ދުނިޔޭގެ ވިޔަފާރި

ކެތޭ ޕެސިފިކުން ގިނަ މުވައްޒަފުންތަކެއް މަދުކޮށް، ކެތޭ ޑްރެގަންގެ އުދުހުންތައް ހުއްޓާލަނީ


މާލީ ޙާލަތު ދަށަށްގޮސް ހޮންގްކޮންގެ ކެތޭ ޕެސިފިކް އެއަރލައިނުން 8000 އަށްވުރެ ގިނަ މުއައްޒަފުން މަދުކޮށް، ކެތޭ ޕެސިފިކްގެ ދަށުން ހިންގާ ސަރަހައްދީ އެއަރލައިން "ކެތޭ ޑްރެގަން"ގެ އުދުހުންތައް ހުއްޓާލަން ނިންމައިފިއެވެ.

ހޮންކޮންގްގެ ކެތޭ ޕެސިފިކް އެއަރލައިންއިން މަޢުލޫމާތު ހިއްސާކުރައްވަމުން ކެތޭ ޕެސިފިކް ގްރޫޕްގެ ސީއީއޯ އޮގަސްޓަސް ޓޭންގް ވަނީ މިވަގުތު ކުންފުނި ހިންގަމުންދަނީ ވަރަށް ޚަރަދުބޮޑު ގޮތަކަށްކަމަށް ވިދަޅުވެފައެވެ. މި މައްސަލަ ހައްލުކުރުމަށް ކުންފުނި ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް ޓޭންގް ވިދާޅުވުވުއެވެ.

ކުންފުނި ހިންގުމަށް މިހާރު މަހެއްގެ މައްޗަށް 258 މިލިއަން ޑޮލަރު ޚަރަދުވާއިރު، ކުންފުނިން ހިންގުމަށް އަލަށް ގެނައި ބަދަލާއެކު މި ޚަރަދު މަހަކަށް 65 މިލިއަން ޑޮލަރަށް ދަށަށް ދާނެކަމަށް ޓޭންގް ވިދާޅުވިއެވެ.

ޚަރަދު ކުޑަކުރުމަށް ގެނައި ބަދަލުތަކުގެ ދަށުން 8500 މުވައްޒަފުން މަދުކުރަން ވަނީ ނިންމާފައެވެ. މިއީ ކުންފުނީގެ ޖުމުލަ މުވައްޒަފުންގެ 24 އިންސައްތަ ކަމުގައިވާއިރު، އެންމެ ގިނަ މުއައްޒަފުން މަދުކުރުމަށް ނިންމާފައިވަނީ އެއަރލައިން ޤާއިމްވެފައިވާ ހޮންކޮންގއިންނެވެ. އެގޮތުން ހޮންކޮންގއިން 5300 މުވައްޒަފުން ވަކިކުރަން ނިންމާފައިވާއިރު އެހެނިހެން އޮފީސްތަކުން 600 މުވައްޒަފުން ވަނީ ވަކިކުރަން ނިންމާފައެވެ. މީގެ އިތުރުން މުއައްޒަފަކު ނެތި މަޤާމު ހުސްވެފައިވާ މަޤާމުތައް ވަގުތީ ގޮތުން އުވާލުމަށްވެސް ވަނީ ނިންމާފައެވެ. އަލަށް ގެނައި ބަދަލުގެ ދަށުން ކެތޭ ޕެސިފިކުން ސަރަހައްދީ ދަތުރުތައް ކުރާ ކެތޭ ޑްރެގަން އުދުހުންތައް ހުއްޓާލަން ވަނީ ނިންމާފައެވެ. މީގެ އިތުރުން އައު މަތިންދާ ބޯޓުތައް ގަތުން ހުއްޓާލާ ކުންފުނީގެ އެގްޒެކެޓިވް ލެވެލްގެ ވެރިންގެ މުސާރަ ކުޑަކުރުމަށްވެސް ވަނީ ނިންމާފައެވެ.

ކެތޭ ޕެސިފިކުން ބުނާގޮތުން ކުންފުނީގެ މާލީ ޙާލަތު ރަނގަޅުވިހާ އަވަހަކަށް ވީހާވެސް ގިނަ މުއައްޒަފުންނަށް އަލުން ވަޒީފާ ދޭނެއެވެ. އެހެންނަމަވެސް، ކުންފުނީގެ ވިޔަފާރި އަންނަ އަހަރުގެ ތެރޭގައިވެސް އެންމެ އެކަށޭނަ ގޮތެއްގައި ކުރިނާރާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.