ނިމިގެންދިޔަ ގައުމީ ބޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލްގައި ކުޅުނު ޕޮލިސް ކުލަބަށް ދިމާވި އެންމެ ބޮޑު އުނދަގުލަކީ މި އަހަރު އަންހެން ސީޒަން ރާވާފައި އޮތް ގޮތުން ގާތްގާތުގައި ގިނަ މެޗުތައް ކުޅެން ޖެހުން ކަމަށް ޕޮލިސް ކުލަބުގެ ކޯޗު މުނާ މުނީރު ބުނެފިއެވެ.
ގައުމީ މުބާރާތާ ގުޅޭ ގޮތުން "ޕީއެސްއެމް ނިއުސް" އަށް ދިން އިންޓަވިއުއެއްގައި މުނާ ބުނީ ފައިނަލް މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ކުޅުންތެރިންގެ ވަރުބަލިކަމާއި، އަނިޔާގެ މައްސަލަތައް ކަމަށެވެ.
ގައުމީ ވޮލީބޯޅަ ލީގުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ލީގު ޗެމްޕިއަންކަން ހޯދި ޕޮލިސް ކުލަބުން ގައުމީ މުބާރާތުގެ ފައިނަލްގައި ވަނީ ކުލަބު ވެމްކޯ އަތުން ބަލިވެފައެވެ. އެ މެޗުގައި ޓީމުގެ ކޮމްބިނޭޝަން އަންޑަރސްޑޭންޓް ވުމުގައިވެސް ދަތިތަކެއް ހުރިކަމަށްވެސް މުނާ ބުންޏެވެ.
މުނާ ބުނީ މި ސީޒަނުގައި ޕޮލިހުގެ ކުޅުމާމެދު ޖުމްލަކޮށް ހިތްހަމަޖެހޭ ކަމަށާއި، ގައުމީ މުބާރާތުގެ ފައިނަލްގައިވެސް ކުޅުންތެރިން ވަރަށް ހިތްވަރުކުރި ކަމަށެވެ. މި ފަހަރުގެ ވީއޭއެމް ކަޕުގެ ސެމީ ފައިނަލްގައި ޕޮލިހުގެ ކެޕްޓަން ހައްވާ ރާޝީދާއަށް އަނިޔާވުމާއި ގުޅިގެން އޭނާއަށް ވަނީ ސީޒަންގެ ބާކީބައި ގެއްލިފައެވެ. އެއީ ޕޮލިސް ކުލަބަށް ލިބިގެންދިޔަ ވަރަށް ބޮޑު ހީނަރުކަމެކެވެ.
ގައުމީ މުބާރާތުގެ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯއާ ދެކޮޅަށް ޕޮލިސް ނިކުތްއިރު، ފައިނަލް މެޗުގައި ކުޅުންތެރިންނަށް ވަރުބަލިކަމާހުރެ ނުހިފެހެއްޓިގެން ދިޔަތަން ފެނުނު ކަމަށްވެސް މުނާ ފާހަގަކުރިއެވެ.
ފައިނަލްގައި ޕޮލިސް ކުލަބު ބަލިވީ ފަސް ސެޓަށް ކުޅެގެން ތިން ސެޓު ދެ ސެޓުންނެވެ. އެހެންނަމަވެސް އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ވެމްކޯ ބަލިކޮށް ލީގު ޗެމްޕިއަންކަން ޕޮލިހުން ހޯދީ ލީގުގެ ފަހު މެޗުގައި އެ ޓީމުގެ މައްޗަށް ފަސް ސެޓު ކުޅެގެން ކުރި ހޯދައިގެންނެވެ.