ދުނިޔޭގެ ވިޔަފާރި

ފަޤީރު ޤައުމުތަކުން ނަގާފައިވާ ލޯނުތައް ދެއްކުން އިތުރަށް ފަސްކޮށްދެވޭނީ 6 މަސްދުވަހަށް!


ފަޤީރު ޤައުމުތަކުން ޖީޓުވެންޓީގެ ޤައުމުތަކުން ނަގާފައިވާ ލޯނު ދެއްކުން އިތުރަށް ފަސްކޮށްދޭނެކަމަށް ބެލެވެނީ 6 މަސް ދުވަހަށްކަމަށް ވޯލްޑް ބޭންކްގެ ރައީސް ވިދާޅުވެއްޖެއެވެ.

ވޯލްޑް ބޭންކާއި އިންޓަނެޝަނަލް މަނިޓަރީ ފަންޑް އައިއެމްއެފްއިން ދަނީ ކޯވިޑްގެ ސަބަބުން ފަޤީރު ޤައުމުތަކަށް ލިބުނު ގެއްލުން ކުޑަކުރުމަށް އަންނަ އަހަރުގެ ނިޔަލަށް އެ ޤައުމުތަކުން ޖީ ޓުވެންޓީގެ ޤައުމުތަކުން ނަގާފައިވާ ލޯނު ފަސްކޮށްދިނުމަށް އެ ޤައުމުތަކާއެކު މަޝްވަރާކުރަމުންނެވެ.

ކޯވިޑްގެ ސަބަބުން ފަޤީރު ޤައުމުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ވޯލްޑް ބޭންކްގެ ރައީސް ޑޭވިޑް މަލްޕާސް ވަނީ މި މަސައްކަތްތައް ކުރުމަށް ވަރޗުއަލް ގިނަ ބައްދަލުވުންތައް ބާއްވަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މި މަޝްވަރާކުރުމަށް ޖީޓުވެންޓީގެ ޤައުމުތަކާއެކު ވޯލްޑް ބޭންކާއި އިންޓަނެޝަނަލް މަނިޓަރީ ފަންޑް އައިއެމްއެފްއިން މަޝްވަރާކުރެއްވިކަން މަލްޕާސް ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 20 އިޤްތިޞާދުގެ މައްޗަށް އެކުލެވޭ ޖީ ޓުވެންޓީގެ ޤައުމުތަކުން މިއަހަރުގެ ނިޔަލަށް ފަޤީރު ޤައުމުތަކުން ނަގާފައިވާ ލޯނުތައް ދެއްކުން ފަސްކުރުމަށް އެއްބަސްވެފައިވާއިރު، މި މުއްދަތު އިތުރު އެއް އަހަރަށް އިތުރުކުރުމަކީ ދަތިކަމެއްކަމަށް މި ބައްދަލުވުމުގައި ފާހަގަކޮށްފައިވާކަން މަލްޕާސް ވިދާޅުވިއެވެ. އަދި މި ޤައުމުތަކުން އެއްބަސްވާނެކަމަށް 6 މަހަށް ލޯނުތައް ފަސްކޮށް، އަންނަ އަހަރުގެ ޖުލައިމަހުން ފެށިގެން ފަޤީރު ޤައުމުތަކުން ލޯނު ދައްކަން ފެށުމަށްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި ގޮތެއް ނިންމުމަށް އިތުރު މަޝްވަރާތަކެއް ކުރުމަށް އަންނަ ބުދަދުވަހު ޖީ ޓުވެންޓީ ޤައުމުތަކުގެ ފިނޭންސް މިނިސްޓަރުންނާއި ސެންޓްރަލް ބޭންކްގެ ގަވަރނަރުން ވީޑިއޯ ކޮންފަރެންސްއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ވޯލްޑް ބޭންކުން މަޢުލޫމާތުދެއެވެ.

ފަޤީރު ޤައުމުތަކުން ނަގާފައިވާ ލޯނު ދެއްކުން އިތުރަށް ފަސްކުރުމަށް މަސައްކަތް ކުރަމުންދާއިރު، ކޯވިޑްގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ފަޤީރު ޤައުމުތަކަށް އެހީވުމަށް މިއަހަރުގެ މޭމަހު ޖީޓުވެންޓީގެ ޤައުމުތަކުން ވަނީ ލޯނު ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފައެވެ.

ވޯލްޑް ބޭންކާއި އައިއެމްއެފްއިން ވަނީ ކޯވިޑްގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ފަޤީރު ޤައުމުތަކަށް އިތުރު މާލީ އެހީއާއި އިޤްތިޞާދު އަލުން ރުޖޫޢަވުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ބުނެފައެވެ. އެގޮތުން މި ޤައުމުތަކަށް އެހީވުމަށް އެކިފަހަރު މަތިން ގޮވާލާފައިވާއިރު، ކުޑަ އިންޓްރެސްޓް ރޭޓްގައި ލޯންތައް ދޫކުރުމަށް މި ދެފަރާތުން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން މި މައްސަލަ ހައްލުކުރުމަށް އައިއެމްއެފްއާއި ވޯލްޑް ބޭންކުން ވަނީ ޖޮއިންޓް އެކްޝަން ޕްލޭނެއް އެކުލަވާލާފައެވެ.

ވޯލްޑް ބޭންކުން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފަޤީރު ޤައުމުތަކަށް މިދިޔަ އަހަރުގެ ނިޔަލަށް އަދާކުރަންޖެހޭ ދަރަނީގެ ނިސްބަތްވަނީ 9.5 އިންސައްތަ އިތުރުވެ 744 ބިލިއަން ޑޮލަރަށް އަރާފައެވެ. މި ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރާއި ހަމައަށް ފަޤީރު ޤައުމުތަކުން ޖީޓުވެންޓީއިން ނަގާފައިވާ ލޯނުގެ ޖުމުްލަ 178 ބިލިއަން ޑޮލަރަށް އަރައެވެ. މީގެ ތެރެއިން އެންމެ ގިނައިން ލޯން ދޫކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން 2013 ވަނަ އަހަރުން ފެށިގެން ގިނަ ލޯންތަކެއް ދޫކުރަމުންދާއިރު ޖީ ޓުވެންޓީއިން ދޫކުރި ލޯނުގެ 63 އިންސައްތައަކީ ޗައިނާއިން ދޫކޮށްފައިވާ ލޯނުތަކެވެ.