ދުނިޔެ

ބޮޑު އަޣުލަބިއްޔަތަކުން ނިއުޒީލެންޑުގެ އާންމު އިންތިޚާބު ލޭބާ ޕާޓީން ކާމިޔާބުކޮށްފި


ނިއުޒީލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑެންގެ ލޭބާ ޕާޓީ ބޮޑު އަޣުލަބިއްޔަތަކުން އެ ޤައުމުގެ އާންމމު އިންތިޚާބު ކާމިޔާބުކޮށްފިއެވެ.

ސަރުކާރެއް އެކުލަވާލުމަށް ޤާނޫނު ހަދާ މަޖިލީހުގެ 120 ގޮޑީގެ ތެރެއިން 61 ގޮނޑި ކާމިޔާބުކުރަންޖެހޭ ގޮތަށް ނިއުޒީލެންޑުގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްފައިވަނީ 1996ވަނަ އަހަރުގައެވެ. އެއީ ވޯޓުގެ ގާތްގަނޑަކަށް 48 އިންސައްތައެވެ.

ޤާނޫނު ހަދާ މަޖިލީހުގެ 120 ގޮނޑީގެ ތެރެއިން 64 ގޮނޑިވަނީ ލޭބާ ޕާޓީއަށް ޔަޤީންވެފައެވެ. މިއީ 1996ވަނަ އަހަރުގެ ފަހުން އެއް ޕާޓީއަކުން ޤާނޫނު ހަދާ މަޖިލީހުގެ އެހާ ގިނަ ޢަދަދެއްގެ ގޮނޑި ކާމިޔާބުކުރާ ފުރަތަމަ ފަހަރެވެ. އިތުރު ޕާޓީއަކާއި އިއްތިހާދު ހެދުމެއް ނެތި ސަރުކާރު ޤާއިމްކުރުމުގެ ފުރުޞަތު ލިބުމުން މިދިޔަ ދައުރުގައި ޙާޞިލް ނުވި ގިނަ ކަންކަން އައު ދައުރުގައި ފުރިހަމަ ކުރާނެކަމަށް ބެލެވެއެވެ.

ނިއުޒީލެންޑުގެ އިންތިޚާބާބެހޭ ކޮމިޝަނުން ބުނީ މިހާތަނަށް 77 އިންސައްތަ ވޯޓު ގުނާފައިވާކަމަށެވެ. އޭގެ ތެރެއިން 49 އިންސައްތަ ވޯޓު ލޭބާ ޕާޓީއިންވަނީ ކާމިޔާބުކޮށްފައެވެ. ލޭބާ ޕާޓީއާ ދެކޮޅަށް ވާދަކުރި ނޭޝަނަލް ޕާޓީއިން ކާމިޔާބުކޮށްފައިވަނީ ވޯޓުގެ 27 އިންސައްތައެވެ.

ކޯވިޑް-19 ފެތުރެން ފެށުމުން ނިއުޒީލެންޑުގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ބޮޑުވަޒީރު އާޑެންގެ މަޤުބޫލުކަންވަނީ ޢާންމުންގެ މެދުގައި ވަރަށް ބޮޑަށް އިތުރުވެފައެވެ. އޭގެ އިތުރުން މިދިޔަ އަހަރު އެ އެ ޤައުމުގެ ކްރައިސްޓްޗަރޗުގެ މިސްކިތްތަކަށް ދޮން ނަސްލުގެ މީހުންނަކީ އެހެން އިންސާނުންނަށްވުރެ މޮޅު ބައެއްކަމުގައި ޤަބޫލުކުރާ 'ވައިޓު ސުޕްރީމިސްޓަކު' ޙަމަލާ ދިނުމުންނާއި ނުރައްކާތެރި އަލިފާން ފަރުބަދައެއް ގޮވުމުން އެކަމަނާ ޢަމަލުކުރައްވާފައިވާ ގޮތަށް ޢާންމުންގެ ތަޢުރީފުވަނީ ލިބިވަޑައިގެންފައެވެ،