ދުނިޔެ

އިންޑިޔާގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ލިބޭނެ އިންތިޒާމްދަނީ ހަމަޖައްސަމުން: މޯދީ


ކޯވިޑް-19އާ ދެކޮޅަށް އުފައްދާ ވެކްސިނެއް އިންޑިޔާގެ ހުރިހާ ރައްޔިތުންނަށް ލިބޭނެކަން ސަރުކާރުން ކަށަވަރުކުރާނެކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރޭ ޤައުމުގެ ގޮތުގައި އޮތީ އިންޑިޔާއެވެ. އެ ޤައުމުގައި މިހާތަނަށް 7.5 މިލިއަން މީހުންނަށް ބަލިޖެހި 115،186 މީހުންވަނީ މަރުވެފައެވެ. ކުރިއަށްއޮތް ހަފުތާތަކުގައި އިންޑިޔާގެ ބޮޑެތި ޗުއްޓީތަކަކާއި ޢީދުތައް އަންނާތީ އެދުވަސްވަރު ބަލިފެތުރޭ މިންވަރު އިތުރުވެދާނެކަމުގެ އިންޒާރު ޞިއްޙީ މާހިރުން މިހާރުވެސް ވަނީ ދީފައެވެ.

ޤައުމާ މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން މޯދީވަނީ މާސްކު އެޅުމާއި އިޖުތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތައް އެޅުމުގައި ޤައުމުގެ ރައްޔިތުން ދެމިތިބުމަށް ގޮވައިލައްވާފައެވެ. ކުރިއަށް އޮތް ޗުއްޓީތަކާއި ޢީދުތަކުގައި ބަލިފެތުރޭ މިންވަރު އިތުރުވިޔަ ނުދީ ހިފެހެއްޓޭނީ އޭރުންކަމަށް މޯދީ ވިދާޅުވިއެވެ. މިއީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ފަރުވާކުޑަކުރަންވީ ވަގުތުނޫންކަމަށްވެސް މޯދީ ވިދާޅުވިއެވެ.

ހިންދީ ބަހުން ދެއްވި ޙިޠާބުގައި މޯދީ ވިދާޅުވީ ވައިރަހާ ދެކޮޅަށް ވެކްސިނެއް ލިބޭހާ އަވަހަކަށް އިންޑިޔާގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ލިބޭނޭ އިންތިޒާމް ހަމަޖެއްސުމުގައި ސަރުކާރުން އަވަދިނެތި މަސައްކަތްކުރަމުންދާކަމަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާގައި ބަލިޖެހިފައިވަނީ 46،790 މީހުންނަށެވެ. އެއީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އެއްދުވަސް ތެރޭގައި ބަލިޖެހުނު މީހުންގެ ޢަދަދު އެންމެ ދަށްވި ދުވަހެވެ. އޮކްޓޯބަރު މަހުގެ 20ވަނަ ދުވަހު ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގައި މަރުވެފައިވަނީ 587 މީހުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ ޤައުމުގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު އެމެރިކާގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދަށްވުރެ އިތުރުވާނެކަމަށް ބެލެވެއެވެ.