ދުނިޔޭގެ ވިޔަފާރި

ޔޫކޭގެ އެންމެ ބޮޑު ސިނަމާ ޗެއިން، ސިނެވޯލްޑްގެ ސިނަމާތައް ވަގުތީގޮތުން ބަންދުކުރަނީ


އިނގިރޭސިވިލާތުގެ އެންމެ ބޮޑު ސިނަމާ ޗެއިން، ސިނެވޯލްޑްގެ ސިނަމާތައް މި ހަފުތާގެ ތެރޭގައި ވަގުތީގޮތުން ބަންދުކުރުމަށް ވިސްނަމުންދާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ސިނެވޯލްޑްއިން މިފަދަ ނިންމުމަކަށް އައިސްފައި މިވަނީ ކޯވިޑް-19ގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ސިނަމާތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވުމަށް ފަހުވެސް ވިޔަފާރި ނުވާކަމަށް ގިނަ ސިނަމާ ހައުސްތަކުން ބުނަމުންދާ ދަނޑިއަޅެއްގައެވެ.

އިނގިރޭސިވިލާތުގެ އެންމެ ބޮޑު ސިނަމާ ޗެއިން، ސިނެވޯލްޑްއިން ނެރުނު ބަޔާނެއްގައި ބުނީ ކޯވިޑް-19ގެ ސަބަބުން ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ސިނަމާތައް ނުހިންގި ގެއްލުންވުމުގެ ސަބަބުން މި ހަފްތާތެރޭގައި އެ ކުންފުނިން އިނގިރޭސިވިލާތާއި އެމެރިކާގައި ހިންގާ ސިނަމާތައް ވަގުތީގޮތުން ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް، މިކަމުގައި ރަސްމީކޮށް ގޮތެއް ނިންމާނީ މުވައްޒަފުންނާއި މަޝްވަރާކުރުމަށްފަހުކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

ސިނެވޯލްޑްއިން ވަނީ ސިނަމާތައް ބަންދުކުރަން ނިންމައިފިނަމަ މުވައްޒަފުން ވަޒީފާއިން ކަނޑާނުލާ ނޯޕޭ ލީވްގައި ތިބޭގޮތަށް ހަމަޖެއްސުމުގެ އިންތިޒާމު ހަަމަޖައްސަމުންދާކަމަށް ބުނެފައެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ސިނަމާތައް ހުޅުވުމުން އެ މުވައްޒަފުންގެ ވަޒީފާ އަލުން ރުޖޫޢަވާގޮތަށް ހަމަޖެއްސުމަށް މުއައްޒަފުންނާއި ވާހަކަދައްކާނެކަމަށް އެކުންފުނިން ބުނެއެވެ.

ސިނެވޯލްޑްގެ މި ނިންމުމާއެކު އިނގިރޭސިވިލާތުގައި ހިންގާ އެ ކުންފުނިގެ 127 ސިނަމާއަކާއި، އެ ކުންފުނީގެ ދަށުން އެމެރިކާގައި ހިންގާ ޕިކްޗަރ ހައުސް ވެނޫސްގެ 27 އައުޓްލެޓެއް އަދި އެމެރިކާގައި ހިންގާ ރީގަލް ސިނަމާގެ 536 އައުޓްލެޓެއް ބަންދުކުރާނެކަމަށް ޚަބަރުތައް ބުނެއެވެ.

ސިނެވޯލްޑްގެ މި ނިންމުމުގެ ސަބަބުން އިނގިރޭސިވިލާތުގައި އެކަނިވެސް ފަސް ހާސް ފަސްސަތޭކައަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާއަށް އަސަރުކުރާނެއެވެ. ކޯވިޑް-19ގެ ސަބަބުން މިއަހަރުގެ މާރޗްމަހުން ފެށިގެން ޖުލައި މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ސިނެވޯލްޑް ބަންދުކުރުން ޖެހުމުން 1.6 ބިލިއަން ޑޮލަރުގެ ގެއްލުމާއި ކުރިމަތިލާން ޖެހުނުކަމަށް ސިނެވޯލްޑްއިން ހާމަކުރެއެވެ. އަދި މިހާރު ސިނަމާތައް ހިންގަން ޖެހިފައިވާ ގައިޑްލައިންތަކާއި އާންމުންގެ ފިނި ތަރުޙީބާއެކު ދެމެހެއްޓެނިވި ގޮތެއްގައި ސިނަމާތައް ނުހިންގޭނެކަމަށް އެ ކުންފުނިން މީގެ ކުރިން ވަނީ ބުނެފައެވެ.

ސިނެވޯލްޑްގެ މިފަދަ ނިންމުމެއް ނިންމަން ޖެހުނީ ކޯވިޑްގެ ފަހުން ރިލީސްކުރަން ތައްޔާރުވެރުވެފައި އޮތް ގިނަ ފިލްމްތަކެއް ރިލީޒްކުރުން އަންނަ އަހަރަށް ފަސްކުރަން ޖެހުމުންނެވެ. އެގޮތުން ގިނަ ބަޔަކު އިންތިޒާރުކުރަމުންދިޔަ ޖޭމްސް ބޮންޑްގެ ނޯޓައިމް ޓު ޑައި އަދި ކްރިސްޓޮފާ ނޮލެންސްގެ އެކްޝަން ތްރިލަރ ޓެނެންޓްސް އަދި ފާސްޓް އެންޑް ފިއުރިއަސް ނައިން ފަދަ ފިލްމްތަކުގެ ރިލީސް އަންނަ އަހަރުގެ ކުރީކޮޅަށް ފަސްކުރުމަށް ވަނީ ނިންމާފައެވެ.

މި ފިލްމްތަކުގެ ރިލީސް ފަސްކުރުމަށް ނިންމާފައިވާއިރު، ބައެއް ފިލްމުތައް އޮންލައިންކޮށް ރިލީޒްކުރުމަކީވެސް ސިނަމާތަކަށް މި ދަނޑިވަޅުގައި ގެއްލުން ބޮޑުވާކަމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެގޮތުން ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔަ އަދި ކުޑަކުދިންގެ މެދުގައިވެސް މަޤުބޫލު ކާޓޫން މޫލާންގެ ލައިވް އެކްޝަން ފިލްމް މިދިޔަ މަހު ޑިޒްނީ ޕްލަސްއިން އޮންލައިންކޮށް ވަނީ ރިލީޒްކޮށްފައެވެ.