ވިޔަފާރި

ފަތުރުވެރިކަމުގެ ނަމްބަރުތަކުން އުއްމީދު


ކޯވިޑް19ގެ ސަބަބުން ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތްކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިން ނުލިބޭފަދަ ބޮޑު ހީނަރުކަމެއް ވަނީ ލިބިފައެވެ. 1972 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ފެށިފަހުން ދުވަހަކުވެސް މި ސިނާއަތް ދަށަށް ނުދާ މިންވަރަށް ކޯވިޑް19 ގެ ސަބަބުން ވަނީ ގެއްލުމާއި ކުރިމަތިލާންޖެހިފައެވެ.

ރާއްޖޭގެ ބޯޑަރު އެއްކޮށް ބަންދުކޮށް ފަތުރުވެރިންނަށް ޙިދުމަތްދެމުންދިޔަ ހުރިހާ ރިސޯޓްތަކެއް ވަނީ ބަންދުކޮށްފައެވެ. ކޯވިޑް-19 ފެތުރުން ރާއްޖޭގައި ހުއްޓުވުމުގެ ގޮތުން ބޯޑަރު ބަންދުކޮށްފައިވަނީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. ގާތްގަނޑަކަށް 4 މަހެއްހާ ދުވަސްވަންދެން ރާއްޖޭގެ ބޯޑަރު އޮތީ ބަންދުކޮށްފައެވެ.

ކޯވިޑް19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ 48 އަހަރުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޓޫރިސްޓް އެރައިވަލްސް ވަނީ ސުމެއް އިންސައްތައަށް ވެއްޓިފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޭޕްރީލް އަދި ޖޫންމަހު ރައްޖެއަށް އެއްވެސް ފަތުރުވެރިއަކު އައިސްފައެއް ނުވެއެވެ. އަދި މޭމަހު ރާއްޖެ އައިސްފައިވަނީ 36 ފަތުރުވެރިންނެވެ.

ކޯވިޑްގެ މިހާލަތުގައި ރާއްޖޭގެ ފަތުރުވެރިކަން ހުއްޓި މި ސިނާއަތައް ވަނީ މާޔޫސްކަން ވެރިވެފައެވެ. ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތަށް ކުޑަނަމަވެސް އުންމީދެއް ލިބިގެންދިޔައީ ޖުލައި 15 ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވާލުމާއިއެކުއެވެ. އެހިސާބުން މަޑުން ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން ދިޔައީ ކުރިއަރަމުންނެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިތާ 3 މަސްވެފައިވާއިރު ފަތުރުވެރިކަމުގެ ނަންބަރުތަކުން މަޑުމަޑުން އަންނަނީ އުންމީދު ލިބެމުންނެވެ. ބޯޑަރު އަލުން ހުޅުވާލި ދުވަހުން ފެށިގެން މިމަހުގެ މިހާތަނަށް 31000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށާފައިވާ މައިގަނޑު އެއް ސަބަބަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެއަރލައިންތަކުގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމެވެ. ބޯޑަރު ހުޅުވާލުމާއިއެކު މިހާތަނަށް ވަނީ ބައިނަލްއަޤްވާމީ 12 އެއަރލައިނަކުން ދަތުރުތައް ފަށާފައެވެ. މިއަހަރުގެ ކުރިއަށްއޮތް ތަނުގައިވެސް ގިނަ އެއަރލައިންތަކަކުން ދަތުރުތައް ފެށުމަށް މިހާރު ވަނީ ޝެޑިއުލްކޮށްފައެވެ.

އެއަރލައިންތަކުގެ އިތުރުން ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތައްވެސް މިހާރު އިތުރުވަމުން އަންނަކަމަށް އެމްއޭސީއެލްއިން ބުނެއެވެ. މިމަހުގެ މިހާތަނަށް 126 ޕްރައިވެޓު ޖެޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވާކަމަށް އެމްއޭސީއެލުން ބުނެއެވެ. މިއަދަދަކީ މިދިޔަ މަހާ އަޅާ ބަލާއިރު 110 އިންސައްތަ އިތުރު އަދަދެކެވެ. އެހެންކަމުން މިއީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުޅިންވެސް އުންމީދީ ނަންބަރުތަކެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ހުރިހައި ފެސިލިޓީތަކެއްވެސް މިހާރު ވަނީ ޙިދުމަތައް ނިކުމެފައެވެ. އެގޮތުން ރިސޯޓްތަކާއި، ސަފާރީތަކާއި، ގެސްޓްހައުސްތައްވެސް ހިމެނެއެވެ. މީގެއިތުރުން މިހާރު ޓޫރިޒަމް މިނިސްޓްރީން ވަނީ ހުރިހައި ފެސިލިޓީއަކަށް ސްޕްލިޓް ސްޓޭގެ ހުއްދަ ދީފައެވެ. އެހެންކަމުން ރިސޯޓްތަކަށް އަދި ސަފާރީތަކަށް އަދި ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންނަށްވެސް ޙާއްސަ ހުއްދައަކާއިއެކު އެއްތަނުން އަނެއް ތަނަށްދެވޭނެއެވެ. މީގެ ސަބަބުންވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ.