ކުޅިވަރު

ޕްރިމިއަރ ލީގު: ޔުނައިޓެޑުން ފަހަތުން އަރައި ނިއުކާސަލް ބަލިކޮށްފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

ނިއުކާސަލްގެ ދަނޑު ޖޭމްސް ޕާކްގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ ފަހަތުން އަރައި 4 ލަނޑު ޖަހައިގެން 1-4 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ނިއުކާސަލް ޔުނައިޓެޑުގެ ލަނޑަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ޑިފެންޑަރ ލޫކް ޝޯ އަތުން ބައިކޮޅަށް ވަތް ލަނޑެކެއެވެ. މި ލަނޑު ވަދެފައިވަނީ މެޗު ފަށައިގެން ދެވަނަ މިނެޓުގައެވެ.

ބައިކޮޅަށް ލަނޑެއް ވަނުމާއެކު ޔުނައިޓެޑުން ވަނީ ނަތީޖާ ހަމަހަމަކުރުމަށް ވަރަށް މަސައްކަތްކޮށްފައެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ވަނީ ޔުނައިޓެޑަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް ފެނާންޑޭސްއަށް ބޯޅަ ދިންއިރު މަޓާ އޮފްސައިޑް މަގާމެއްގައި ހުރުމުން ރެފްރީ ވަނީ އެއީ ލަނޑު އުނިކޮށްފައެވެ.

މި މެޗުގައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ހެރީ މެގުއައެވެ. މެގުއާ މި ލަނޑު ޖެހީ މެޗުގެ 23 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ކޯނަރަކުން މަޓާ ނަގައިދިން ބޯޅަ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑަށް ފަހު ޔުނައިޓެޑުން ވަނީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްގެން ކުޅެ ލީޑު ނަގަން މަސައްކަތްކޮށްފައެވެ.

އެގޮތުން މެޗުގެ 36 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ވެން-ބިސާކާ ފޮނުވާލި ބާރު ހަމަލާ ނިއުކާސަލްގެ ކީޕަރ ވަނީ އަތުން ޖައްސާ ކޯނަރަކަށް ބޯޅަ ބޭރުކޮށްލާފައެވެ. އަދި މެޗުގެ 43 ވަނަ މިނެޓުގައި ރަޝްފޯޑް ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަވެސް ކީޕަރ ވަނީ މަތަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން ނިއުކާސަލް ޔުނައިޓެޑަށް ލިބުނު މަދު ފުރުޞަތުތަކުގައި އެޓީމުން ވަނީ ޔުނައިޓެޑުގެ ގޯލަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓުގައި ކަލުމް ވިލްސަން ފައިން ޖައްސާ ގޯލަށް ވައްދާލަން މަސައްކަތްކުރި ބޯޅަ ޔުނައިޓެޑުގެ ކީޕަރ ޑެހެއާ ވަނީ ހުށިޔާރުކަމާއެކު ދިފާޢުކޮށްފައެވެ.

މި މެޗުގައި ޔުނައިޓެޑުގެ ފޯވާޑް ރަޝްފޯޑަށް ޕެނަލްޓީ އޭރިޔާ ތެރެއިން ފައުލްކުރުމާއި ގުޅިގެން ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ ޔުނައިޓެޑަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ބްރޫނޯ ފެނާންޑޭސް ފޮނުވާލި ޕެނަލްޓީ ނިއުކާސަލް ޔުނައިޓެޑްގެ ކީޕަރ ވަނީ ހުށިޔާރުކަމާއެކު ދިފާޢުކޮށްފައެވެ.

މި މެޗުގައި ޔުނައިޓުގެ ފަހު ތިން ލަނޑު ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 5 މިނެޓަށް ވެފައިވަނިކޮށެއެވެ. އެގޮތުން މި މެޗުގައި ޔުނައިޓެޑަށް ލީޑު ނަގައިދިން ލަނޑު ރަޝްފޯޑްގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭޒްއެވެ. ޔުނައިޓެޑުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެން ބިސާކާއެވެ. އަދި ހަަތަރު ވަނަ ލަނޑު އިތުރު ވަގުތުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ރަޝްފޯޑްއެވެ.

މި މެޗުން މޮޅުވުމާއެކު ޔުނައިޓެޑް ވަނީ ޕްރިމިއަރ ލީގު ތާވަލްގެ 14 ވަނައަށް ކުރިޔަށް ޖެހިލާފައެވެ. ޔުނައިޓެޑް 14 ވަނައިގައި އޮތީ ލީގުގައި މިހާތަނަށް ކުޅުނު 4 މެޗުން ލިބުނު 6 ޕޮއިންޓާއެކުއެވެ. މި މެޗުން ބަލިވި ނިއުކާސަލް ޔުނައިޓެޑް އޮތީ 5 މެޗު ކުޅެގެން ލިބުނު 7 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.