ދުނިޔެ

ފްރާންސްގައި ކޯވިޑްޖެހި ހަސްފަތާލުގައި ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދު މައްޗަށް


ފަރަންސޭސިވިލާތުގައި ކޯވިޑް-19 ޖެހި ހަސްފަތާލުތަކުގައި ފަރުވާ ދެމުންދާ ބަލި މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

ފަރަންސޭސިވިލާތުގައި މިހާތަނަށް 1.15 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 35،018 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 26،771 މީހުންނަށް ބަލިޖެހިފައިވާއިރު އިއްޔެ އެކަނިވެސް 1،307 މީހުންވަނީ އިތުރު ފަރުވާއަށް ހަސްފަތާލުގައި އެނދުމަތިކޮށްފައެވެ. އެއީ މިދިޔަ އޭޕްރިލް މަހަށްފަހު ފަރަންސޭސިވިލާތުގައި އެއްދުވަސް ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުން ހަސްފަތާލުގައި އެނދުމަތިކުރި ޢަދަދެވެ.

މީގެ ކުރިން އެންމެ ގިނަ ޢަދަދެއްގެ މީހުން އެއްދުވަސް ތެރޭގައި އެނދުމަތިކޮށްފައިވަނީ އޭޕްރިލް މަހުގެ 2ވަނަ ދުވަހުގައެވެ. އެއީ 1،607 މީހުންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފަރަންސޭސިވިލާތުގެ ހަސްފަތާލުގައި މިވަގުތު 17،784 މީހުންދަނީ ކޯވިޑް-19އަށް ފަރުވާ ހޯދަމުންނެވެ.

އެ ޤައުމުގައި ކޯވިޑް-19ގެ ފުރަތަމަ ރާޅު ފެތުރި ޙާލަތު އެންމެ ގޯސްވި އިރު ހަސްފަތާލުގައި އެއްފަހަރާ ފަރުވާ ދީފައިވާ މީހުންގެ ޖުމްލަ ޢަދަދަކީ 32،292އެވެ. ބަލީގެ ދެވަނަ ރާޅެއް ފެތުރެމުންދާތީ ފަރަންސޭސިވިލާތުގެ ގިނަ ސަރަޙައްދުތަކެއްގެ ހަސްފަތާލުތަކުގައިވަނީ ކުއްލި ހާލަތަށް ބަދަލުކޮށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ނޫން ޚިދުމަތްތައް މެދުކަނޑާލައިފައެވެ. އޭގެ ބޭނުމަކީ ކުއްލި ފަރުވާ ދޭ އައިސީޔޫތަކުގެ އެނދުތައް ކޯވިޑް-19ގެ ސަބަބުން ޙާލު ދެރަވާ މީހުންނަށް ބެހެއްޓުމެވެ. އޭގެ އިތުރުން ހަސްފަތާލުގެ މުވައްޒަފުންނަށް ޗުއްޓީ ދިނުންވެސް ބައެއް ސަރަޙައްދުތަކުގައިވަނީ މަޑުޖައްސައިލާފައެވެ.

ފަރަންސޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމަށް ރަސްމީ ފަރާތްތަކުން ވިސްނަމުންދާކަމަށް ބައެއް މަސްދަރުތަކުންވަނީ ބުނެފައެވެ.