ވިޔަފާރި

ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނަ މީހުން ރާއްޖެ އައީ މިދިޔަ އާދިއްތަދުވަހު


ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އެއްދުވަހެއްގައި ރާއްޖެ އައިސްފައިވަނީ މިދިޔަ އާދިއްތަ ދުވަހުކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބުނީ މިދިޔަ އާދިއްތަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް 867 މީހުން އައިސްފައިވާކަމަށެވެ. މީގެތެރެއިން 859 މީހުން އައިސްފައިވަނީ އިންޓަނޭޝަނަލް ފްލައިޓްތަކުގައެވެ. އަދި 8 މީހަކު އައިސްފައިވަނީ ޗާޓަރ ފްލައިޓް ނުވަތަ ޕްރައިވެޓް ޖެޓްތަކުގައެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ޖުލައި 15 އިން ސެޕްޓެމްބަރ 15 އަށް ރާއްޖެއަށް 13516 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މަހުން މަހަށް ބަލާނަމަ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަންނަނީ ބޯޑަރު ހުޅުވާލިފަހުން އިތުރުވަމުންނެވެ.

ސެޕްޓެމްބަރ މަހުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 3 ޤައުމުގެ ތެރޭގައި ހިމެނެނީ ޔޫއޭއީ ރަޝިއާ އަދި އެމެރިކާއެވެ.

ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން ވަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައްވެސް ފަށާފައެވެ. އޭގެތެރޭގައި ޤަތަރު އެއަރވޭސް، އެމިރޭޓްސް، އިއްތިހާދު އެއަރވޭސް، ސްރީލަންކަން އެއަރލައިން، ޓާކިޝް އެއަރލައިން، އެއަރ އިންޑިއާ، އިންޑިގޯ އަދި އޭރޯފްލޮޓް ހިމެނެއެވެ.