ކުޅިވަރު

ލިވަޕޫލަކީ އެންމެ މޮޅު ޓީމު، މިއީ ވަރުގަދަ އިމްތިހާނެއް: އަންޗެލޮޓީ


އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލްއާ ދެކޮޅަށް ނުކުންނައިރު އެޓީމަކީ އެންމެ މޮޅު ޓީމު ކަމަށާއި މިއީ އެވަޓަން އަށް ކުރިމަތިވާ ވަރުގަދަ އިމްތިހާނެއް ކަމަށް އެޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ ލިވަޕޫލަކީ އިނގިރޭސިވިލާތުގެ އެންމެ މޮޅު ޓީމުކަމަށާއި އެއީ މިވަގުތު ދުނިޔޭގަ އޮތް އެންމެ ވަރުގަދަ ޓީމުކަމަށެވެ. އޭނާ ބުނީ މިވަގުތަށް ބަލާއިރު ލީގުގައި ލިވަޕޫލާ ވާދަކުރަންޖެހުމަކީ އެވަޓަންއަށް އޮތް ރަނގަޅެއްކަމަށް ދެކޭކަމަށާއި މިއީ އެޓީމަށް ކުރިމަތިވާނެ ވަރުގަދަ އިމްތިހާނަކަށް ވާނެކަމަށެވެ.

އަންޗެލޮޓީ ބުނީ ޓީމުން މިދިޔަ މެޗުތަކުގައި ގޯލް ގިނައިން ޖެހި ނަމަވެސް ފަހަތުން ގޯސްތައް ހަދަމުންދާކަމަށެވެ. އެހެންކަމުން ކުރިޔަށްހުރި މެޗުތަކުގައި ކޮންމެވެސް ބަދަލުތަކެއް ގެނެސް ޓީމުގެ ފަހަތަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނެކަމަށް އަންޗެލޮޓީ ބުންޏެވެ. އެވަންޓަންގެ މިވަގުތު އެންމެ ފޯމުގައިހުރި ފޯވާޑް ޑޮމިނިކް ކަލްވެޓް-ލެވިން ވަނީ މިފަހަރު ގައުމީ ޓީމުގައި ވެސް ރަނގަޅު ކުޅެމެއް ދަކާފައެވެ.

އަންޗެލޮޓީ ބުނީ ކުޅުންތެރިޔާ ރަނގަޅު ހާލަތުގައި ހުރެ ރަނގަޅު ވިސްނުމުގައި އަލުން ޓީމާ ގުޅުމަކީ ލިބުނު ހިތްހަމެޖެހުމެއް ކަމަށެވެ. މި މެޗާ ކުރިމަތިލާއިރު އެވަޓަން އޮތީ ކުޅުނު ހަތަރު މެޗު ކާމިޔާބުކޮށްގެން 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ.