ކުޅިވަރު

މިއީ ކޯޗެއްގެ ގޮތުގައި ހޭދަކުރި އެންމެ ހިތްދަތި ދުވަސް: ސޯލްޝެއާ


އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓްނަމް އަތުން 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވުމަކީ އޭނާގެ ކޯޗިން ކެރިއަރުގައި ވެސް އެންމެ ހިތްދަތިވި ދުވަސްކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އޮލެގަނަ ސޯލްޝެއާ ބުނެފިއެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސޯލްޝެއާ ބުނީ ބަލިވުމުގެ ފުރިހަމަ ޒިންމާ ނަގާނީ އޭނާކަމަށާއި މެޗުގައި ގޯސް ހެދުނީ އޭނާއަށް ކަމަށެވެ. މި މެޗުގައި ޓީމު ބައްޓަންކޮށް ބަދަލުތައް ގެނައީ އޭނާ ކަމަށާއި އެހެންކަމުން މިހާ ތަފާތު ބޮޑު ނަތިޖާއަކުން ބަލިވުމުން ޒިންމާ ނަގާކަމަށެވެ. ސޯލްޝެއާ ބުނީ މިއީ އެނާއާ ކުޅުންތެރިންނަށް ކުރިމަތިވި ހިތްދަތި ދުވަހެއް ކަމަށެވެ.

އެހެންނަމެވެސް މި ހިތްދަތިކަމުން އަރައިގަނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މެންޗެސްޓަރ ޔުނައިޓެޑު ކޯޗު ބުންޏެވެ. ސޯލްޝެއާ ބުނީ މި މެޗުން ބަލިވުމުގެ ވާހަދައްކަން އެހާ ފަސޭހަ ނޫންކަމަށެވެ. އެންމެ ފަހުން ޔުނައިޓެޑް އަމިއްލަ ދަނޑުގައި 6-1 އިން ބަލިވީ 2011 ވަނަ އަހަރު ލީގުގައި މެންޗެސްޓަރ ސިޓީއަށް ދެކޮޅަށް ކުޅުނު މެޗެއްގައެވެ.

އަދި 1996 ވަނަ އަހަރު ލީގުގައި ސައުތެމްޓަން އަތުން ހަމަ މިނަތީޖާއިން ޔުނައިޓެޑު ވަނީ ބަލިވެފައެވެ.