އަތޮޅުތައް

އައްޑޫސިޓިގައި 1 ދުވަހެއްގެ ތެރޭ މައިބަަދައިގެ ކާމިޔާބު 5 އޮޕަރޭންރޭޝަން


އެއް ދުވަހެއްގެ ތެރޭގައި މައިބަދައިގެ 5 އޮޕަރޭޝަން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ކާމިޔާބު ކަމާއި އެކު ކޮށްފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ވިދާޅުވީ، ހޯމަ ދުވަހު، މި ފަސް އޮޕަރޭޝަން ކޮށްފައިވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމް ހޮސްޕިޓަލުގެ ކަށީގެ ޚާއްސަ ޑޮކްޓަރު، ޑރ.ޔޫސުފް ޝާންގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. މިއީ އައްޑޫ އޭއީއެޗް ޚިދުމަތް ފެށި ފަހުން، މައިބަދައިގެ މިހާ ގިނަ އޮޕަރޭޝަން އެހޮސްޕިޓަލުގައި ކުރި ފުރަތަމަ ފަހަރެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ މޭނޭޖަރ ޝަރަފުއްސާދާތު ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފަދަ ގިނަ އޮޕަރޭޝަންތައް އައްޑޫސިޓީގައި ނުވަތަ އެސަރަޙައްދުގައި ކުރެވޭގޮތް ވުމަކީ، ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. މީގެ އިތުރުން މިފަހަރު މިކުރި އޮޕަރޭޝަން ތަކުގެ ތެރޭގައި ގދ. ތިނަދޫއިންނާއި ފުވައްމުލައް ސިޓީން އޭއީއެޗް އަށް ފޮނުވި 2 މީހުން ހިމޭނޭކަން ފާހަގަ ކުރެއްވިއެވެ. އޮޕަރޭޝަނަށް ފަހު އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އޭއީއެޗް އިން ވިދާޅުވެއެވެ.

އޭނާ ވިދާޅުވީ އޭއީއެޗްގެ ޚިދުމަތް ފެށުމުން ދެކުނުގެ އަތޮޅުތަކުން ހޮސްޕިޓަލަށް އަންނަ މީހުން ބޮޑު ތަނުން އިތުރުވެފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިއީ ޚަރަދުގެ ގޮތުންވެސް އެފަރާތްތަކަށްވެސް ލިބޭ ލުޔެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫގައި މައިބަދައިގެ އޮޕަރޭޝަނެއް ފުރަތަމަ ކޮށްފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. އެފަހަރު 2 އޮޕަރޭޝަން ކުރިއިރު، އދެ އޮޕަރޭޝަންވެސް ކުރީ އައިޖީއެމް ހޮސްޕިޓަލުގެ އެހީތެރި ކަމާއެކު ޑރ. ޔޫސުފް ޝާން އާއި އޭއީއެޗް ހޮސްޕިޓަލުގެ ކަށީގެ ޑިޕާޓްމެންޓް ގުޅިގެންނެވެ.

އޭއީއެޗް އިން ވިދާޅުވީ ކުރިއަށް އޮތްތާގައި ޑޮކްޓަރުން ގެނެސްގެން ނަމަވެސް ކުރަން ޖެހޭ އޮޕަރޭޝަންތައް ކުރުމަށް މަގު ފަހި ކޮށްދިނުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.