ޚަބަރު

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ރަޖިސްޓްރީތައް ދެމަހެއްހާ ދުވަހުގެ ތެރޭގައި ހަވާލުކޮށް ނިންމަނީ


  • ރަޖިސްޓްރީ ދޫކުރަނީ ކުރީގެ ހައުސިންގ މިނިސްޓްރީގައި ހިންގަމުންދިޔަ މާލެ ސިޓީ ކައުންސިލްގެ އާބާދީއާއި ބެހޭ ބައިގައި

  • ރަސްމީ ދުވަސްދުވަހު އެޕޮއިންޓްމަންޓް އުޞޫލުން ހެނދުނު 9 އަކުން މެންދުރުފަހު 3 އަކަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތްކުރިއަށް

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ގެދޮރުވެރިކަމާއި އިމާރާތްކުރުމައި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ފެށީ މިއަދު ހެނދުނު 0930 ހުގައެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރަޖިސްޓްރޭޝަންގެ މަސައްކަތް އަލުން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީކަމަށެވެ.

މީގެ ސަބަބުން، ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައްވަނީ ބަދަލުވެފައެވެ.ގޯތި ލިބޭ ފައިނަލް ޕްލޮޓް ކަނޑައަޅާފައިވަނީ މޭއިމަހުގެ 30ވަނަ ދުވަހު އުސްފަސްގަނޑު ސަރަޙައްދުގައި ބޭއްވި ގުރުއަތުނެގުމުގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމަތު ދެއްވަމުން ގެދޮރުވެރިކަމާއި އިމާރާތްކުރުމައި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ، އެޕޮއިންޓްމަންޓް އުސޫލުން ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާތަނަށް އާންމުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށެވެ. އަދި އުއްމީދަކީ އާންމުންގެ އެއްބާރުލުމާއެކު ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމާލުންކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް ހުރިހާ ބޭފުޅުންވެސް އެޕޮއިންޓްމަންޓް ހަމަޖެހޭ ދުވަހުގެ ގާތްގަނޑަކަށް 15 ވަރަކަށް މިނިޓު ކުރިން މިސަރަޙައްދަށް ވަޑައިގަތުމަކީ. އަދި ވަޑައިގަންނަވާއިރު ގެންނަވަންޖެހޭ ލިޔެކިޔުންތައް ހަމައަށް ގެންނެވުމަކީ ވަރަށް މުހިއްމުކަމެއް. އެހެންނޫންނަމަ އެބޭފުޅެއްގެ އެޕޮއިންޓްމަންޓް ކެންސަލްވެ، ދެން އެޕޮއިންޓްމަންޓަށް އެދެވޭނީ އެރެއެއްގެ 12ގެ ފަހުން ދެން ސްލޮޓްތައް ލިބޭގޮތަކަށް ބެލުމަށްފަހު." އިބްރާހީމް ނަޒީމް ވިދާޅުވިއެވެ.

ރަޖިސްޓްރީއާއި ހަވާލުވުމަށް އަންނައިރު ގޯތި ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންޖެހެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް އަންނަނަމަ، ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންދަންޖެހެއެވެ.

މީގެއިތުރުން މިނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމާއި، ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ"ގެ އަސްލު ގެނައުމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނީ ކުރީގެ ހައުސިންގ މިނިސްޓްރީގައި ހިންގަމުންދިޔަ މާލެ ސިޓީ ކައުންސިލްގެ އާބާދީއާއި ބެހޭ ބައިގައެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު 9 އަކުން މެންދުރުފަހު 3 ޖެހުމާއި ހަމައަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އެޕޮއިންޓަމަންޓް އުސޫލުން ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.