ދުނިޔެ

އޮކްސްފޯޑުން ތައްޔާރުކުރާ ވެކްސިނުން އުންމީދީ ނަތީޖާއެއް!


ކޯވިޑް-19އާ ދެކޮޅަށް އިނގިރޭސިވިލާތުން ތައްޔާރުކުރަމުންދާ ވެކްސިނަކުން ޒުވާނުންނާއި ދުވަސްވީ މީހުން ހިމެނޭގޮތަށް ދެ އުމުރު ފުރައިގެ މީހުންގެ ހަށިގަނޑުގައިވެސް ވައިރަހާ ދެކޮޅަށް ދިފާޢީ ބާރުތައް އުފައްދައިފައިވާކަމަށް އެ ޤައުމުގެ ބޭސް އުފައްދާ ކުންފުންޏެއްކަމަށްވާ އެސްޓްރަޒެނެކައިން ބުނެފިއެވެ. މިއީ ދުނިޔޭގެ 43 މިލިއަން މީހުންނަށް އެ ބައްޔެއް ޖެހި 1.15 މިލިއަން މީހުން މަރުވެފައިވާ ބައްޔަކާ ދެކޮޅަށް ވެކްސިނެއް ހޯދުމަށް މުޅި ދުނިޔެއިން ކުރަމުންދާ މަސައްކަތަށް ބޮޑު އުންމީދެއް ގެނެސްދޭނެ ނަތީޖާއެކެވެ.

އިނގިރޭވިލާތުގެ އޮކްސްފޯޑު ޔުނިވަސިޓީއިން ތައްޔާރުކުރަމުންދާ ވެކްސިން ބޭނުންކުރުމުން އުމުރުން ދުވަސްވީ މީހުންގެ ހަށިގަނޑުން ފެންނަ ނޭދެވޭ އަސަރުތައް ކުޑަކަމަށްވެސް އެސްޓްރަޒެނެކައިން ބުންޏެވެ. އެސްޓްރަޒެނެކައަކީ އޮކްސްފޯޑު ޔުނިވަސިޓީއާއި ގުޅިގެން އެ ވެކްސިން ބާޒާރަށް ނެރުމުގެ މަސައްކަތުގައި ޙިއްޞާވާ ކުންފުންޏެކެވެ.

އެސްޓްރަޒެނެކަގެ ފަރާތުން ވާހަކަ ދެއްކި ތަރުޖަމާނަކު ބުނީ ވެކްސިން ދިނުމުން ޒުވާނުންނާއި ދުވަސްވީ މީހުންގެ ހަށިގަނޑުގައި ދިފާޢީ މަސައްކަތެއް އުފެދުމަކީ ވެކްސިނެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ހިތްވަރުލިބޭކަމެއް ކަމަށެވެ. އޭގެ އިތުރުން ވެކްސިން ދިނުމުން ހަށިގަނޑަށް ކުރާ ބައެއް ކަހަލަ އަސަރުތައް ދުވަސްވީ މީހުންނަށް ކުރާ މިންވަރު ދަށްވުމަކީ ރަނގަޅު ފާލެއްކަމަށް އޭނާ ބުނެއެވެ.

ކޯވިޑް-19ގެ ސަބަބުން އާންމުކޮށް ޙާލުދެރަވަނީ އުމުރުން ދުވަސްވީ މީހުންނަށެވެ. ދުވަސްވީ މީހުންނަށް ބަލިޖެހުމުން ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ ބާރު ދެރަވެ، ބަލީގައި ޙާލު ބޮޑުވެ މަރުވުމުގެ ފުރުޞަތު ބޮޑެވެއެވެ.

ތަހުލީލުތަކުގެ ނަތީޖާއިން ވެކްސިންގެ ރައްކާތެރިކަމާއި އޭގެ ރަނގަޅު އަސަރަށް ހެކިދޭކަމަށް އެސްޓްރަޒެނެކަގެ ތަރުޖަމާނު ބުންޏެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްޞީލެއް ދީފައެއް ނުވެއެވެ. އަދި ފަހު މަރުހަލާގެ ތަހުލީލުތަކުގެ ނަތީޖާ އާންމުކުރާނެ ތާރީޚެއްވެސް ބުނެފައެއް ނުވެއެވެ. ބާޒާރަށް ވެކްސިން ނެރުމުގެ ޙުއްދަދޭ މިންވަރަށް ވެކްސިންގެ ބޭނުންތެރިކަމާއި ރައްކާތެރިކަން ޔަޤީންކުރެވޭނީ ފަހު މަރުޚަލާގެ ތަހުލީލުގެ ނަތީޖާއަށް ބެލުމަށް ފަހުގައެވެ.