ޚަބަރު

ތައިލޭންޑުގައި ކުރަމުންދާ މުޒާހަރާތައް އަނެއްކާވެސް ހޫނުވެއްޖެ


ތައިލޭންޑުގައި ކުރަމުންދާ މުޒާހަރާތައް އަނެއްކާވެސް އިތުރަށް ހޫނުވެއްޖެއެވެ.

ރަސްކަމަށް ފާޑުކިޔުމަކީ ބެންކޮކުގެ ޤާނޫނުގައި މަނާކަމެވެ. ނަމަވެސް 2016ވަނަ އަހަރު ބައްޕާފުޅު އަވަހާރަވުމުން ރަސްކަމާ ޙަވާލުވެވަޑައިގެންނެވި ރަސްގެފާނު މަހާ ވަތިރަލޮންކޯނުއާމެދު ހިތްހަމަނުޖެހި، ފާއިތުވި ދެ މެސް ދުވަހުގެ ތެރޭގައި ތައިލޭންޑުގެ ދަރިވަރުންވަނީ ބޮޑެތި މުޒާހަރާތަކެއް ކޮށްފައެވެ. މުޒާހަރާތައް އިތުރަށް ހޫނުވެ ސެޕްޓެމްބަރު މަހުގެ 20ވަނަ ދުވަހު ތައިލޭންޑުގެ ބެންކޮކުގައި އެ ޤައުމުގެ އެތައް ހާސް ރައްޔިތުންނެއްވަނީ ރަސްކަމާމެދު ހިތްހަމަނުޖެހި މަގުތަކަށް ނުކުމެ ނުރުހުން ފައުޅުކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން ގޮވާލަމުންދިޔައީ ރަސްގެފާނަށް ލިބިފައިވާ ބާރުތައް ހަނިކުރުމަށެވެ. އޭގެ އިތުރުން ބޮޑުވަޒީރު ޕްރަޔުތު ޗަން-އޮޗާ މަޤާމުން ދުރުކޮށް އައު ޤާނޫނުއަސާއީއެއް އެކުލަވާލައި އިންތިޚާބެއް ބޭއްވުމަށްވަނީ ގޮވާލައިފައެއެވެ. މުޒާހަރާގެ ބައިވެރިންނަށް ހަތިޔާރު ނާޅާތިބި އެތައް ސަތޭކަ ފުލުހުންވަނީ ހުރަސްއަޅާފައެވެ. މުޒާހަރާގެ ބައިވެރިން ބޭނުންވާކަންކަން ހިމަނައި ލިޔެފައިވާ ސިޓީއެއް ފުލުހުންނާ ޙަވާލުކޮށްފައިވާކަމަށް ބުނެ މުޒާހަރާގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތަކުންވަނީ އެއީ ލިބުނު ކުރިއެރުމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އެމީހުން ބުނީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ އާދައިގެ ރައްޔިތުން ފޮނުވާ ސިޓީއެއް ޝާހީ ފަރާތްތަކަށް ފޯރުކޮށްދެވޭނެކަން ދެއްކުންކަމަށެވެ. މެޓްރޮޕޮލިޓަން ޕޮލިސް ބިއުރީގެ އިސްވެރިޔާ، ފެކްފޮންގް ފޮންގުފެތުރާ ވިދާޅުވީ އެ ސިޓީ ފުލުހުންގެ އިދާރާއަށް ޙަވާލުކުރާނެކަމަށާއި އެ ސިޓީއާގުޅޭގޮތުން ޢަމަލުކުރާނެގޮތެއް ނިންމާނީ އެ ފަރާތުންކަމަށެވެ.

ސަރުކާރުގެ ތަރުޖަމާނު އަނުޗާ ބުރަޕަޗައިސްރީ ވިދާޅުވީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުން ނުކުރާނެކަމަށެވެ. ނަމަވެސް މުޒާހަރާގައި ޤާނޫނާ ޚިލާފުވާ ފަރާތްތައް ފާހަގަކޮށް އެފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ ފުލުހުންގެ ޒިންމާއެއްކަމަށް އޭނާ ވިދާޅުވިއެވެ.