ވިޔަފާރި

ބޯޓިން އެސޯސިއޭޝަންގެ ކަންބޮޑުވުންތައް ޓޫރިޒަމް މިނިސްޓަރާއި ހިއްސާކޮށްފި


ނޭޝަނަލް ބޯޓިން އެސޯސިއޭޝަންގެ އިސްބޭފުޅުން، ޓޫރިޒަމް މިނިސްޓަރާއި ބައްދަލުކުރައްވައި ދާއިރާގެ ކަންބޮޑުވުންތައް ހިއްސާކުރައްވައިފިއެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްއާއި ބައްދަލުކުރައްވާފައިވަނީ އިއްޔެއެވެ. ބޯޓިން އެސޯސިއޭޝަނުން ވިދާޅުވީ މި ބައްދަލުވުމުގައި ބޯޓިން ދާއިރާއަށް ދިމާވެފައިވާ ކަންބޮޑުވުންތައް މިނިސްޓަރާއި ޙިއްސާކުރެއްވިކަމަށާއި، ހައްލު ގެނެވެންހުރި ކަންތައްތަކަށް މިނިސްޓްރީގެ ފަރާތުން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވާފައިވާކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

މި ބައްދަލުވުމުގައި ބޯޓިން އެސޯސިއޭޝަނުގެ ކަންބޮޑުވުންތަކުގެ ތެރޭގައި ހިއްސާކުރި ކަންކަމުގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ބައެއް ޤައުމުތަކުގައި ހުރި ބައެއް ޓްރެވެލް ރިސްޓްރިކްޝަންތައް ހިމެނެއެވެ. އަދި ފަތުރުވެރިން ރާއްޖެ އައުމުގެ 72 ގަޑިއިރު ކުރިން ޕީސީއާރު ޓެސްޓް ހެދުމަށް އޮތްއޮތުން 96 ގަޑިއިރު ކުރިއަށް ބަދަލުކުރުމަށް ވަނީ ހިޔާލު ހުށައަޅާފައެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރާ ފަތުރުވެރިންނަށް ޕީސީއާރު ޓެސްޓް އަވަހަށް އަދި މިހާރަށްވުރެ އަގުހެޔޮކޮށް ހެދޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްވެސް ބޯޓިން އެސޯސިއޭޝަނުން ޓޫރިޒަމް މިނިސްޓަރުގެ އަރިހުގައި ވަނީ އެދިފައެވެ. މީގެއިތުރުން ކޯވިޑް19ގެ ސަބަބުން އިތުރު ލޯނު ފެސިލިޓީތައް ނުވަތަ މިހާރު ދޫކުރަމުން އަންނަ ލޯނުގެ މިންވަރު އިތުރުކޮށްދިނުމަށްވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއިއެކު ސަފާރީތަކުންވެސް ވަނީ ވަކި ޙާއްސަ ހުއްދައެއްގެ ދަށުން ފަތުރުވެރިންނަށް ޙިދުމަތްދޭން ފަށާފައެވެ. މިހާރުވެސް ގިނަ އަދަދެއްގެ ސަފާރީތަކަށް ޙިދުމަތްދިނުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ.