ކުޅިވަރު

ގްރެސްކީގެ ތިން ލަނޑާއެކު ޕޮލެންޑަށް މޮޅެއް


އިނގިރޭސި ކުލަބު ވެސްޓްބްރޮމްއަށް ކުޅެމުން އަންނަ ކާމިލް ގްރެސްކީ ކާމިޔާބު ކުރި ތިން ލަނޑާއެކު ފިންލޭންޑުގެ މައްޗަށް 5-1 އިން ޕޮލެންޑް ކުރި ހޯދައިފިއެވެ.

އުމުރުން 32 އަހަރުގެ ފޯވާޑް ވަނީ މެޗުގެ ފުރަތަމަ 19 މިނެޓުގެ ތެރޭގައި ތިން ލަނޑުޖަހާ ހެޓްރިކް ހަދާފައެވެ. އިނގިރޭސި ޗެމްޕިއަންޝިޕުގައި ވާދަކުރާ ހަލް ސިޓީން ވެސްޓްބްރޮމް އަށް މިދިޔަ ޖެނުއަރީ މަހު ބަދަލުވި ކުޅުންތެރިޔާ ވަނީ ކުލަބަށާއި ގައުމީ ޓީމަށް މި ސީޒަނުގައި ހަތަރު ލަނޑު ޖަހާފައެވެ.
އެނާ ވަނީ މިދިޔަ މަހު ބޮސްނިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ލަނޑު ޖަހާފައެވެ.

މިހާތަނަށް ޕޮލެންޑްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ ލެވޮންޑަސްކީ ނެތި ކުޅުނު މެޗުގައި ދެން ލަނޑުތައް ކާމިޔާބުކޮށްދިނީ ކްރިސްޓޯފް ޕައިޓޭކް އަދި އަރޭކް މިލީކްއެވެ.