ދުނިޔޭގެ ވިޔަފާރި

ހުންގާނު ނުހުންނަ ވިޝަން އޭވީޓީއާރް: ފިއުޗަރިސްޓިކް ކާރުތަކުގެ ފެށުން


ދުނިޔެއަށް އަންނަ ކުރިއެރުންތަކާއެކު ކުރިމަގުގައި އުފައްދާނެ ކާރުތައް ހުންނާނެ ގޮތްތަކާމެދު ގިނަ ބަޔަކު އަބަދުވެސް ތަފާތު ޚިޔާލުތައް ކުރެއެވެ. ތަފާތު އެކި ޑިޒައިންތަކަށް އުފައްދާ ކާރުތަކާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ކާރުތަކަށް އަންނަމުންދާ ބަދަލުތަކަކީ ފާހަގަކޮށްލެވޭ ބަދަލުތަކެކެވެ. މީގެ ވިއްސަކަށް އަހަރުކުރިން ހިޔާލުކުރި ފަދަ ކާރުތައް މިއަދު އަޅުގަނޑުމެންނަށް ދަނީ މަޑުމަޑުން ފެންނަމުންނެވެ. އުދުހޭ ކާރުތަކުން ފެށިގެން ކަނޑުގައި ދުއްވާ ކާރުތައްވެސް މުޖޫދަށް އައިސްފިއެވެ.

ފުއިޗަރިސްޓިކް ކާރުތައް އުފެއްދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރަމުންދާއިރު މާސިޑީޒް ބެންޒްއިން މިވަނީ އެ ކުންފުނީގެ އައު ފިއުޗަރިސްޓިކް ކާރު އާންމުންނަށް ދާދި ފަހުން ދައްކާލާފައެވެ. މީގެ ވިއްސަކަށް އަހަރު ކުރިއަަށް ބަލާލައިފިނަމަ މި ކާރަކީ ހަމައެކަނި ހިޔާލަށް ގެނެވޭނެ އެއްޗެކެވެ. ނަމަވެސް މާސިޑީޒްއިން އުފެއްދި ކާރާއެކު މީގެކުރިން އަޅުގަނޑުމެން ހިޔާލަށް ގެނައި ކާރުތަައް ހަޤީޤަތަކަށް ހެދޭނެކަން ވަނީ ސާބިތުވެފައެވެ.

މާސިޑީސް ބެންޒްގެ "ވިޝަން އެޑްވާންސް ވެހިކަލް ޓްރާންސްފޮމޭޝަން" ނުވަތަ "ވިޝަން އޭވީޓީއާރް"ގެ ފުރަތަމަ ފެނިލުން މިއަހަރުގެ ސީއީއެސް 2020ގެ ދައްކާލި ހިސާބުން ފެށިގެން މިކާރު ބަލާލުމަށް ގިނަ ބަޔަކު ތިބީ ކެތް މަދުވެފައެވެ. މި އިންތިޒާރު ނިމުމަކަށް ގެނެސް މިކާރު މަސައްކަތް ކުރާގޮތާއި ކާރުގެ ފިއުޗަރިސްޓިކް ފީޗަރތައް އާންމުނަށް މިހާރު ވަނީ ދައްކާލާފައެވެ.

އަޅުގަނޑުމެންގެ ތެރޭގައި މަޤްބޫލުވެގެންދިޔަ އެވޭޓަރ ފިލްމުގެ ތީމަށް އުފައްދާފައިވާ މި ކާރު ފެނުމުންވެސް ސިފަވަނީ ފިލްމުގެ މަންޒަރުތައްކަމަށް ގިނަ ބަޔަކު ބުނެއެވެ. މިކާރަކީ ގިނަ އަދަދަކަށް ސްމާޓް ސެންސަރސް ހަރުކޮށްފައިވާ ކާރެއްކަމުން ވަށައިގެންވާ މާޙައުލަށް އަންނަ ބަދަލުތަކާއެކު ކާރުގެ ކުލަވެސް ބަދަލުވެއެވެ. އެގޮތުން އަތްވަށް ނުކުންނަ ވަރަކަށް ކާރުގެ ބޭރު ޝެލްއާއި ކާރު ސީޓުގެ ކުލަ މަޑު ނޫކުލައިން ގަދަވާން ފަށަައެވެ.

މި ކާރު ޑިޒައިންކޮށްފައިވަނީވެސް، ވަރަށް ފަސޭޙައިން ދުއްވޭ ގޮތަށެވެ. އެގޮތުން ކާރުގެ ބައްޓަން މިހާރުގެ ކާރުތަކަށްވުރެ ބޮޑަށް ސްޓްރީމް ލައިންކޮށްފައިވާއިރު، މިކާރަކީ 15 މިނެޓް ތެރޭގައި ކަރަންޓުން ފުލް ޗާޖުކޮށްލެވޭ ކާރެކެވެ. އަދި ކާރުގެ ދުވެލި ހަލުވިކުރުމަށް 350 ކިލޯޯވޮޓްގެ އިންޖީނެއް ވަނީ ބަހައްޓާފައެވެ.

މިކާރުގެ ފުރޮޅުތަކަކީވެސް ތަފާތު ފުރޮޅުތަކަކެކެވެ. މާސިޑީސް ބެންޒްއިން ބުނާގޮތުގައި ކާރުގެ ފުރޮޅުތަކުގެ ޑިޒައިން ފިއުޗަރިސްޓިކްވާއިރު ކޮންމެ ފުރޮޅެއްވެސް ވަކި ވަކިން އަނބުރާލުމުގެ ކޮންޓްރޯލް މި ކާރު ދުއްވާ މީހާއަށް ލިބެއެވެ. އެގޮތުން ކޮންމެ ފުރޮޅެއްވެސް 30 ޑިގްރީއަށް އަނބުރާލެވޭއިރު، މިކާރަކީ ކުރިއަށް އަދި ފަހަތަށް ދުއްވުމާއެކު ދެ އަރިމައްޗަށްވެސް ފަސޭހަކަމާއެކު ދުއްވާލެވޭ ކާރެކެވެ. މިއީ މި ކާރުގެ ބައެއް ފީޗާސްތަކެކެވެ.

މިކާރުގެ ތަފާތުކަން އެންމެ ބޮޑަށް ފެނިގެން ދަނީ ކާރުގެ އެތެރެއަށް ވަނުމުންނެވެ. އެގޮތުން މި ކާރު ދުއްވާކަށް ސްޓިއަރިންގް ވީލު ނުވަތަ ހުންގާނެއް ނުހުރެއެވެ. ކާރަށް އެރުމުން ކާރުގެ އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމުން ކާރު ދުއްވާ މީހާގެ ނޭވާލުމާއި ފިނިހޫނުމިނަށް ބެލުމަށްފަހު އެމީހާއަށް ފަސޭޙަވާނެ ފަދަ ގޮތަކަށް މާޙައުލު ބަދަލުކޮށްލައެވެ. ކާރު ދުއްވުމަށް ބޭނުންކުރަނީ ޓްރެކަރ ބޯލްކަހަލަ ކީޕެޑް ސިސްޓަމްއެކެވެ. އެގޮތުން މި ކީޕެޑުން ކާރުގެ ފުރޮޅުތައް ދުވާގޮތާއި ކާރުގެ ލައިޓިން ބަދަލުކުރުމުގެ ކޮންޓްރޯލް ލިބިދެއެވެ.

މާސިޑީސް ބެންޒްއިން ބުނާގޮތުން ތިމާވެއްޓަށް ގެއްލުން ކުޑަވާގޮތަށް މި ކާރު އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެގޮތުން ކާރު އުފެއްދުމުގައި ކުނީގެ ގޮތުގައި އުކާލާފައިވާ ގިނަ ސާމާނު ވަނީ ބޭނުންކޮށްފައެވެ. އެގޮތުން ކާރުގެ ބެޓެރި ހެދުމުގައި ބޮޑަށް ބޭނުންކޮށްފައި ވަނީ ރީސައިކަލްކޮށްފައިވާ ތަކެއްޗެވެ. އަދި ކާރުގެ އަރާމު ސީޓުތައްވެސް ތައްޔާރުކޮށްފައިވަނީ ރިސައިކަލްކޮށްފައިވާ ޕްލާސްޓިކުންނެވެ.

މާސިޑީޒް ބެންޒްގެ މި ކާރު އާއްމުކޮށް ދައްކަލާފައިވާއިރު، 2035 ވަނަ އަހަރު މި ކާރު މާކެޓަށް ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި މި ކާރު ސީރީޒްގެ އިތުރު ކާރުތައް އުފެއްދުމުގެ މަސައްކަތްވެސް މާސިޑީސް ކުންފުނިން ދަނީ ކުރަމުންނެވެ.