މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނެވުނު 8 ވަނަ އިޞްލާޙާ ގުޅޭގޮތުން، ފަތުރުވެރިކަމުގެ ސިނާޢަތުގެ ބައިވެރިން ހޭލުންތެރިކުރުވުމުގެ ޚާއްޞަ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ފަތުރުވެރިކަމާއި މަދަނީ އުދުހެންތަކާބެހޭ ވުޒާރާއިން މިއަދު ބާއްވައިފިއެވެ.
ފަތުރުވެރިކަމާއި މަދަނީ އުދުހެންތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަދި މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްއާ ގުޅިގެން ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، އަންނަ މަހު 1 އިން ޤާނޫނަށް ގެނައި ބަދަލުތަކަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކަންކަން ސާފުކުރުމުގެ ފުރުޞަތު ސިނާޢަތުގެ އެންމެހައި ފަރާތްތަކަށް ތަނަވަސްކޮށްދިނުމެވެ.
މި ބައްދަލުވުމުގައި ރިޒޯޓް އޮޕަރޭޓަރުންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ ޖަމްޢިއްޔާތަކުގެ އިތުރުން، ބައިނަލްއަޤްވާމީ ބާޒާރުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ވިއްކާ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންސީތައް ހިމެނޭހެން، ދުނިޔޭގެ 55 ޤައުމަކުން ޖުމްލަ 683 ބައިވެރިން ބައިވެރިވިއެވެ.
ފަތުރުވެރިކަމާއި މަދަނީ އުދުހެންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންސީތަކުގެ އިތުރުން އެ ފަރާތްތައް ތަމްސީލުކުރާ އެކިއެކި ޖަމްޢިއްޔާތަކުން މި އިޞްލާޙާ ގުޅޭ އިތުރު ތަފްޞީލު ސާފުކުރުމަށް ސަރުކާރުގައި އެދެމުންދިޔުމާ ގުޅިގެން، ހަމައެކަނި ލިޔުމުން އިރުޝާދު ދިނުމުގެ ބަދަލުގައި، އެއް މޭޒެއްގެ ދަށުން ސުވާލުކޮށް މަޢުލޫމާތު ސާފުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނީ ކަމަށެވެ.
މި އިޞްލާޙުގެ ސަބަބުން ބޭރު ޤައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ވިއްކާ ފަރާތްތަކަށްވެސް މި ޤާނޫނު ހަމަހަމަކަމާއެކު ތަންފީޛުވެގެންދާނެއެވެ. މީގެ ކުރިން، ރާއްޖެއިން ބޭރުގައި ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ވިއްކާ ބުކިންގ ޕްލެޓްފޯމުތަކުން ރާއްޖޭގެ ފަތުރުވެރިކަން ވިއްކުމުގައި ނަގާ ބަޔަށް އެއްވެސް ޓެކްސްއެއް ނުނެގުނު ނަމަވެސް، ރާއްޖޭގައި ޓޫރިޒަމް ވިޔަފާރިކުރާ އަދި ޚިދުމަތް ފޯރުކޮށްދޭ ދިވެހި ފަރާތްތަކުން އައީ ޤަވާޢިދުން ފުރިހަމައަށް ޓެކްސް ދައްކަމުންނެވެ. އެހެންކަމުން މި ބަދަލަކީ އެ ތަފާތު ނައްތާލުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި އައު މާއްދާތަކަށް ޢަމަލުކުރަން ފެށުމާ ހަމައަށް، ދާއިރާގެ އެންމެހައި ފަރާތްތަކަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާގެ ޖަމްޢިއްޔާތަކާއި ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން ސަރުކާރުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހެންތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.