އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި، އައްޑޫ މީދޫ އާއި ހުޅުދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކަށް ދާއިމީ ހައްލެއް އެދިގެން އައްޑޫގެ އާއްމުން ތިބޭތާ އެތައް އަހަރެއް ވަނީ ވޭތުވެފައެވެ. ޚާއްސަކޮށް އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލައަކީ އެ ސިޓީގެ ރައްޔިތުންނަށް އުފުލަންޖެހިފައިވާ ބޮޑު ތަކުލީފެކެވެ.
އައްޑޫގެ ކަރަންޓުގެ ޚިދުމަތް ދެމުން އައި ގޮތަށް ބަލާއިރު، މީގެ 17ވަރަކަށް އަހަރުކުރިން އައްޑޫގައި ކަރަންޓުގެ ޚިދުމަތް ދިނުމުގައި ސްޓެލްކޯއިން ހަރަކާތްތެރިވިއެވެ. ނަމަވެސް ފަހުން އެ ސިޓީގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އައި ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ. ފެނަކަ އުވާލައި، ފެނަކައިގެ ދަށުން ދެމުންދިޔަ ޔޫޓިލިޓީގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށުން ދިނުމަށް ނިންމަވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކަން އިޢުލާން ކުރައްވާފައިވަނީ ސެޕްޓެމްބަރ 7ވަނަ ދުވަހުއެވެ. އެ ބަދަލުގެ ދަށުން އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތާ ސްޓެލްކޯ އިން 2 ވަނަ ފަހަރަށް ރަސްމީކޮށް ހަވާލުވެފައިވަނީ 30 ސެޕްޓެމްބަރުގައެވެ.
މާލެ ފިޔަވައި ދެން އެންމެ ބޮޑު އާބާދީއެއް އޮތް، އައްޑޫގެ ކަރަންޓުގެ ޚިދުމަތްދިނުމާ ސްޓެލްކޯއިން ހަވާލުވެފައިވަނީ، އެކަމަކީ ބުރަ ބޮޑު ޒިންމާ އެއްކަންއެނގިތިބެއެވެ. އެގޮތުން، އައްޑޫގެ ކަރަންޓުގެ ހާލަތާ ގުޅޭ ޓެކްނިކަލް އެސެސްމެންޓެއް ހަދައި، ކަރަންޓު ފޯރުކޮށްދިނުމުގެ ނިޒާމް މިހާރު އޮތް ޙާލަތު ސްޓެލްކޯއިން ވަނީ ދެގަނެފައެވެ.
ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަރވިއުއެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ފާހަގަކުރެއްވިގޮތުގައި ސްޓެލްކޯގެ އުއްމީދަކީ އައްޑޫގެ ކަރަންޓުގެ ހާލަތު އާއްމުން ޤަބޫލުކުރާ ފެންވަރަށް ރަނގަޅުކޮށްދިނުމެވެ. އެމްޑީ ފާހަގަކުރެއްވި ގޮތުގައި، ކަރަންޓުގެ ޚިދުމަތް މެދު ނުކެނޑި ފޯރުކޮށްދިނުމަށް ކެޕޭސިޓީ އިތުރުކުރުމަށް ފަށާފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ އައު ޕަވަރ ޕްރޮޖެކްޓްގެ މަސައްކަތެވެ.
އެ ޕްރޮޖްޓު އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ޕްރޮޖެކްޓުގެ ސްކޯޕަށް ބަދަލު ގެނައުމާއި، މަސައްކަތް އަވަސްކުރުމަށް އެ މަސައްކަތް ޙަވާލުކޮށްފައިވާ ކުންފުންޏާއެކު ސްޓެލްކޯއިން މަސައްކަތްކުރަމުންދާކަން ސްޓެލްކޯގެ އެމްޑީ އަޒުވަރު ފާހަގަކުރެއްވިއެވެ. އެމްޑީ ވަނީ އައްޑޫ ހިމެނޭހެން މުޅި ރާއްޖޭގެ ކަރަންޓުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ރަނގަޅަށް ކުރިއަށްގެންދާނެކަމުގެ ޔަޤީންކަން އާއްމުންނަށް ދެއްވާފައެވެ.
"ކަރަންޓު އިތުބާރާއެކު ލިބޭނެ ނިޒާމެއް ޤާއިމްކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް. ސްޓެލްކޯގެ ތަޖުރިބާ ބޭނުންކޮށްގެން އައްޑޫގެ ކަރަންޓުގެ ޙަލާތު މިހާރަށް ވުރެ އެތައް ގުނައެއް ރަނގަޅުކުރާނަމޭ. އެ ތަފާތު އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފެނިގެންދާނެ." ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަލީ އަޒުވަރު ވިދާޅުވިއެވެ.
އެމްޑީ އެފަދައިން ވިދާޅުވެފައިވާއިރު، އައްޑޫސިޓީއާއި ސ.މީދޫ އަދި ހުޅުދޫގެ ބައެއް އާއްމުން ފާހަގަކުރި ގޮތުގައި މި ބަދަލާއެކު އައްޑޫގެ ކަރަންޓުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބުމުގެ އުއްމީދު ވަނީ އާވެފައެވެ. އާއްމުން ބުނީ ސްޓެލްކޯއިން ޚިދުމަތްދޭން ފެށުމުން ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެކަމަށް ޤަބޫލުކުރާކަމަށެވެ. އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިހާތަނަށް ދިވާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސްޓެލްކޯގެ ޤާބިލްކަން ފުރިހަމައަށް އެބަހުރިކަމަށް ޤަބޫލުކުރާކަމަށް އާއްމުން ފާހަގަކުރިއެވެ.
"70އަށް ވުރެ ގިނަ އަހަރު ދުވަހުގެ ތަޖުރިބާއާއެކު ސްޓެލްކޯއިން މި މަސައްކަތަށް ނުކުތީ ޤާބިލްކަމާއެކު. އެހެންވީމަ ރައްޔިތުންގެ އުއްމީދުތައް ވަރަށް ބޮޑު މިފަހަރު މި މައްސަލަ ހައްލުވާނެކަމާމެދު." އައްޑޫގެ އާމު ރައްޔިތަކުވަނީ ބުނެފައެވެ.
އިތުރު ބައެއް އާއްމުން ބުނީ ސްޓެލްކޯގެ ބެލުމުގެ ދަށުން އައްޑޫގެ ކަރަންޓުގެ ޚިދުމަތް ދިނުމަކީ އާއްމުންވެސް އެދޭ ގޮތްކަމަށެވެ. މީގެ 17 އަހަރު ކުރިން ސްޓެލްކޯއިން އައްޑޫ ސިޓީގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދިޔައިރު ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނެވި ގޮތުގައި ލިބެމުން ދިޔަ ކަމަށް އާއްމުން ފާހަގަކުރިއެވެ. އަދި އުއްމީދަކީ ސްޓެލްކޯއާއެކު އައްޑޫގެ ކަރަންޓުގެ ޚިދުމަތަކީ ބަރޯސާވެވޭ ފަދަ ޚިދުމަތަކަށް ހެދުންކަމަށްވެސް އާއްމުން ފާހަގަކުރިއެވެ.
"ކުރިން އައްޑޫގައި ސްޓެލްކޯ އިން ޚިދުމަތްދިން އިރު ރަނގަޅު ކަރަންޓުވެސް. އުއްމީދަކީ ދެވަނަ ފަހަރު ވެސް ހަމައެގޮތަށް ޚިދުމަތް ލިބިގެންދިއުން. މިއީ ވަރަށް ގިނަ ދުވަހު ކުރަމުން އައި އުއްމީދެއް ފެންވަރު ރަނގަޅުކޮށް މިކަން ކުރާނެ ބަޔަކާ މިކަން ހަވާލުކުރުން." އައްޑޫގެ އާމު ރައްޔިތަކުވަނީ ބުނެފައެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، އައްޑޫ ސިޓީގައި ސެންޓްރަލް ޕަވަރ ސްޓޭޝަނެއް ގާއިމްކުރުމަށް ޙަވާލުކުރީ ޑެފިނިޓް ސޮލިއުޝަންސްއާއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމުމާއެކު، އައްޑޫގެ ސެންޓްރަލް ޕަވަރ ސްޓޭޝަނުގައި 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން ހުންނާނެއެވެ. މިއާއެކު 20 އަހަރަށް ދަތިނުވާ ވަރަށް އައްޑޫ ސިޓީގައި ކަރަންޓު ކެޕޭސިޓީ ހުންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.