ދުނިޔޭގެ ވިޔަފާރި

ވާވޭ ފަހަތަށް ޖައްސާލުމަށްފަހު ސެމްސަންގް އަނެއްކާވެސް ވިޔަފާރީގެ އެންމެ ކުރިއަށް


ޗައިނާގެ ވާވޭ ފަހަތަށް ޖައްސާލުމަށް ފަހު ކޮރެޔާގެ ސެމްސަންގް އަނެއްކާވެސް ވިޔަފާރީގެ އެންމެ ކުރިއަށް ޖެހިލައިފިއެވެ.

ސެމްސަންގްއިން ވަނީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރ އާއި އަޅާބާލާއިރު އެކުންފުނިން މިއަހަރުގެ ތިންްވަނަ ކުއާޓަރގައި ގާތްގަނޑަކަށް 60 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާކަން ހާމަކޮށްފައެވެ.

ސެމްސަންގް އިންވަނީ މި ކުއާޓާގައި އެކުންފުންޏަށް ފައިދާގެ ގޮތުގައި 10.6 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާކަން ހާމަކޮށްފައެވެ. ޖުލައިމަހުން ސެޕްޓެމްބަރމަހުގެ ނިޔަލަށް ލިބުނު މިއާމްދަނީއަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 58 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިއަދަދަކީ ތަޖުރިބާކާރުން ސެމްސަންގަށް ފައިދާވާނެކަމަށް ކުރިން ލަފާކުރި26 އިންސައްތައަށްވުރެ ދެގުނަ އިތުރު އަދަދެއްކަމުން މިއަހަރުގެ ކުރިއަށް އޮތްތަނުގައިވެސް ސެމްސަންގް ވިޔަފާރި އެންމެ ކުރީގައި ދެމި އޮންނާނެކަމަށް ތަޖުރިބާކާރުން މިހާރު ދަނީ ބުނަމުންނެވެ.

ސެމްސަންގެ އާމްދަނީ ރަނގަޅުވެފައި މިވަނީ ކޯވިޑްގެ ހާލަތުން އަރައިގަނެ އޮންލައިން ވިޔަފާރިތަކާއި އައުޓްލެޓްކުން ވިޔަފާރިކުރާ ފަރާތްތަކުގެ އަދަދު ހަމައަކަށް އެޅެމުންދާތީކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. މީގެ އިތުރުން ޑޭޓާ ސެންޓަރުތަކުގެ މަޤުބޫލުކަން އިތުރުވެ ސެމްސަންގެ ޑޭޓާ ޗިޕް ވިޔަފާރި އިތުރުވުމަކީވެސް އެ ކުންފުނީގެ އާމްދަނީ އިތުރުވި ސަބަބެކެވެ. އަދި ހަމަ މިއާއެކު ސެމްސަންގެ ސްޕެއަރ ޕާޓްސް ވާދަވެރި އެޕަލް، ވާވޭ، އޮޕޯ އަދި ޒިއޯމީ ފަދަ ކުންފުނިތަކަށް ވިއްކައިގެންވެސް ކުންފުނީގެ އާމްދަނީ އިތުރުވާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ. ސެމްސަންގްގެ އާމްދަނީ އިތުރުވިކަން އެ ކުންފުނިން ހާމަކޮށްފައިވާއިރު، ކުންފުނީގެ އާމްދަނީގެ ތަފްސީލީ ރިޕޯޓް މި މަހުގެ ފަހުކޮޅު އާންމުކުރާނެކަން ވަނީ ބުނެފައެވެ.

ސެމްސަންގް އަނެއްކާވެސް ވިޔަފާރީގެ އެންމެ ކުރިއަށް ޖެހިލައިފައިމިވަނީ، މިއަހަރުގެ ދެވަނަ ކުއާޓަރގައި އެންމެ ގިނަ ސްމާޓްފޯނު ވިއްކި ކުންފުނީގެ ޝަރަފު ޗައިނާގެ ވާވޭއިން ހޯދާފައިވަނިކޮށެވެ. މިއީ ސެމްސަންގ ފަހަތަށް ޖައްސާލުމަށްފަހު އެކުންފުނިން މިޝަރަފު ހޯދި ފުރަތަމަ ފަހަރެވެ.

ޚަބަރުތައް ބުނާގޮތުން ވާވޭއިން ވަނީ މިދިޔަ ދެވަނަ ކުއާޓަރުގައި 55.8 މިލިއަން ފޯނު ވިއްކާފައެވެ. އަދި ސެމްސަންގ އިން ވިއްކާފައިވަނީ 53.7 މިލިއަން ފޯނެވެ. ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ކުރި އަސަރުގެ ސަބަބުން ދެވަނަ ކުއާޓަރގައި ސެމްސަންގްގެ ވިޔަފާރި އަޑިއަޅާލިއިރު، ކޯވިޑްގެ ހާލަތުން އަރައިގަތުމުގައި ޗައިނާއިން ހޯދާފައިވާ ކާމިޔާބީއާއެކު ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮންނަ ޗައިނާގެ ވާވޭ ކުންފުނީގެ ވިޔަފާރި ވަނީ ކުރިއަރާފައެވެ. އެހެންނަމަވެސް، ވާވޭ ކުންފުންޏަކީ ޗައިނާ ސަރުކާރަށް މަދަދުވެރިވެ އެހެން ޤައުމުތަކުގެ ޤައުމީ ސަލާމަތަށް ނުރައްކެލެއްކަމަށް ބުނެ އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުގެ ފިއްތުންތަކާއެކު ކުންފުނީގެ އާމްދަނީ އިތުރަށް އަޑިއަޅާލާނެކަމަށް ތަޖުރިބާކާރުން ވަނީ ލަފާކޮށްފައެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު މިހާރު ކުރިއަށްދާ ވިޔަފާރީގެ ހަނގުރާމައިގެ ތެރޭގައި އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވަމުންދާ އެއް ކުންފުންޏަކީ ވާވޭއެވެ. އެގޮތުން އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކާއެކު ވިޔަފާރިކުރުމަށް ވާވޭއަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.