ދުނިޔޭގެ ވިޔަފާރި

މަލްޓި ޓްރިލިއަން ޑޮލަރުގެ ރިލީފް ޕެކޭޖު ފާސްކުރުން އެމެރިކާއިން ފަސްކޮށްފި


ކޯވިޑް-19ގެ ސަބަބުން އެމެރިކާގެ އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމަށް އެމެރިކާ ސަރުކާރުން ފާސްކުރުމަށް މަސައްކަތް ކުރަމުންދާ މަލްޓި ޓްރިލިއަން ޑޮލަރ ރިލީފް ޕެކޭޖްގެ މުޢާމަލާތްތައް އިންތިޚާބުގެ ފަހަށް މަޑުޖައްސާލައިފިއެވެ.

ރިކަވަރީ ރިލީފް ޕެކެޖް މަޑުޖައްސާލިކަން ހާމަކުރައްވާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓުވީޓަކުންނެވެ.

ރައީސް ޑޮނާލްޑް ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން އެމެރިކާގެ އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުކުޑަކުރުމަށް ފާސްކުރުމަށް މަސައްކަތްކުރާ ޕެކޭޖަށް އިދިކޮޅު ޑިމޮކްރެޓުން ކިޔަމުން ދަނީ ބިނާކުރަނިވި ފާޑުކިޔުންތަކެއް ނޫންކަމަށެވެ. އެގޮތުން ޓްރަމްޕް ވަނީ ޑިމޮކްރެޓުންގެ އަޣްލަބިއްޔަތު އޮތް އެމެރިކާގެ ސްޓޭޓްތަކަށް 2.4 ޓްރިލިއަން އެމެރިކާ ޑޮލަރު އެހީގެ ގޮތުގައި ދިނުމަށް ގޮވާލުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި މި ސިޓީތަކަކީ ކޯވިޑްގެ ސަބަބުން މާ ބޮޑެތި އަސަރުތަކެއް ކޮށްފައިނުވާ ސްޓޭޓްތަކެއް ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ މި ސްޓޭޓްތަކަށް 1.6 ޓްރިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމި ނިންމުން އިދިކޮޅުން ޤަބޫލުނުކުރުމަކީ މި މުޢާމަލާތްތައް އިތުރަށް ލަސްވަމުންދާ ސަބަބެއްކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕް ވަނީ ކޯވިޑްއިން ކުރި އަސަރުން އަރައިގަތުމުގައި އެމެރިކާ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ސްޓޮކް މާކެޓްގައި އަގުއަރާ، ވަޒީފާ ނެތް މީހުންގެ އަދަދު މަދުވާތަން ފެނުމަކީ އެ ޤައުމުގެ އިޤްތިޞާދު ރަނގަޅުވަމުންދާކަމުގެ ހެތްކެތްކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

މިފަދަ ފެހި ސިގްނަލްތަކެއް އިޤްތިޞާދުން ފެނުުމުގެ ސަބަބުން އެހީ ދިނުން މަޑުޖައްސާލުމުން ކުރާ ގެއްލުން ކުޑަވާނެކަމަށް އެމެރިކާގެ ރައީސް ވިދާޅުވިއެވެ. މި ސަބަބަށްޓަކައި އެމެރިކާގެ މަލްޓި ޓްރިލިއަން ޑޮލަރ ރިލީފް ޕެކޭޖްގެ މުޢާމަލާތްތައް އަލުން ފަށާނީ އަންނަ މަހުގެ 3 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށްފަހުގައިކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ރިލީފް ޕެކޭޖްގެ މުޢާމަލާތްތައް މަޑުޖައްސާލުމަށް ޓްރަމްޕް ނިންމަވާފައިމިވަނީ، އެމެރިކާގެ އިޤްތިޞާދު އަޑިއަޅާލާފައިވާ އަޑިއަޅާލުމުން އަރައިގަތުމުން ސަރުކާރުން ދޭ އެހީ އިތުރުކުރަން ޖެހޭކަމަށް ފެޑަރަލް ރިޒާވްގެ ޗެއަރމަން ޖެރޯމް ޕަވެލް ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ. ޖެރޯމް ޕަވެލް ވަނީ މި ފަދަ އެހީ ނުލެބިއްޖެނަމަ ޤައުމުގެ އިޤްތިޞާދަށް ފޫނުބެއްދޭނެ ފަދަ ނޭދެވޭ އަަސަރުކުރާނެކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕްގެ ތުހުމަތުތަކަށް ރައްދުދެއްވާ އިދިކޮޅު ޑޮމޮކްރެޓިްކް ޕާޓީގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރ އަދި ހައުސް އޮފް ރިޕްރެސެންޓޭޓިވްގެ ސްޕީކަރ ނޭންސީ ޕެލޯސީ ވަނީ ރައީސް ޓްރަމްޕަކީ އަމިއްލަ މަސްލަހަތު އިސްކުރައްވާ ސިޔާސީ ބޭފުޅެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޯވިޑް-19ގެ ސަބަބުން ކުރަމުންދާ އަސަރުތަކަށް ބެލުމެއް ނެތި މިފަދަ ބޮޑު ނިންމެވުމެއް ނިންމެވުމަކީ ޤައުމުގެ ކުރިއެރުމަށް ލިބޭނެ ބޮޑު ގެއްލުމެއްކަމަށް ޕެލޯސީ ވިދާޅުވިއެވެ. އަދި ފެޑަރަލް ރިޒާވްގެ ޗެއަރމަން ޖެރޯމް ޕަވެލްގެ އިންޒާރުތަކަށްފަހުވެސް ރިލީފް ޕެކޭޖްގެ މުޢާމަލާތްތައް މަޑުޖައްސާލުމަށް ޓްރަމްޕް ނިންމެވުމަކީ ހިތާމަކުރާކަމެއްކަމަށް ޕެލޯސީ ވިދާޅުވިއެވެ.

ކޯވިޑްއަށްފަހު ޤައުމުގެ އިޤްތިޞާދު ރަނގަޅުވަމުންދާކަމަށް ބުނެ ރިލީފް ޕެކޭޖްގެ މުޢާމަލާތްތައް މަޑުޖައްސާލިކަން އިއުލާންކުރުމާއެކު، ސްޓޮކް މާކެޓްގައި އެމެރިކާގެ ސްޓޮކްގެ އަގު ވަނީ ވެއްޓިފައެވެ. މީގެ އިތުރުން ކޯވިޑްގެ ރިލީފް އެއިޑްތައް ކުންފުނިތަކަށް ނުލިބުމުން މި އެހީއަށް އިންތިޒާރުކުރަމުން ދިޔަ ކުންފުނިތަކުން ދަނީ ގިނަ އަދަދެއްގެ މުއައްޒަފުން ވަޒީފާއިން ކަނޑަމުންނެވެ.