ދުނިޔެ

އެމެރިކާއާއެކު ޤައިދީން ބަދަލުކުރުމަށް ތައްޔާރު - އީރާން


އީރާނުގައި ހައްޔަރުކޮށްފައި ތިބި އެމެރިކާގެ ރައްޔިތުން ދޫކޮށްލުމަށް އެމެރިކާއިން އަބަދުވެސް ވަކާލާތުކުރެއެވެ. އޭގެ ތެރޭގައި ސިޔާސީ ހައްޔަރިންކަމުގައި އެމެރިކާއިން ބުނަމުންދާ އީރާނަށާއި އެމެރިކާއާ ދެ ޤައުމަށް ނިސްބަތްވާ ބަކާ ނަމާޒީއާއި އޭނާގެ ފިރިހެން ދަރިފުޅު، ސިއަމަކް ނަމާޒީ ހިމެނެއެވެ. ނަމަވެސް އެއްވެސް މީހަކު ސިޔާސީ ސަބަބަކަށް ބަންދުކޮށްފައިނުވާނެކަމަށާއި އެ ޤައުމުގައި ހައްޔަރުކޮށްފައިވާ ބޭރު ޤައުމުތަކަށް ނިސްބަތްވާ ގިނަ މީހުންނަކީ ޖާސޫސްކުރާ މީހުންގެ ގޮތުގައި ތުހުމަތުކުރެވޭ މީހުންކަމަށް އީރާނުންދަނީ ބުނަމުންނެވެ. އީރާނުން ބުނާގޮތުގައި އެމެރިކާގައި ހައްޔަރުކޮށްފައިތިބި އީރާނުގެ ރައްޔިތުން ޖަލަށް ލައިފައިވަނީ ބޭއިންސާފުންނެވެ. އެމެރިކާގެ ޖަލުތަކުގައި ތިބި އީރާނުގެ ގިނަ ރައްޔިތުންނަކީ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފުވުމުގެ ސަބަބުން ޢަދަބު ލިބެމުންދާ މީހުންނެވެ.

ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގައި އިންޓަނެޓު މެދުވެރިކޮށް ވާހަކަ ދައްކަވަމުން އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒާރިފް ވިދާޅުވީ އީރާނުގެ ޖަލުތަކުގައި ތިބި އެމެރިކާގެ ހުރިހާ ކުށްވެރިން ދޫކޮށްލުމަށް ތައްޔާރަށް ހުންނެވިކަމަށެވެ. އެމެރިކާގެ ޖަލުތަކުގައި ތިބި އީރާނުގެ ރައްޔިތުން ޖަލުގައި ތިބީ އަމިއްލަ ޤައުމަށް ޚިޔާނާތްތެރިވާން ދެކޮޅުހަދާތީކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާގެ ވާހަކަފުޅުގައި ޤައިދީން ބަދަލުކުރުމަށް އީރާނުން ތައްޔާރަށް އޮތްކަމަށްވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އީރާނާއި އެމެރިކާއަކީ ޒަމާނުއްސުރެ އެއްގަލަކަށް ނާރާ ދެޤައުމެވެ. 2015ވަނަ އަހަރު ދުނިޔޭގެ ގަދަ 6 ބާރާއެކު އީރާނުންވެފައިވާ ނިއުކުލިއާ އެއްބަސްވުމުން އޭގެ ތިން އަހަރު ފަހުން އެމެރިކާއިން ވަކިވުމުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުންވަނީ ގޯސްވެފައެވެ. އެއަށްފަހު އީރާނާ ދެކޮޅަށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިޤްތިޞާދުވަނީ އެއްކޮށް އިންދަޖެހިފައެވެ.

ނިއުކުލިއާ އެއްބަސްވުމުގެ ދަށުން އީރާނަށް ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އީރާނާ ދެކޮޅަށް އދ.އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން ރުޖޫޢަވެފައިވާކަމަށް މިހާރު އެމެރިކާއިން ދަނީ ބުނަމުންނެވެ. އެއާއިއެކު ވިދިގެން އެމެރިކާއިންވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅައިފައެވެ.

2018ވަނަ އަހަރުން ފެށިގެން އީރާނުގައި ހައްޔަރުކޮށްފައިހުރި އެމެރިކާގެ ކުރީގެ ކަނޑުގެ ސިފައިންގެ މީހެއްކަމަށްވާ މައިކަލް ވައިޓު މިދިޔަ ޖޫން މަހުގެ ތެރޭގައި އީރާނުންވަނީ މިނިވަންކޮށްފައެވެ. އޭނާ މިނިވަންކޮށްފައިވަނީ އެމެރިކާގައި ހުރި އީރާނާއި އެމެރިކާގެ ރަށްވެހިކަން އޮންނަ ޑޮކްޓަރެއްކަމަށްވާ މާޖިދު ތަހޭރީ އީރާނަށް ޒިޔާރަތްކުރުމުގެ ޙުއްދަދިނުމަށް ޝަރުތުކޮށްފައެވެ،

އޭގެ ކުރިން 2018ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެމެރިކާއާއި އީރާނުންވަނީ ޤައިދީން ބަދަލުކުރުމުގެ މަސައްކަތްތަކެއްކޮށް ޖާސޫސްކުރުމުގެ ތުހުމަތުގައި ތިން އަހަރު ވަންދެން އީރާނުގައި ހައްޔަރުކޮށްފައިހުރި އެމެރިކާގެ ޑިގްރީ ދަރިވަރެއްކަމަށްވާ ޒިޔު ވޭންގާއި ދަތިކުރުމުގެ ފިޔަވަޅުތަކަށް ތަބާ ނުވުމުގެ ކުށުގައި އެމެރިކާގައި ހައްޔަރުކުރި އީރާނުގެ ސްޓެމް-ސެލް ރިސާޗަރު މައްސޫދު ސުލައިމާނީވަނީ ބަދަލުކޮށްފައެވެ.