ކުޅިވަރު

ޓީމެއް ބިނާކޮށް ބެލެންސް ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: ނޫނޯ


ރަނގަޅު ޓީމެއް ބިނާކޮށް މިހާރު ކުރެވެމުން ދަނީ ޓީމު ބެލެންސް ކުރުމުގެ މަސައްކަތް ކަމަށް ވުލްވްސްގެ ކޯޗު ނޫނޯ އެސްޕަރީޓޯ ސަންޓޯ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ނޫނޯ ބުނީ ކުލަބާއެކު ކުރުވެނު މަސައްކަތުން ރެކްރޫޓް ރަނގަޅު ކުރިވެފައިވާކަމަށެވެ. އޭނާ މިމޭރުން ވާހަކަދެއްކީ ދާދިފަހުން އެ ކުލަބުގެ ޑިއެގޯ ޖޯޓާ 45 މިލިއަން ޕައުންޑުގެ އަގަކަށް ލިވަޕޫލަށް ވިއްކާލުމާ ގުޅިގެން ކުރިމަތި ކުރިވި ސުވާލުތަކަށް ޖަވާބު ދެމުންނެވެ.

ނޫނޯ ބުނީ ޖޯޓާ ޓީމުން ދިޔަނަމަވެސް އެކަމާމެދު ހާސްނުވާކަމަށާއި އޭނާ އެދިޔައީ އޭނާއަށް އެންމެ ރަނގަޅު ކްލަބަށް ކަމަށެވެ. ޖޯޓާ ނެތްތަން ފޫބެއްދޭވަރުގެ ޒުވާން ކުޅުންތެރިން އޭނާގެ ސްކޮޑުގައި މިހާރު އެބަތިބިކަމަށް ހުސްވި ސީޒަނުގައި ލީގުގެ ހަވަނާއިގަ ނިންމާލި ކޯޗު ބުންޏެވެ. އޭނާ ބުނީ ކުލަބު އިތުރަށް ވަރުގަދަ ކުރުމަށް އަދިވެސް އިތުރު ކުޅުންތެރިން ބޭނުންވާ ކަމަށާއި ޓީމުތަކާއި ދެކޮޅަށް ނުކުމެވޭނީ ވާދަވެރި ސްކޮޑެއް އޮވެގެންކަމަށެވެ.

މިދިޔަ ސީޒަނުގައި ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ވާދަކުރި ކޯޗު ބުނީ މި ސީޒަނުގެ އަމާޒު ކަނޑައެޅިއްޖެކަމަށާއި އެ އަމާޒަށް ވާސިލުވުމަށް ޓީމަށް ބޭނުންވާ ކުޅުންތެރިން އޭނާއަށް އެނގޭކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކާ އެއްގޮތަށް ކަނޑައެޅި ޕްލޭނާ އެއްގޮތަށް ކަންތައްތައް ކުރިޔަށްދާނެ ކަމަށް އުއްމީދު ކުރާކަމަށް ވުލްވްސްގެ ކޯޗު ބުންޏެވެ.

ނޫނޯ ބުނީ ސްކޮޑު ވަރުގަދަކުރުމަށް މަސައްކަތް ކުރަންވީ ކޮންދިމާލަކުން ކަން ކުލަބުގެ ޗެއާމަނަށް ވަރަށް ރަނގަޅަށް އެނގޭކަމަށެވެ. ވުލްވްސް ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފައެވެ.