގޮތުން ރައްކާތެރިކަމަށް ކަނޑައަޅައި މިންވަރަށްވުރެ މަތީގައި ވައިގެ ނުސާފުކަން ގިނަ މަސްތަކެއް ނުވަތަ އަހަރުތަކެއް ވަންދެން ދެމިހުންނަ ނަމަ ނޮވެމްބަރު މަހުން ފެށިގެން އިންޑިއާގެ ޙާލަތު އިތުރަށް ގޯސްވާނެކަމަށް ޤަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ނޮވެމްބަރު މަހާއި ފެބްރުއަރީ މަހުގެ ދެމެދުގައި ހިނގާ ދުވަސްތަކަކީ ދަނޑުތައް އަނދާ ދުވަސްވަރަކަށް ވުމުގެ އިތުރުން އެކި ކަހަލަ ބަޑިބޭހުގެ ޙަރަކާތްތަކާއެކު އިންޑިޔާގައި ޢީދުތައް ފާހަގަކުރާ ދުވަސްވަރެކެވެ. އަދި ދުއްވާތަކެތީގެ ސަބަބުންނާއި ކާރުޚާނާތަކުން ބޭރުވާ ވިހަ ދުން އަދި އެނޫންވެސް ވިހަ މާއްދާތައް އުޑުގެ ތިރީ ފަށަލައިގައި ޖަމާވުމުގެ ފުރުޞަތު އިތުރުވެއެވެ. އެދުވަސްވަރަކީ ވައި މަޑު ދުވަސްވަރަކަށްވުމުންވެސް ޙާލަތު އިތުރަށް ގޯސްވެއެވެ.

މިހާތަނަށް 7.9 މިލިއަން މީހުންނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ އިންޑިއާގެ ނިއު ދިއްލީގައި ކުރިއަށް އޮތް ފިނިމޫސުމުގައި ދުވާލަކު 15،000 މީހުންނަށް ބަލިޖެހިދާނެކަމުގެ އިންޒާރު އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލުންވަނީ ދީފައެވެ. އޭގެ ސަބަބުން ހަސްފަތާލުގައި ފަރުވާ ދޭންޖެހޭ މީހުންގެ ނިސްބަތް އިތުރުވެ ޞިއްޙީ ނިޒާމަށް ބާރުބޮޑުވުން އެކަށީގެންވާކަމަށް އެ އިދާރާއިންވަނީ އިންޒާރު ދީފައެވެ.

ޓްރަވަލްގޯ ވިދާޅުވީ ޕީއެމް2.5އަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ކަނޑައަޅާފައިވާ ރައްކާތެރި ޢަދަދަކީ ކޮންމެ ކިއުބިކުމީޓަރެއްގައި 10 މައިކުރޯގުރާމުކަމަށެވެ. 500 މައިކްރޯ ގުރާމަށްވުރެ އެ ޢަދަދު އިތުރުވެއްޖެނަމަ އެއީ ވަރަށް މަތީ ޢަދަދެއްކަމަށާއި އޭގެ ސަބަބުން ޞިއްޙަތަށް އޭގެ ނޭދެވޭ އަސަރުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ގިނަ ދުވަސްތަކަކަށް ޕީއެމް2.5 އަށްވުރެ މައްޗަށް ހުށަހެޅިފައިވާނަމަ އިންފެކްޝަނާއި ހަނގުރާމަކުރުމަށް ފުއްޕާމެއަށް ލިބިފައިވާ ބާރު ދެރަވާކަމަށާއި އޭގެ ސަބަބުން ކޯވިޑް-19 ޖެހުމުގެ ފުރުޞަތު އިތުރުވާކަމަށް ސައިންސްވެރިންވަނީ ފާހަގަކޮށްފައެވެ. ދިރާސާތަކުން ދައްކާގޮތުގައި ވައިގައި ހުންނަ ވިހަ މާއްދާތައް ނޭވާލުމުން ފުރަތަމަވެސް އަސަރުކުރަނީ ނޭވާލާ މަގަށްކަމުން ފުއްޕާމެޔަށް ކުރާ އަސަރު އިތުރުވެ ނޭވާ ހިއްލުމާއި ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީސާއި ހިތުގެ ބަލިތަކާއި ހަކުރުބަލި ޖެހުމުގެ ފުރުޞަތު އިތުރުކޮށްދެއެވެ. އެފަދަ ބަލިތަކަކީ ކޯވިޑް-19 ޖެހި ޙާލުދެރަވުމުގެ ފުރުޞަތު އިތުރުކޮށްދޭ ކަންތައްތަކެވެ.

ފާއިތުވި ހަފުތާތަކުގައި އިންޑިއާގެ ނިއުދިއްލީގެ ޕީއެމް2.5ގެ މިންވަރު ހުރީ އެވަރެޖުކޮށް 180 މައިކުރޯގުރާމާއި 340 މައިކުރޯގުރާމާއި ދެމެދުގެ މިންވަރެއްގައެވެ. އެއަށްވުރެ ބޮޑެތި ޕާޓިކިއުލޭޓް މެޓާކަމުގައިވާ ޕީއެމް10ގެ މިންވަރު ހުރީ 120 މައިކްރޯގުރާމާއި 450 މައިކްރޯގުރާމާއި ދެމެދުގެ މިންވަރެއްގައެވެ.

އިޓަލީވިލާތުގައި ކުރި ދިރާސާއަކުން ވައިގެ ތެރޭގައި ހުންނަ ވިހަ މާއްދާތަކުގައި ކޯވިޑް-19 ޖައްސާ ސާސް-ކޮވް-2 ވައިރަހުގެ ވިރާސީ މާއްދާގެ އަސަރުވަނީ ފެނިފައެވެ. އޭގެ މާނައަކީ ވައިގެ ތަޣައްޔަރުކަން އިތުރުވުމަކީ އެއްތަނުން އަނެއް ތަނަށް ބަލިޖައްސާ ވައިރަސް ގެންގޮސްދޭ އުޅަނދަކަށްވުން އެކަށީގެންވާކަމެވެ. އެހެންކަމުން މިހާތަގުގައި ވައި ސާފުކުރުމަށް އިތުރު ސަމާލުކަންދީ ޞިއްޙަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމަކީ ކޮންމެހެން މުހިންމުކަމެއްކަމުގައި ކަމާބެހޭ މާހިރުން ވިދާޅުވެއެވެ.