ދުނިޔޭގެ ވިޔަފާރި

އޭވިއޭޝަން ސިނާއަތް އަލުން ކޮޅަށްޖެހުމަށް މަސައްކަތް ފެށުމަށް ގޮވާލައިފި


އޭވިއޭޝަން ސިނާއަތް އަލުން ކޮޅަށް ޖެހުމަށް ބޯޑަރުތައް އަވަހަށް ހުޅުވާ ކަރަންޓީންކުރުމުގެ ސިޔާސަތު ދޫކޮށްލުމަށް ވައިގެ ދަތުރުފަތުރާބެހޭ ބައިނަލްއަޤްވާމީ އެސޯސިއޭޝަންތަކުން ގޮވާލައިފިއެވެ.

މި ޖަމުޢިއްޔާތަކުން މިފަދައިން ގޮވާލާފައިމިވަނީ، ކޯވިޑް-19ގެ ސަބަބުން އޭވިއޭޝަން ދާއިރާއަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ކޯވިޑްއަށް ޓެސްޓްކުރުމުގެ އިންތިޒާމުތައް އިތުރުކޮށް ފަސިންޖަރުން ކަރަންޓީންކުރުން ހުއްޓާލުމަށް އެއަރލައިންތަކުންވެސް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

އެއަރޕޯޓްސް ކައުންސިލް، އޭސީއައި ވޯލްޑާއި އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން، އަޔާޓާއިން ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ކޯވިޑް-19ގެ ސަބަބުން އޭވިއޭޝަން ދާއިރާއަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ދަތުރުގެ ކުރިން ފަސިންޖަރުން ބައްޔަށް ޓެސްޓްކުރުމުގެ އިންތިޒާމު ވަރުގަދަކޮށް ކަރަންޓީންކުރުމަކާއި ނުލާ ބޯޑަރުތައް ހުޅުވާލެވޭނެކަމުގެ ރައްކާތެރިކަން ހުރިހާ ޤައުމުތަކެއް ގުޅިގެން ޤާއިމުކުރަން ޖެހިއްޖެކަމަށެވެ.

މި ބަޔާނުގައި ވަނީ ކޯވިޑް-19ގެ ސަބަބުން އޭވިއޭޝަން ދާއިރާއަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ތަފްސީލީގޮތެއްގައި ބަޔާންކޮށްފައެެވެ. އެގޮތުން މި ބަލިމަޑަކަމުގެ ސަބަބުން ބޯޑަރުތައް ބަންދުކޮށް، އެއަރލައިންތައް ހިންގުން މަޑުޖައްސާލުމުން 4.8 މިލިއަން މުއައްޒަފުންގެ ވަޒީފާއަށް އަސަރުކޮށްފައިވާކަން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ބައެއް ލޯކޯސްޓް އެއަރލައިންތައް ހިންގުމުގެ ޚަރަދު ދެކޮޅު ނުޖެހި ބަނގުރޫޓުވުމަކީވެސް މި ދަނޑިވަޅުގައި މި ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑު ގެއްލުމެއްކަމަށް މި ޖަމުޢިއްޔާތަކުން ވަނީ ބުނެފައެވެ. މި މައްސަލަކަށް އަވަސް ހައްލެއް ހޯދާ ހުރިހާ ބޯޑަރުތައް އަލުން ހުޅުވާލާ ވައިގެ ދަތުރުތައް ކުރިއަށް އޮތްތަނުގައި އަލުން ނުފެއްޓިއްޖެނަމަ ފޫ ނުބެއްދޭ ވަރުގެ ގެއްލުމާއި މި ދާއިރާ ކުރިމަތިލާންޖެހޭނެކަމުގެ ބިރު އެބައޮތްކަމަށް މި ފަރާތްތަކުން ވަނީ ބުނެފައެވެ.

ކޯވިޑް-19ގެ ސަބަބުން ހުއްޓިފައިވާ ބައިނަލްއަޤްވަމީ ވައިގެ ދަތުުރުފަތުރުގެ ސިނާއަތް އާންމު ހާލަތަށް ރުޖޫއަވާނީ 2023 ވަނަ އަހަރާ ހަމައަށްދާއިރުކަމަށް އަޔާޓާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ކޯވިޑް-19ގެ ސަބަބުން ބައިނަލްއަޤްވާމީ ގޮތުން ގިނަ ސިނާއަތްތައް ހުއްޓުމަކަށް އައިސްފައިވާއިރު، މީގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ސިނާއަތަކީ ވައިގެ ދަތުރުފަތުރުގެ ސިނާއަތެވެ. ބަލި ކޮންޓްރޯލްކުރުމަށް ޤައުުމުތަކުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ދުނިޔޭގެ ވައިގެ ދަތުރުފަތުރުތައް ހުއްޓާލުމާ ގުޅިގެން މި ދާއިރާއަށް އެތައް ބިލިއަން ޑޮލަރުގެ ގެއްލުންވެ، އެތައް ބައެއްގެ ވަޒީފާތައް ގެއްލި، އެއަރލައިންތައް ދަނީ ބަނގުރޫޓުވަމުންނެވެ.