ޚަބަރު

"އިންސާނިއްޔަތަކަށްޓަކައި ލޭ ހަދިޔާ ކުރައްވާ" މިނަމުގައި އެމް.އޭ.ސީ.އެލުން ބްލަޑް ކޭމްޕެއް ބާއްވައިފި


"އިންސާނިއްޔަތަކަށްޓަކައި ލޭ ހަދިޔާ ކުރައްވާ" މި ނަމުގައި އެމް.އޭ.ސީ.އެލުން ބްލަޑް ކޭމްޕެއް ބާއްވައިފިއެވެ.

މި ބްލަޑް ކޭމްޕް ރަސްމީކޮށް ފަށްޓަވައިދެއްވީ އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ ގޯޑަން އެންޑްރޫ ސްޓީވާޓެވެ. މި ހަރަކާތް ފަށްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގައި ގޯޑަން ވަނީ އެމް.އޭ.ސީ.އެލްއަކީ މުޖުތަމަޢަށް ފައިދާހުރި އަދި ބޭނުންތެރި ހަރަކާތްތައް ހިންގުމަށް އަބަދުވެސް އިސްކަންދޭނެ ކުންފުންޏެއްކަމަށް ވިދާޅުވެފައެވެ.

މި ހަރަކާތާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމް.އޭ.ސީ.އެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރ ހަސަން އަރީފް ވިދާޅުވީ، މިއީ އިންސާނިއްޔަތަކަށްޓަކާ ލޭ ހަދިޔާކުރުން ޕްރޮމޯޓްކޮށް، އެކަމަށް ހިތްވަރުދިނުމުގެގޮތުން އެކުންފުނީގެ ސީ.އެސް.އާރް ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށެވެ. އަދި މިއީ ކުރިންވެސް ކުރިއަށްގެންދަން ގަސްތުކޮށްފައިވާ ހަރަކާތެއްކަމަށާއި، ނަމަވެސް ހަރަކާތް ބޭއްވުން ފަސްވީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެންކަމަށެވެ. އެހެންނަމަވެސް ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އެހީތެރިކަމާއެކު މި ހަރަކާތް ބޭއްވުނީތީ އުފާކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. އަރީފް ވިދާޅުވީ، މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ ކޯވިޑް-19ގެ މި ޙާލަތާއި ގުޅިގެން އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އިޖްތިމާޢީ ގައިދުރުކަން ބަހައްޓައިގެންކަމަށެވެ.

"މި ޕެންޑަމިކްގެ ސަބަބުން ލޭ ހޯދުން ވެގެންދިޔައީ ވަރަށް އުނދަގޫކަމަކަށް. އެހެންވީމަ އަޅުގަނޑުމެން ވިސްނީ އަޅުގަނޑުމެންގެ ފަރާތުންވެސް މިކަމަށް ކޮންޓްރިބިއުޓްކުރަން. އަސްލު މިކަން ކުރަން ލަސްވެސްވެއްޖެ. ލަސްވީ ޕެންޑަމިކްއާއެކު އަޅުގަނޑުމެންވެސް ކުރިމަތިލާން ޖެހުނު ޗެލެންޖިންގ ޓައިމްގެ ސަބަބުން. ނަމަވެސް މިއަދު މިކަން ކުރެވުނީތީ އަޅުގަނޑުމެން ވަރަށް އުފާކުރަން" އަރީފް ވިދާޅުވިއެވެ.

އެމް.އޭ.ސީ.އެލްގެ މި ބްލަޑް ކޭމްޕް ކުރިއަށްގެންގޮސްފައިވަނީ ތެލެސީމިއާ ސެންޓަރުގެ ބައިވެރިވުމާއެކުގައެވެ.

މި ހަރަކާތާގުޅޭގޮތުން ވާހަކަދައްކަވަމުން އެ ސެންޓަރުގެ ސީނިއަރ ރަޖިސްޓަރޑް ނާސް މަރިޔަމް ރިފާން ވިދާޅުވީ، ކޯވިޑް-19 އާއެކު ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭ ހޯދުމަށް ވަރަށް ބޮޑަށް ދަތިވިކަމަށާއި، ވަކިން ޚާއްސަކޮށް ފުރަބަންދުގެ މުއްދަތުގެ ތެރޭގައި ބޮޑެތި ގޮންޖެހުންތަކެއް އެކަމުގައި ކުރިމަތިވިކަމަށެވެ. ތެލެސީމިއާ ކުދިންނަކީ ޤަވާއިދުން ލޭ އަޅަންޖެހޭ ކުދިންތަކެއްކަމުން، އެކުންދިންނަށް ލޭ ހޯދުމަށް ކުރިމަތިވެފައިވާ ދަތިކަމަށް ލުޔެއް ހޯދުމަށް އެމް.އޭ.ސީ.އެލުން މިފަދަ ހަރަކާތެއް ހިންގީތީ، ރިފާން ވަނީ އެކުންފުންޏަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

"ކޯވިޑް-19 އާއެކު ވަރަށް ބޮޑަށް ލެޔައް ދަތިވެގެންދިޔަ. ލޭ ލިބުމަށް ދަތިވެގެންދިޔަ. ތެލެސީމިއާ ކުދިންނަކީ ދިރިހުރުމަށްޓަކާ ކޮންމެހެންވެސް ލޭ ބޭނުންވާ ކުދިން. މަހަކު ދެފަހަރު ލޭ އަޅަންޖެހޭ ކުދިންވެސް އެބައުޅޭ. އެމް.އޭ.ސީ.އެލްގެ ފަރާތުން މި ކަހަލަ ޙާލަތެއްގައިވެސް މިފަދަ ހަރަކާތެއް ކުރިއަށްގެންދިޔަކަމީ ޝުކުވެރިކަމާއެކު ބަލައިގަންނަކަމެއް" ރިފާން ވިދާޅުވިއެވެ.

"އިންސާނިއްޔަތަކަށްޓަކައި ލޭ ހަދިޔާ ކުރައްވާ" މި ނަމުގައި އެމް.އޭ.ސީ.އެލުން ކުރިއަށްގެންދިޔަ މި ލޭ ހަދިޔާކުރުމުގެ ހަރަކާތުގައި އެކުންފުނީގެ އިސް މެނޭޖްމަންޓުން ފެށިގެންގޮސް އެކި ފަންތީގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެ، ލޭ ހަދިޔާކޮށްފައިވެއެވެ.