ހދ. ނެއްލައިދޫގައި 60 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެޗްޑީސީއާ ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނެއްލައިދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
60 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ (ރިޓަޔާރޑް) ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހެއިރެވެ.
މި މަސައްކަތުގެ ދަށުން ނެއްލައިދޫގައި 3 ކޮޓަރި އެޕާޓްމަންޓްގެ 60 ހައުސިންގ ޔުނިޓް ޢިމާރާތްކުރެވޭނެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތަށް 100 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.
ނެއްލައިދޫގައި 60 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފައިވާއިރު، އެ ރަށު ބަނދަރުގައި ޖެޓީއެއް ހެދުމާއި ރަށުގެ މަގުތައް ހެދުމުގެ މަސައްކަތްވެސް ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއާއެވެ.